ލަންކާގެ ރައްޔިތުން، އެހެން ގައުމުތަކުގެ މީހުންނާ ކައިވެނިކުރުމަށް ކަނޑައެޅިފައިވާ ހުރަސްތަކަށް ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.

އެގޮތުން ލަންކާގެ ރެޖިންސްޓްރާ ޖެނެރަލް ޕީ.އެސް.ޕީ އަބޭވަރަދެނާ ވަނީ ލަންކާގެ ރައްޔިތުންނާއި އެހެން ގައުމުތަކުގެ މީހުންނާ ކައިވެނިކުރުމަށް ކަނޑައެޅިފައިވާ ހަރުކަށި ގަވާއިދުތައް އަންގައިދޭ ސާކިއުލާ އުވާލަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. މި ސާކިއުލާގައިވާ ގޮތުން ކައިވެނިކުރަން އެދޭ ބިދޭސީ ރައްޔިތު މީހާގެ ފަރާތުން ސިއްހީ ހާލަތު ކަށަވަރު ކުރުމަށްޓަކައި ކަމާބެހޭ އިދާރާއަކުން ހެލްތު ޑިކްލެރޭޝަނެއް ބޭނުންވެއެވެ. މީގެ އިތުރުން ބިދޭސީ ރައްޔިތެއްގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައި ނުވާކަން އަންގައިދޭ ސެކިއުރިޓީ ކްލިއަރެންސް ރިޕޯޓެއް ބޭނުންވާކަމަށްވެސް ސާކިއުލާގައި ވެއެވެ.

ނަމަވެސް މި ހުރަސްތަކަށް ލުއިތަކެއް ދޭން ޖެހޭކަން ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، ހެލްތު ޑިކްލެރޭޝަނަކާއި، އަދި ސެކިއުރިޓީ ކްލިއަރެންސް ރިޕޯޓުތަކާ ގުޅޭގޮތުން އާ ޕްރޮސެސްތައް ތައާރަފްކުރުމަށް ރެޖިސްޓްރާ ޖެނެރަލްގެ ޑިޕާޓްމަންޓުން ޑިފެންސް މިނިސްޓްރީއަށާއި، އަދި ހެލްތު މިނިސްޓްރީއަށް މިހާރު ވަނީ އަންގާފައެވެ. އަދި މިކަންކަން އެޓާނީ ޖެނެރަލް ޑިޕާޓްމަންޓަށް ވެސް އަންގާފައިވާކަން ރެޖިސްޓްރާ ޖެނެރަލް ޕީ.އެސް.ޕީ އަބޭވަރަދެނާ ހާމަކޮށްފައިވެއެވެ.

ގަވާއިދުތަކަށް ގެނެވޭ ބަދަލުތަކާއެކު ލަންކާގައި، އެގައުމުގެ ރައްޔިތުން، އެހެން ގައުމުތަކުގެ މީހުންނާ ކައިވެނިކުރުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު