ހަމަލާތަކުން ލިބެމުންދާ ގެއްލުމުގެ ސަބަބުން ޔުކްރެއިންގެ ބޮޑުބަޔަކަށް ކަރަންޓު ނުލިބި ކަނު އަނދިރީގައި އެތައްބަޔަކު ދިރިއުޅެމުންދާކަމަށް ޔުކްރެއިނުން ހާމަކޮށްފިއެވެ.

ޔުކްރެއިނުން ބުނީ ރަޝިޔާއިން މިފަހަކުން ދެމުންދާ ހަމަލާތަކާއެކު، ހަކަތައިގެ ހިދުމަތް ފޯރުކޮށްދޭ އިންފްރާސްޓްރަކްޗާ ތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މަރާމާތު ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ފިނިހޫނުމިން ދަށްވަމުންދާ ދަނޑިވަޅެއްގައި އެތައް ޕްރޮވިންސެއްގައި ދިރިއުޅެމުންދާ އެތައް މިލިއަން ޔޫކްރޭންގެ ރައްޔިތުން ދަނީ ކަރަންޓުގެ ދަތިކަން ތަހައްމަލު ކުރަމުންކަމަށް އެގައުމުން ވަނީ ރިޕޯޓުކޮށްފައެވެ.

"ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެކަނި ވެސް ރަޝިޔާއިން ވަނީ ޔޫކްރޭންގެ ސިޓީތަކަށް ގާތްގަނޑަކަށް 100 މިސައިލް ފޮނުވާލާފަ. އަހަރެމެންގެ ހަކަތަ ނިޒާމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ވަނީ ނުކުޅެދުންތެރިވެފަ،" ޔުކްރެއިނުގެ ބޮޑުވަޒީރު ދެނީސް ޝްމީޚަލް ވިދާޅުވިއެވެ.

ނަމަވެސް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ ޔުކްރެއިނުގެ މިތުހުމަތު ދޮގުކޮަށް، ހަމަލާ އަމާޒުކުރަނީ ހަމައެކަނި އަސްކަރިއްޔާއާ ގުޅުން ހުރި ފެސިލިޓީތަކަށް ކަމަށް ބުނެފައެވެ. އަދި ދެމުންދާ ސިލްސިލާ ހަމަލާތަކުގައިވެސް ހަމަލާ އަމާޒުކޮށްފައިވަނީ ކަނޑައެޅިފައިވާ ސަރަހައްދުތަކަށްކަމަށްވެސް ބުނެފައި ވެއެވެ.

ޔޫކްރޭންގެ ރައީސް ވިދާޅުވީ ޔުކްރެއިނުގެ 17 ޕްރޮވިންސާއި ވެރިރަށް ކިއެވް އިން ކަރަންޓް ކަނޑާލުމާ ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އިންޖިނިއަރުން މަސައްކަތް ކުރަމުންދަނީ ކަރަންޓް ގްރިޑް މަރާމާތުކޮށް ކަރަންޓް އަލުން ދިނުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން