ޕެރިހުގެ އެއާޕޯޓެއްގައި 18 އަހަރު ވަންދެން ދިރިއުޅެން މަޖުބޫރުވި އީރާނުގެ މީހަކު މަރުވެއްޖެ އެވެ.

ޑިޕްލޮމެޓިކް ގޮންޖެހުންތަކަކާއިއެކު ނުފުރި އެއަރޕޯޓެއްގައި ތާށިވެ، އެއާޕޯޓެއްގައި ދިރިއުޅެން މަޖުބޫރުވި މީހަކީ އީރާނުގެ މެހެރާން ކަރީމީ ނައްސެރީ ނަމަކަށް ކިޔާ މީހެކެވެ. އެގޮތުން 1988 ވަނަ އަހަރުން ފެށިގެން އޭނާ ދިރިއުޅެމުން އަައީ ރޮއިސީ ޗާލްސް ޑި ގޯލް އެއާޕޯޓުގެ ކުޑަ ސަރަހައްދެއްގައި އޭނާ ދިރިއުޅޭނެ ތަންކޮޅެއް ހަދައިގެންނެވެ.

މިމީހާގެ ތަޖުރިބާއަށް ބިނާކޮށް 2004 ވަނަ އަހަރު ޓޮމް ހެންކްސް ލީޑް ރޯލުން ފެނިގެންދިޔަ "ދަ ޓާމިނަލް" ގެ ނަމުގައި ފިލްމެއް ވެސް ވަނީ އުފައްދާފައެވެ.

1945 ވަނަ އަހަރު އީރާނުގެ ޕްރޮވިންސް ޚުޒެސްތާނަށް އުފަންވި މެހެރާން އެންމެ ފުރަތަމަ ޔޫރަޕަށް ފުރައިގެން ދިޔައީ މަންމަ ހޯދުމަށެވެ. ނަމަވެސް އިމިގްރޭޝަނަށް ބޭނުންވާ ސައްހަ ލިޔެކިޔުންތައް ނެތުމުން އިނގިރޭސިވިލާތާއި ނެދަލެންޑްސް އަދި ޖަރުމަނު ފަދަ ގައުމުތަކުން އޭނާ ބޭރުކޮށްފައިވާއިރު، ބެލްޖިއަމްގައިވެސް ބައެއް އަހަރުތައް މެހެރާން ހޭދަކުރިކަމަށްވެއެވެ. އެއަށްފަހު ފްރާންސަށް ގޮސް ސައްހަ ލިޔެކިޔުން ނެތިގެން ނުފުރުމާއެކު އެއާޕޯޓުގެ 2އެފް ޓާމިނަލް އޭނާގެ ގެއަކަށް ހަދައި ދިރިއުޅެމުން އައީ އެތަނުގައެވެ.

މެހެރާން ދިރިއުޅެމުން އައީ އެއަރޕޯޓުން ޖަމާކޮށްފައިވާ ތަކެތި ހިމެނޭ ޓްރޮލީތަކުން ވަށާލެވިފައިވާ ބެންޗެއްގައެވެ. އެއަރޕޯޓުގައި އޭނާ ދުވަސްތައް ހޭދަކުރަމުން ދިޔައީ ނޯޓްފޮތެއްގައި އޭނާގެ ދިރިއުޅުމުގެ ވާހަކަ ލިޔެ، އެކި ފޮތްތަކާއި ނޫސްތައް ކިޔަމުންނެވެ.

އޭނާގެ ދިރިއުޅުމުގެ ވާހަކައަށް ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަން ލިބުނީ، ހޮލީވުޑްގެ މަޝްހޫރު ތަރިންކަމަށްވާ ޓޮމް ހެންކްސް އާއި ކެތަރިން ޒެޓާ-ޖޯންސް ލީޑް ރޯލުން ފެނިގެންދާ ދަ ޓާމިނަލް ފިލްމާއެކުއެވެ. ފިލްމު ރިލީޒް ކުރުމާއެކު އޭނާ އާއި ވާހަކަ ދައްކަން ގިނަ ނޫސްވެރިންތަކެއް އޭނާ އާއި ބައްދަލު ކުރިއެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ ނޫސްވެރިންވެސް ހިމެނެއެވެ.

މީގެއިތުރުން 1999 ވަނަ އަހަރު ރެފިއުޖީ ސްޓޭޓަސް އާއި ފްރާންސްގައި ދިރިއުޅުމުގެ ހުއްދަ ލިބުނު ނަމަވެސް 2006 ވަނަ އަހަރާ ހަމައަށްވެސް މެހެރާން ދިރިއުޅެމުން އައީ އެއާޕޯޓުގައެވެ. 2006 ވަނަ އަހަރު މެހެރާން ބަލިވުމާއެކު އެއަރޕޯޓުން އޭނާ ނެރެ، ހޮސްޕިޓަލެއްގައި ފަރުވާދިންކަމަށްވެއެވެ. އެއަށްފަހު އޭނާ ދިރިއުޅެމުން އައީ ހޮސްޓެލެއްގައެވެ. އޭނާ ހޭދަކުރަމުން ދިޔައީ ފިލްމުން ލިބުނު ފައިސާ ބޭނުންކޮށްގެން ކަމަށް ފްރާންސްގެ ނޫހެއް ކަމަށްވާ ލިބަރޭޝަނުން ބުނެއެވެ.

މެހެރާން އަލުން އެނބުރި އެއާޕޯޓުގައި ދިރިއުޅެން ފެށީ މީގެ ދެތިން ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެގޮތުން އޭނާ މަރުވާންދެންވެސް ދިރިއުޅުނީ ދެން އެއާޕޯޓްގައި ކަމަށް އެއަރޕޯޓުގެ އޮފިޝަލަކު ހާމަކޮށްފައިވެއެވެ.

އޭނާ މަރުވިއިރު، އޭނާ އެއްކޮށްފައިހުރި އެތައް ހާސް ޔޫރޯއެއް ފެނިފައިވާ ކަމަށްވެއެވެ.



ކިޔުންތެރިންގެ ހިޔާލު