މުވައްޒަފުންނަށް ނުވަދެވޭނެގޮތަށް ޓްވިޓަރ ކުންފުނި ހިންގާ އިމާރާތްތައް ބަންދުކޮށްފިއެވެ.

އެގޮތުން ޓްވިޓާއިން ވަނީ އެކުންފުނީގެ މުވައްޒަފުންނަށް އެކުންފުނީގެ އޮފީސް އިމާރާތްތައް ވަގުތީ ގޮތުން ބަންދުކުރާނެ ކަމަށް އާންމުކޮށް އަންގާފައެވެ. މިއެންގުމުގައި އޮފީސް އިމާރާތްތައް ހުޅުވާނީ 21 ނޮވެމްބަރ ވާ ހޯމަ ދުވަހުކަމަށް ބުނެފައިވެއެވެ. ނަމަވެސް މިފަދައިން އޮފީސް އިމާރާތް ވަގުތީ ގޮތުން ބަންދު ކުރީ ކޮން ސަބަބަކާހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިފަދަ އެންގުމެއް އަންގާފައިވަނީ ޓްވިޓަރ ހިންގުމާ މިފަހަކުން ހަވާލުވި މަޝްހޫރު ވިޔަފާރިވެރިޔާ، އީލަން މާސްކް އެކުންފުނި ގަތުމާއެކު، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިވަމުންދާ ކަމަށާއި، އަދި މަގާމުތަކުން މުވައްޒަފުން ވަކިކުރަމުންދާކަމަށް ރިޕޯޓްތައް ބުނާ ދަނޑިވަޅެއްގަ އެވެ.

ހުސްވި ހަފްތާގައި އިލަން މަސްކް ވަނީ ޓްވިޓާގެ މުވައްޒަފުން ގިނަ ގަޑިއިރު މަސައްކަތް ކުރުމަށް މަޖުބޫރުކޮށް ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އަދި މިކަމާ އެއްބަސް ނުވާ މުވައްޒަފުން ކުންފުނި ދޫކޮށްލަން ޖެހޭނެ ކަމަށް އީލަން ބުނެފައިވެއެވެ. އަދި މި އާއުސޫލަށް ތަބާވުމަށް، ނޮވެމްބަރު މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސޮއި ނުކުރާ ފަރާތްތަކަށް ތިން މަސް ދުވަހުގެ މުސާރަ ދިނުމަށްފަހު މަގާމުން ވަކިކުރެވޭނެކަމަށް ޓްވިޓަރގެ މުވައްޒަފުންނަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން މި މަހުގެ ކުރީކޮޅު ޓްވިޓަރ ހިންގާ ކުންފުނިން ވަނީ އެކުންފުނިން ގާތްގަނޑަކަށް 50 އިންސައްތަ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެކަމަށްވެސް ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން