ކެނެޑާގެ ވެރިރަށް އޮޓާވާގައި އީރާނުގެ މުޒާހަރާތަކަށް ތާއީދުކޮށް ކުރަމުންދާ މުޒާހަރާގައި ހޮނިހިރު ދުވަހު ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ބައިވެރިވެވަޑައިގެންފިއެވެ. ބޮޑުވަޒީރު ވަނީ އީރާނުގައި 40 ދުވަހަށް ވުރެ ގިނަ ދުވަސްވީ މުޒާހަރާތަކަށް ތާއީދުކޮށް މުޒާހަރާގެ ބައިވެރިންނާ މުހާތަބުވެސް ކޮށްފައެވެ.



"އީރާނުގައި ތިބި އަންހެން ދަރިންނާއި މާމަމެންނާއި، އެކުވެރިން... އެމީހުން ހަނދާން ނައްތާނުލެވޭނެ،" މުޒާހަރާގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން ޓްރޫޑޯ ވިދާޅުވިއެވެ.



"ތިއެންމެންނާއެކު އަހަރުމެން މިތިބީ... އަދި އެކުގައި ތިބިކަން ދައްކުވައިދޭނަން،" ފާރިސީ ޝިޢާރުތައް ގޮވާލަމުން ތަޤްރީރު ނިންމާލުމުގެ ކުރިން ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ އަނބިކަނބަލުން ސޯފީ ޓްރޫޑޯ ވެސް މި މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވާ، މުޒާހަރާގެ ބައިވެރިންނާ މުހާތަބު ކުރިއެވެ.

"މިމުޒާހަރާތަކުގައި ބައިވެރިމިވަނީ އެއް އަންހެނެއްގެ ހައްގަށް އިންކާރު ކުރަމުންދާއިރު އެއީ ހުރިހާ އަންހެނުންނަށް އިހުތިރާމް ކުޑަކުރުމުގެ އަލާމާތެއް ކަމަށް ގަބޫލުކުރެވޭތީ،" ބޮޑުވަޒީރުގެ އަނބިކަނބަލުން ސޯފީ ޓްރޫޑޯގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއީ އީރާނުގެ މުޒާހަރާތަކަށް ތާއީދުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާއެއްގައި މިހާ ފާޅުކަންބޮޑު ގޮތެއްގައި ގައުމެއްގެ އިސްވެރިއަކު ބައިވެރިވި ފުރަތަމަ ފަހަރުކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އީރާނުން އަންހެނުން ހެދުން އެޅުމުގެ ހަރުކަށި ގަވާއިދާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މަހްސާ އަމީނީ، 22، ހައްޔަރުކޮށް، ބަންދުގައި ހުއްޓައި މަރުވުމުން ކުރަމުންދާ މިމުޒާހަރާތައް ހަ ހަފްތާއަށް ދިގުލައިގެން ގޮސްފައިވާއިރު، މިމުޒާހަތާތައް މިހާރު މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން