ޒަވާޖީ ހަޔާތް ރޫޅެން ދިމާވާ މައްސަލަ ތަކުގެ ތެރޭގައި ހިމެނޭ އެންމެ އާންމު މައްސަލައަކީ ތިމާގެ އަނބި މީހާ ނުވަތަ ހަޔާތުގެ ބައިވެރިޔާ ހިތްހަމަ ޖައްސައި ނުދެވުމެވެ. މިދަންނަވަނީ ޖިންސީ ގުޅުން ހިންގުމުގައި ބައިވެރިޔާ ހިތްހަމަ ޖައްސައި ނުދެވޭ ވާހަކައެވެ. މިކަން ދިމާވާން ވަކި އުމުރު ފުރައެއް ނޯވެއެވެ. އަދި މިއީ ފަރުވާ ނުހޯދޭނެ ދާއިމީ ބައްޔެއްވެސް ނޫނެވެ.

ދެމަފިރިއެއްގެ ގުޅުން ދެމި އޮތުމުގައި ދެމީހުންގެ ޖިންސީ ގުޅުމުގެ ދުޅަހެޔޮކަމަކީ އެންމެ މުހިންމު އެއް އަސާސެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަޔާތުގެ ބައިވެރިޔާއާއި މައްސަލަޖެހި ޒުވާބުކޮށް މާއަވަހަށް ރުޅި އިސްކުރެވި ވަރިފަށަށް އަރާ އެންމެ ބޮޑު ސަބަބަކީ ޖިންސީ ދުޅަހެޔޮކަމުގެ މައްސަލައެވެ.

މިމައްސަލަ އެންމެ ބޮޑަށް ދިމާވަނީ ފިރިހެނުންނަށެވެ. މިދެންނެވީ އަންހެނުންނަށް މިމައްސަލަ ދިމާ ނުވާ ވާހަކައެއް ނޫނެވެ. ހަޔާތުގެ ވަކި ހިސާބަކުން ބައިވެރިޔާއާއެކު އެއްދާން ކުރުމަށް ބުރޫ އަރާނަމަ ނޫނީ އެއްދާން ކުރުމަށް ގުދުރަތީ ގޮތުން ބޭނުން ނުވާނަމަ އެއީ ބޭސްފަރުވާ ހޯދަން ޖެހޭ މައްސަލައެކެވެ. މިމައްސަލަ ދިމާވަނީ އިރެކްޓައިލް ޑައިފަންކްޝަން، ނުވަތަ އީޑީގެ ސަބަބުންނެވެ. އީޑީ އަކީ މިހާރު ވަރަށް ފަސޭހައިން ފަރުވާ ދެވޭ ބައްޔެކެވެ. ބޭހާއި އިންޖެކްޝަނާއި ސާޖަރީއާއި ތެރަޕީތައްވެސް އެކަމަށް އެބަހުއްޓެވެ. އަދި އެބައްޔަށް ޚާއްޞަ ޑޮކްޓަރަކާ ހަމައަށް ވާސިލުވުމަކީ ވެސް މިހާރު އުނދަގޫ ކަމެއް ނޫނެވެ.

އީޑީ އަކީ ފިރިހެނުންގެ ޖިންސީ އެނދުންވެރިކަން ކުޑަވުން ނުވަތަ އެއްގޮތަކަށް ވެސް އެއިހުސާސް ޖިންސީ ގުނަވަނަށް ނުވަތަ ސިކުޑިއަށް ނުވުމެވެ. އެއީ އެއްގޮތަކަށް ވެސް މާޔޫސްވެ ހާސްވާންވީ ކަމެއް ނޫނެވެ. އެއީ ހަމަ އެހެން ވެސް ބަލި ތަކެކޭ އެއްފަދައިން ކުރިމަތިވާ ސިއްހީ މައްސަލައެކެވެ.

މިބައްޔަށް ފަރުވާ ހޯދުމަށް ގިނަ ބަޔަކު ބޭސް ބޭނުން ކުރާ ކަމީ އެއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ. ނަމަވެސް ސިއްރު ސިއްރުން ފާމަސީއަކަށް ވަދެ ބޭހެއް ގަނެލައިގެން ބޭނުން ކުރުމާއި އޮންލައިންކޮށް އެފަދަ ބޭހެއް ގަނެލައިގެން ބޭނުން ކޮށްލުމަކީ މިކަމުގެ ހައްލެއް ނޫނެވެ. އަދި އެއީ ފަހަރުގައި ވަރަށް ބޮޑެތި ގެއްލުންތައް ވެސް ލިބިދާނެ ކަމެކެވެ. މިހާރަކީ އެފަދަ ފޭކް ބޭސްތައް ވަރަށް ވެސް ގިނައިން އެނބުރޭ ޒަމާނަކަށް ވާތީ އެއީ ވެސް މީގެ އެއް މައްސަލައެވެ. އަދި މިފަދަ ބޭސްތައް ނޭނގި ނަމަވެސް ބޭނުން ކުރުމަކީ ސިއްހީ އެހެނިހެން މައްސަލަތައް ކުރިމަތިވެ ބޮޑެތި ސިއްހީ މައްސަލަތައް އުމުރަށް ތަހައްމަލު ކުރަން ޖެހިދާނެ ވެސް ހައްސާސް މައްސަލައެކެވެ.

އިރެކްޓައިލް ޑައިފަންކްޝަން މެދުވެރިވާ އެހެން މައްސަލަ ތަކެއް ވެސް އެބަހުއްޓެވެ. އެއީ ތިމާގެ އާންމު ދިރިއުޅުމާއި އާންމު ސިއްހަތާއި ވެސް ގުޅިފައިވާ ކަމެކެވެ. ބަރާބަރަށް ނިދި ނުލިބުމާއި ހާސްކަމުގައި ދިރިއުޅެން ޖެހުމާއި ސިއްހީ ގޮތުން ދުޅަހެއު ނުވުން ނުވަތަ ބަރުދަން އިތުރުވުމާއި އާންމުކޮށް ކަސްރަތު ނުކުރުން ވެސް މިއީ މިމައްސަލަ ކުރިމަތިވެދާނެ ކަންކަމެވެ. މީގެއިތުރުން ބައިވެރިއާއި ގައިގޯޅިވެ އުޅުން ކުޑަވުން ނުވަތަ ދުރުވުމަކީވެސް އީޑީއަށް ހުށަހެޅޭ ކަމެކެވެ. އެހެންވީމާ ފުރަތަމަ ބޭސްފަރުވާ އަކަށް ދިއުމުގެ ކުރިން މިދެންނެވި ދިރިއުޅުމުގެ ނޭއްގާނި އާދަތައް ބަދަލުކޮށް ދުޅަހެޔޮ ސިއްހަތަކަށް ރުޖޫޢަވާން އަވަސްވެގަންނާށެވެ.

ދެން އޮތީ ބޭސްފަރުވާއެވެ. ފާމަސީއަކުން ބޭހެއް ގަނެލައިގެން ބޭނުންކޮށްލައިގެން އެކަން ހައްލު ކުރަން އުޅުމުގެ ބަދަލުގައި ފުރަތަމަ ކަމާބެހޭ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. ރަނގަޅު ފިޒިޝަނެއް ނުވަތަ ޔޫރޯލޮޖިސްޓެއް އިހުތިޔާރު ކުރާށެވެ. ލަދު ނުގަނެ ހުރިހާ ވާހަކައެއް ޑޮކްޓަރަށް ކިޔައިދީ ޑޮކްޓަރު ކުރާ ސުވާލު ތަކަށް ރަނގަޅަށް ޖަވާބު ދޭށެވެ. އޭރުން ތިބާއަށް ކުރަން ޖެހޭ ފަރުވާއާއި ހަމައަށް ދެވުނީއެވެ.

އިރެކްޓައިލް ޑައިފަންކްޝަން ނުވަތަ އީޑީއަށް ފަރުވާދިނުމަށް އާންމުކޮށް ބޭނުންކުރާ ބޭސް ތަކަކީ ސިލްޑެންފިލް ނުވަތަ ވިޔަގްރާ، ވަރޑެންފިލް ނުވަތަ ލެވިޓްރާ، ޓެޑަލަފިލް ނުވަތަ ސިއަލިސް، އަދި އަވަނަފިލް ނުވަތަ ސްޓެންޑްރާއެވެ. މިބޭސް ތަކުގެ ތެރެއިން ވެސް ސިއަލިސްއާއި ވިއަގްރާއަކީ ދުނިޔޭގައި މިހާރު އީޑީގެ ފަރުވާގެ ގޮތުގައި ބޭނުންކުރާ އެންމެ އާންމު ދެ ބޭހެވެ.

މިދެ ބޭހުގެ ތެރެއިން ސިއަލިސްއަކީ އީޑީ މެޑިސިނެއްގެ ގޮތުގައި ނޫނީ އީޑީގެ ފަރުވާއެއްގެ ގޮތުގައި ގިނަ ދުވަހު އާދަކޮށް ބޭނުން ކުރެވިދާނެ ބޭހެކެވެ. މިއާއި ޚިލާފަށް ވިއަގްރާއަކީ އެއްދާން ކުރަން ބޭނުންވުމުން ބޭނުންކުރާ ބޭހެކެވެ. މިދެބޭހަކީ އެއްކަމެއް ހާސިލު ކުރުމަށް ބޭނުން ކުރާ ބޭހަކަށް ވިޔަސް މިއީ ވަރަށް ތަފާތު ނަތީޖާ ތަކެއް އެކުލެވޭ ދެބޭހެވެ. ސިއަލިސް އަކީ ވެސް އެއްދާން ކުރުމުގެ ކުރިން ވަގުތީ ގޮތުން ވެސް ބޭނުން ކުރެވޭ ބޭހެކެވެ. ނަމަވެސް ވިއަގްރާގެ ބާރު ހިފަހައްޓާނީ ބޭސް ބޭނުންކުރާތާ ހަތަރު ގަޑިއިރެއްހާއިރު ވަންދެނެވެ. ނަމަވެސް ސިއަލިސްގެ ބާރު 36 ގަޑިއެއްހާއިރު ވަންދެން ހުންނަ ކަމަށް ވެއެވެ. އަދި ބައެއް މީހުންނަށް 72 ގަޑިއިރަށް ވެސް މި ބޭހުގެ ބާރު ދަމަހައްޓައެވެ. ސިއަލިސް ވަގުތީ ގޮތުން ބޭނުން ކުރާނަމަ އެއްދާން ކުރުމުގެ ބައިގަޑިއެއްހާއިރު ކުރިން ބޭނުން ކުރުމުން ބޭހުގެ އަސަރު ކުރާނެއެވެ. ވިއަގްރާ ބޭނުން ކުރާނަމަ އެއްދާން ކުރުމުގެ ގަޑިއެއްހާއިރު ކުރިން ބޭނުންކުރަން ޖެހޭނެއެވެ.

ސިއަލިސް ބޭނުން ކުރުމުން 36 ގަޑިއިރު އެ ބޭހުގެ އަސަރު ހުރެއޭ ބުނާ ބަހުގެ މާނައަކީ 36 ގަޑިއިރު ވަންދެން އަބަދު އެދުންވެރިކަން ހުންނަ ވާހަކައެއް ނޫނެވެ. މިއިން ކޮންމެ ބޭހެއް ބޭނުން ކުރި ނަމަވެސް ބޭހުގެ ބާރު އަންނާނީ ނުވަތަ މަސައްކަތް ކުރަން ފަށާނީ އެއްދާން ކުރަން ބޭނުންވެ އެކަމާއިގެން އުޅެން ފެށުމުންނެވެ.

ސިއަލިސް ދާއިމީކޮށް ބޭނުން ކުރާނަމަ ޑޮކްޓަރުން ލަފާ ދެނީ ވީހާ ދަށް ޑޯޒެއް ބޭނުން ކުރުމަށެވެ. އެގޮތުން އާންމުކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ގޮތަށް ޑޮކްޓަރުން ބުނަނީ 2.5 މިލިގްރާމް ނުވަތަ 5 މިލިގްރާމް ގެ ޑޯޒެއް 24 ގަޑިއިރުގެ ދުރުމިނުގައި ބޭނުން ކުރުމަށެވެ. އާންމުކޮށް ބޭނުން ކުރާނަމަ 10 މިލިގްރާމް ނުވަތަ 20 މިލިގްރާމް ބޭނުން ކުރަން ޑޮކްޓަރުން އިރުޝާދު ދެނީ މީހާގެ ހާލަތާއި ނަތީޖާ ހާސިލުވާ މިންވަރަށް ބަލާފައެވެ. އާންމުކޮށް ސިއަލިސް ބޭނުން ކުރާނަމަ ކޮންމެ ޑޯޒެއްގެ ދެމެދުގައި 24 ގަޑިއިރު ހަމަކުރަން ޖެހޭނެއެވެ. އަދި ކޮންމެ ދުވަހަކު ވެސް އެއްގަޑިއެއްގައި ބޭސް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި 24 ގަޑިއިރު ތެރޭގައި ޑޯޒް ރިޕީޓް ކުރުމަކީ އޭގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމަކަށް ވާތީ އެކަން އެގޮތަށް ނުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ.

މި ބޭސްތަކަކީ ޕީޑީއީ ޓައިޕް-5 އިންހެރިޓާސް ބޭސް ތަކެކެވެ. މިބޭސްތަކުން ކޮށްދޭ ކަމަކީ ޖިންސީ ގުނަވަނަށް ލޭ ފޮނުވައިދިނުން ލޭގެ ޕްރެޝަރ އިތުރުކޮށްދިނުމެވެ. މީގެސަބަބުން ޖިންސީ އެދުންވެރިކަން އައިސް އެކަމަށް ޖިންސީ ގުނަވަން ތައްޔާރުވެއެވެ. އަދި ލޭގެ ޕްރެޝަރ އިތުރު ކޮށްދިނުމުން ވާންކަމުގެ އިހުސާސް ކުޑަވެ ގިނަ އިރު ޖިންސީ ގުނަވަން ހޭލާ ގޮތްވެއެވެ. އެމެރިކާގައި ބޭނުން ކުރުމަށް އެގައުމުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ކުރަނީ ހަމައެކަނި މިބާވަތުގެ އީޑީ ބޭސް ތަކެވެ.

އެދުންވެރިކަމުގެ ބާރު ގަދަކުރާނަމޭ ހިތައި ޑޯޒް މަތި ނުކުރާށެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ޑޯޒް ރިޕީޓް ވެސް ނުކުރާށެވެ. މީގެއިތުރުން ސިއަލިސް އާއި ވިއަގްރާ އެއްފަހަރާވެސް ބޭނުން ނުކުރާށެވެ. މީގެ ސަބަބުން ސިއްހީ ނުރައްކާތަކާއި ކުރިމަތިވެދާނެތީއެވެ. ސިއަލިސް އާންމުކޮށް ބޭނުން ކުރާނަމަ ޑޮކްޓަރުން ލަފާދޭ އެންމެ މަތީ ޑޯޒަކީ 20 މިލިގްރާމެވެ. އެވަރަށް ޑޯޒް މަތިކުރަނީ ވެސް މީހާގެ ސިއްހީ ހާލަތާއި ބޭހުން އަސަރު ކުރާ މިންވަރު ވަޒަން ކޮށްފައެވެ. ވިއަގްރާގެ ތަފާތު ޑޯޒްތައް ހުއްޓަސް އެމީހަކާއި ގުޅޭ މިންވަރަށް ނޫނީ ޑޯޒް ބޭނުން ނުކުރުން ވަރަށް މުހިންމެވެ. އެހެން ނޫންނަމަ ސިއްހީ ގޮތުން ނުކިއްސަރު މައްސަލަތައް ނުވަތަ ސައިޑް އިފެކްޓްސް ގެ މައްސަލަ ވަރަށް ބޮޑުވެދާނެއެވެ.

މިދެ ބޭހުގައިވެސް ސައިޑް އިފެކްޓްސް ނުވަތަ ސިއްހީ ގޮތުން ދިމާވާ މައްސަލަތައް ދާދި އެއްކަހަލައެވެ. އޭގެތެރޭގައި ބޯއެނބުރުމާއި ރޯގާ ވައްތަރު ވުމާއި މޭގައި ރިއްސުމާއި ނޭވާ ހާސްވުމާއި ލޮލުގެ ފެނުމަށް އަސަރު ކުރުމާއި ޕްރެސަރ މާބޮޑަށް ދަށްވުމާއި ކަންފަތުގެ އިވުމަށް އަސަރުކުރުމުގެ އިތުރުން ބުރަކަށީގައާއި މަސްތަކުގައި ރިއްސުން ހިމެނެއެވެ. މީގެއިތުރުން ހިތުގެ ބަލި ހުންނަ މީހުންނާއި ބްލަޑް ޕްރެޝަރ ހުންނަ މީހުން މިއިން ބޭހެއް ބޭނުން ކުރަން ވާނީ ޑޮކްޓަރުގެ ލަފާގެ މަތީންނެވެ. މީގެއިތުރުން ވަކި ބޭހެއް ބޭނުން ކުރަމުން ސިއަލިސް އާއި ވިއަގްރާ ކެއުމުން ލިބޭ ގެއްލުން ތަކެއް ވެސް ހުރެއެވެ. އެހެންވީމާ މިބޭސްތައް ބޭނުން ކުރުމުގެ ކުރިން ޑޮކްޓަރުގެ ކައިރިން ނުވަތަ ފާމަސިސްޓުގެ ކައިރިން އެކަން އޮޅުން ފިލުވާލުން ވަރަށް މުހިންމެވެ.

އީޑީ ބޭހުގެ ހައި ޑޯޒް ނުވަތަ މާ މަތީ ޑޯޒް ބޭނުން ކުރުމުން އެދުން ވެރިކަން މައިތިރި ނުވެ ވެސް ހުރެދާނެ އެވެ. އެގޮތަށް ހަތަރު ގަޑިއިރަށް ވުރެ ގިނައިރު ހުރެއްޖެ ނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. ނޫނީ ސިއްހީ ގޮތުން ބޮޑު ގެއްލުމެއް ވެސް ވެދާނެއެވެ.

މިނޫންވެސް އިރެކްޓައިލް ޑައިފަންކްޝަން ނުވަތަ އެއްދާން ކުރުމަށް ހުރަސް އަޅާ ބައްޔަށް ފަރުވާދޭ ގޮތްތައް މިހާރު އެބަހުއްޓެވެ. މިދެންނެވި ބޭސްތައް ބޭނުން ކޮށްގެން ރަނގަޅު ނަތީޖާއެއް ނުލިބޭ ނަމަ ދެން ކުރަންވީ ފަރުވާތައް ވެސް އެބަހުއްޓެވެ. އެމައުލޫމާތު އެހެން ލިއުމެއްގައި ހިމަނާލާނަމެވެ.

އީޑީ ނުވަތަ ޖިންސީ އެނދުންވެރިކަން ނައުމަކީ ސިއްހީ މައްސަލައެކެވެ. މިކަމާހެދި އެއްވެސް ހާލެއްގައި ޒަވާޖީ ހަޔާތް ރޫޅާލާކަށް ނުޖެހެއެވެ. އަދި ދެމީހުން ރުޅިއައިސް ވީދި ކުދިކުދިވާކަށް ވެސް ނުޖެހެއެވެ. މިއީ އެހެންވެސް ގިނަ ބަލިތަކެކޭ އެއްފަދައިން ޑޮކްޓަރުންގެ ލަފައާއި އިރުޝާދުގެ ދަށުން ފަރުވާ ހޯދައިގެން އެއްދާން ކުރުމުގެ އުފާ ހަމަ ދާއިމަށް ވެސް ހޯދޭނެ ބައްޔެކެވެ. އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ކަންކަމާއި ބެހޭ ގޮތުން ދެމަފިރިންގެ ދެމެދުގައި ވާހަކަ ދެއްކުމަކީ ވެސް އަދި އާންމުކޮށް ވާހަކަ ދެއްކުމަކީ އަދި މާ ލަދުވެތި އައިބު ކަމެކެވެ. ބަލި ރަނގަޅު ކުރެވޭނީ އެބައްޔެއްގެ ފަރުވާ ހޯދައިގެންނެވެ. ހަމަގައިމުވެސް މި ބަލީގެ ހައްލަކީ ވަރިފަށަށް އެރުމެއް ނޫނެވެ. އަދި މިބަލީގެ ހައްލަކީ ދެމީހުން އެއްދާން ނުކޮށް މުޅި އުމުރަށް ހިތްދަތި ކަމުގައި ދެކޮޓަރީގައި ނިދައި ވަކިން ދިރިއުޅުމެއް ވެސް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަމާ

31-Oct-2022

ޜާއްޖެއިން ފަރުވާލިބޭތަ


1

ޑެން

29-Oct-2022

އެއީ ދިރިއުޅުމުގެ ވައްޓަފާޅިން ވާކަމެއް. ސިގިރޭޓު ބުއިމާ, ފޮނިއެއްޗެހި ކެޔުމާއި. ޑްރަގު ނެގުމާއި, ހެލިފެލިވެނޫޅުން ހިމެނޭ. ތަރުކާރީ އާއި މޭވާ ނުކެއުން ވެސް ހިމެނޭ.


-7

ދެލަކީ ޗޫ

28-Oct-2022

ވަރަށް ބޮޑަށް އެދުން ވެރިކަން ހުރޭ އެކަމަކު ވެސް މާ އަވަހަށް ވެރެނީ ޖެހުމާ ނިންމުމާ ދެން ކިހާ ދެރަވާނެ😢.


11

އދމ

27-Oct-2022

އެދުން ވެރިކަން އާދޭ އެކަަމަކު މާއަވަހައް ނިމެނީ


11

އަހަރެން

27-Oct-2022

ޑޮއްޓަރަ ދެކުމުގެ ބެނުމެއްނެތެންނު ހުރިހާ ވާހަކަޔެ ތިއޮތި ބުނެވިފަ ދެން ފަމަސިޔަކަ ގޮސް ބޭސް ނަގަގެން ބޭނޫން ކުރިމަ ހުރިހާ ކަމެ ނިމުނީ



ޓްރެންޑިން