މެންޗެސްޓަރ ޔުނައިޓެޑްގެ ސްޓޭޑިއަމް، އޯލްޑް ޓްރެފަރޑްގެ ބޭރުގައި ހަރުކޮށްފައި ހުރި އެ ކްލަބަށް ކުޅޭ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ފޮޓޯއެއް އެތަނުން ނަގައިފިއެވެ.

ޔުނައިޓެޑްގެ ސްޓޭޑިއަމްގެ ބޭރުގައި ހަރުކޮށްފައި ހުރި މިއުރަލްގައި ޑޭވިޑް ބެކަމް ހިމެނޭގޮތަށް އެހެން ބައެއް މަޝްހޫރު ކުޅުންތެރިންވެސް ހިމެނޭއިރު، އެއިން ރޮނާލްޑޯ ފޮޓޯ ނަގާފައި މިވަނީ އިނގިރޭސި މީޑިއާއަކަށް ރޮނާލްޑޯ މިފަހުން ދިން އިންޓަވިއުއެއްގައި ކްލަބަށާއި ކޯޗަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ ދަނޑިވަޅެއްގައެވެ.

ހޯމަ ދުވަހު އާއްމުކުރި ރޮނާލްޑޯގެ އިންޓަވިއުގައި އޭނާ ބުނީ ކްލަބުން އޭނާއާ މެދު އަމަލުކުރަނީ ވަރަށް އިނާނެތިކޮށްކަމަށާއި، އޭނާއަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާކަމަށެވެ. އަދި 2013 ވަނަ އަހަރު އެލެކްސް ފާގަސަން ޔުނައިޓެޑްގެ ކޯޗުކަމުން ވަކިވިފަހުން އެ ކްލަބަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައިނުވާކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.



ރޮނާލްޑޯގެ މި ވާހަކަތަކާއި ގުޅިގެން ކްލަބް މެނޭޖްމަންޓުން ވަނީ ބައްދަލުވުމެއް ބާއްވާފައިކަމަށް ހަބަރުތައް ބުނެއެވެ. އަދި ޖެނުއަރީގެ ޓްރާންސްފަރ ބާޒާރުގައި ރޮނާލްޑޯ ދޫކޮށްލަން މެނޭޖްމަންޓުން ނިންމާފައިވާކަމަށްވެސް ބައެއް ހަބަރުތައް ބުނެއެވެ.

ރޮނާލްޑޯ ވާހަކަތަކާއި ގުޅިގެން ޔުނައިޓެޑުން އޭނާއާ މެދު އަޅާނެ ފިޔަވަޅެއް ހާމައެެއް ނުކުރެއެވެ. ނަމަވެސް އެ ކްލަބުން މިއަދު ވަނީ އެ ޓީމުގެ ރަސްމީ ސްޓޭޑިއަމްގެ ބޭރުގައި ހަރުކޮށްފައި ހުރި މިއުރަލްގައި އިން ރޮނާލްޑޯގެ ފޮޓޯ ނައްޓާލާފައެވެ. މިއީ އެޑިޑާސްއިން ތައްޔާރުކޮށްފައިވާ އެ ކްލަބުގެ ހޯމް ކިޓް އިޝްތިހާރުކުރަން ހަރުކޮށްފައިވާ މިއުރަލްއެކެވެ.

ސްޓޭޑިއަމްގެ ބޭރުގައި ހުރި ރޮނާލްޑޯގެ ފޮޓޯ ނެގުމާއި ގުޅޭގޮތުން ކްލަބުން ވާހަކަ ނުދެއްކިނަމަވެސް މިއީ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑުން ފޮނުވާލަން އުޅޭކަމުގެ ނިޝާނެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި މިއީ ރޮނާލްޑޯއާ މެދު އަޅާ ފިޔަވަޅުތަކުގެ ފެށުމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން