އިބްރާހިމް ފަހީމް   23 ނޮވެމްބަރު 2022 - 4:15
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލަން އެ ކުލަބުން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނީ ދެ ފަރާތުން އެއްބަސްވާ ގޮތުގެ މަތިން ރޮނާލްޑޯގެ އެއްބަސްވުން އުވާލުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ޔުނައިޓެޑުން ވަނީ ރޮނާލްޑޯ ކުލަބަށް ކޮށްދީފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ. ހަމައެއާއެކު މުސްތަގުބަލުގައި ރޮނާލްޑޯ އަށް ކާމިޔާބަށް އެދޭ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ޔުނައިޓެޑުން ބުނީ ކުލަބުގެ ހުރިހާ އެންމެންގެ ފޯކަސް ހުރީ ކޯޗު އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ރަނގަޅު ކާމިޔާބީތަކެއް ހޯދައި، ގުޅިގެން ކާމިޔާބަށް ވާސިލްވުމަށް ކަމަށެވެ.

ޔުނައިޓެޑާއި ރޮނާލްޑޯއާ ދެމެދު މައްސަލަ ގޯސްވީ ދާދިފަހުން ރޮނާލްޑޯ ދިން އިންޓަވިއުއެއްގެ ބައިތައް އާންމުވުމާ ގުޅިގެންނެވެ. އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ގިނަ ކަންކަމަށް ފާޑުކިޔައިފައެވެ. އަދި ޓީމުގެ ކޯޗު އެރިކް ޓެން ހާގަށް އިހުތިރާމް ނުކުރާ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ދެވަނަ ފަހަރަށް ރޮނާލްޑޯ ޔުނައިޓެޑާއި ގުޅުނީ މިދިޔަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން