މިހާރު ކުރިއަށްދާ ވޯލްޑްކަޕުގައި ސައުދީ އަރަބިއްޔާ އަތުން އާޖެންޓީނާ ބަލިވުމަަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ލަދުވެތިކަމާއި، ހިތްދަތިކަން ކަމަށް ކުޅިވަރުގެ ޑާޓާ އެއްކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.

ވޯލްޑްކަޕްގެ ގުރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވެ އާޖެންޓީނާއަށް ބޮޑު ލަދަކާ ކުރިމަތިލާން ޖެހުނީ އިއްޔެ ހަވީރު ކުޅުނު މެޗުގައެވެ. އިއްޔެ ހަވީރު ކުޅުނު މި މެޗު ސައުދީން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އެމެޗާއެކު، ދުނިޔޭގެ ތިން ވަނައިގައި އޮތް، ތިން އަހަރު ވަންދެން ބަލިނުވެ އޮތް އަދި މިއަހަރުގެ ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކުރާނެކަމަށް އުއްމީދުކުރި، ދުނިޔޭގެ އެންމެ މަގުބޫލު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނަލް މެސީގެ ކެޕްޓަނު ކަމުގައި އޮތް އާޖެންޓީނާ ބޮޑު ލަދެއްގައި ބެދުނީއެވެ. މެޗު ފެށުމުގެ ކުރިންވެސް އާޖެންޓީނާގެ ކެޕްޓަން މެސީގެ ކުޅުމަށް ގިނަބަޔަކު ފޮނިއުއްމީދެއް ކުރިނަމަވެސް، އެއުއްމީދުތައް ފެނަށް ދިޔަކަމަށް ސަޕޯޓަރުން ސިފަކުރެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ރޭންކިންގެ ގޮތުންވެސް، ދެ ޓީމު އޮތީ 48 ޖާގައިގެ ތަފާތެއްގައިކަމެވެ. ސައުދީން އާޖެންޓީނާ ބަލިކުރީ، މެޗު ފެށުމުގެ ކުރިން އާޖެންޓީނާ ބަލިކޮށް ސައުދީ ޓީމު މޮޅުވުމުގެ ފުރުސަތު އޮތީ 8.7 އިންސައްތައިގައިކަން ފުޓުބޯޅައިގެ މާހިރުން ލަފާކޮށްފައިވަނިކޮށެވެ.

އާޖެންޓީނާއިން ވަނީ ދެއަހަރު ވޯލްޑް ކަޕް ތަށިވެސް އުފުލާލާފައެވެ. އެއީ 1986 ވަނަ އަހަރުގެ މުބާރާތާއި، 1978 ވަނަ އަހަރުގެ މުބާރާތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން