އަހުމަދު މަސްނޫމް   29 އޮކްޓޯބަރު 2022 - 15:44
މިދިޔަ އަހަރުގެ ޖެނުއަރީމަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ތެރެއަށް އާއްމުން ވަދެ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން އެމެރިކާގެ އޭރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ޢުމުރަށް ޓްވިޓާއިން ބޭރުކޮށްލާފައެވެ. ޓްރަމްޕަށް ޓްވީޓް ނުކުރެވޭ ގޮތަށް ޓްވީޓަރއިން ބޭރުކޮށްލީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިނގި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްކަމަށް ޓްވިޓަރއިން ވަނީ އޭރު ބުނެފައެވެ. ޓްވިޓާއިން ބޭރުކޮށްލުމުން ޓްރަމްޕް ކޯޓަށްވެސް ދިޔައެވެ. ނަމަވެސް އޭނާއަށް ކާމިޔާބެއް ނުލިބެއެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާގޮތުގައި ޓްވިޓަރއިން ޓްރަމްޕް ބޭރުކޮށްލާފައި އޮތް އޮތުން ވަރަށް އަވަހަށް ނިމުމަކަށް އައިސްދާނެއެވެ. ސަބަބަކީ އެމެރިކާގެ ބިލިއަނަރެއްކަމަށްވާ އިލާން މަސްކު ޓްވިޓާރ ގަނެ، އޭގެ ވެރިޔަކަށްވުމެވެ. އިލާންއަކީ ޓްރަމްޕް ފަދައިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ތާއީދުކޮށް، ޓްވިޓާއިން ގެންގުޅޭ ހިފެހެއްޓުމުގެ އުސޫލުތަކަށް ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެކެވެ.

ޓްވިޓަރގެ ވެރިކަމާއި ހަވާލުވުމަށްފަހު އިލޯން މަސްކު ކުރި ޓްވީޓެއްގައި ބުނީ ޓްރަމްޕްއަށް ޓްވިޓަރ ބޭނުން ނުކުރެވޭ ގޮތަށް އޮތް ނިންމުމާއި މެދު ގޮތެއް ނިންމުމަށް ކައުންސިލެއް އެކުލަވާލާނެކަމަށެވެ. އަދި އެ ކައުންސިލުން އެފަދަ ހުރިހާ މައްސަލައެއް ބަލާނެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ޓްވިޓަރއަށް އެނބުރި އައުމުގެ ފުރުސަތު ޓްރަމްޕަށް ލިބިވަޑައިގެންފިނަމަ އިތުރު ވިސްނުމަކަށްވެސް ނުގޮސް ޓްރަމްޕް އެނބުރި ޓްވިޓަރއަށް އަންނާނެއެވެ. އެއީ އާއްމު މީޑިއާތަކުގެ ބަދަލުގައި ޓްވިޓަރ މެދުވެރިކޮށް އޭނާ ދޭން ބޭނުންވާ މެސެޖުތައް އާއްމުންނަށް ފޯރުކޮށްދިނުމަކީ އެނާ ބޭނުންވާ ގޮތްކަމުގައިވާތީއެވެ. އަނެއްކޮޅުން އެއީ އޭނާ އެންމެ ބޮޑަށް ފާޑު ކިޔާ މީޑިއާތަކުގެ ސަމާލުކަންވެސް އޭނާ ހޯދާ ވަސީލަތެކެވެ. އެނާގެ ޓްވީޓްތަކަކީ އަބަދުވެސް މީޑިއާގެ ފަލަ ސުރުހީގައި އުޅޭ ޓްވީޓްތަކެކެވެ.

ދިރާސާކުރާ ބައެއް މީހުން ބުނާގޮތުން ހާލަތު މިހާރު ބަދަލުވެދާނެ އެވެ. އަދި ޓްރަމްޕް އެނބުރި ޓްވިޓަރއަށް ނައިސްދާނެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް ޓްރަމްޕް ބޭނުންވާ ވާހަކަތައް ދައްކަން "ޓުރުތް ސޯޝަލް"ގެ ނަމުގައި އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އޮވެއެވެ. މިއީ ޓްވިޓަރއާ ދާދީ އެއްގޮތަށް ހަދާފައިވާ ޕްލެޓްފޯމެކެވެ. އަދި އެއީ އޭނާގެ ވިޔަފާރިއަކަށްވުމުން އެ ޕްލެޓްފޯމަށް ލިބޭ ކުރިއެރުމާއި ފައިދާއަކީ ޓްރަޕްމަށް ސީދާ ފައިދާވާނެ ކަމެކެވެ. ނަމަވެސް މިހާތަނަށް އައިއިރު "ޓުރުތް ސޯޝަލް" މާބޮޑަށް ވަޔަކު ނުހިފައެވެ.

ޓްރަމްޕް އެނބުރި ޓްވިޓަރއަށް އަންނާނެތޯ ކުރެވޭ ސުވާލަކަށް މިހާތަނަށް އެނާ ސީދާ ޖަވާބެއް ނުދެއްވައެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ޓްވިޓަރގައި ޓްރަމްޕް ނޫޅުމަކީ އޭނާއަށް އޮތް ފައިދާއެކެވެ. އަދި އޭނާގެ މަގްބޫލްކަން ދަށަށް ނުގޮސް ހިފެހެއްޓުމަށް ޓްވީޓް ނުކުރުން ބުއްދިވެރިކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ. ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީންވެސް ގަބޫލުކުރާ ގޮތުގައި އެ ޕާޓީއަށްވެސް ރަނގަޅު ވާނީ ޓްރަމްޕް ޓްވީޓްގައި ނޫޅުނިއްޔާއެެވެ.

ކޮންމެ އަކަސް ޓްވިޓަރއަށް ޓްރަމްޕް އެނބުރި އަންނާނެތޯ ނުވަތަ ނޫންތޯގެ ޖަވާބު ލިބޭނީ ޓްވިޓަރގެ އައު ވެރިޔާ އިލޯން މަސްކު އައްޔަންކުރާ ކައުންސިލުން ނިންމާ ނިންމުމަކުންނެވެ. އެ ނިންމުން ނިންމާނެ ދުވަހެއް އަދި ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން