މެލޭރިއާގެ ފަރުވާއަށް ބޭނުންކުރާ ކްލޮރޯކުއިން
މެލޭރިއާގެ ފަރުވާއަށް ބޭނުންކުރާ ކްލޮރޯކުއިން
މެލޭރިއާގެ ފަރުވާއަށް ބޭނުންކުރާ ކްލޮރޯކުއިންގެ ފޭކް ޓެބްލެޓްސް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ރާއްޖޭގެ ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ބުނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އަސާސީ ބޭސް ލިސްޓުގައި ހިމެނޭ ކްލޮރޯކުއިން (Chloroquine) އަކީ ޕްލާސްމޯޑިއަމް ވައިވެކްސް އިންފެކްޝަން (މެލޭރިއާ) ގެ ފަރުވާއަކަށް ބޭނުން ކުރާ ބޭހެއް ކަމަށާއި އެ ބޭހުގެ ފޭކު ވައްތަރެއް އެފްރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ދައުރުވަމުންދާ ކަމަށް ޑަބްލިޔުއެޗްއޯގެ އެލާޓް ނަންބަރު، RPG/REG/ISF/Alert No4.2020 ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މިހާތަނަށް މި ދެ ބައްރުގެ ހަ ގައުމަކުން އެ ބޭހުގެ ފޭކް ޓެބްލެޓްސް ފެނިފައިވާ ކަމަށާއި، އެގޮތުން ފޭކް ބޭސް ފެނިފައިވަނީ ބުރްކިނާފަސޯ، ކެމަރޫން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި ފްރާންސްގެ އިތުރުން ނިގާ އިން ކަމަށް ޑަބްލިއުއެޗްއޯ ގެ އެލަރޓް ގައި ވެއެވެ.

މިނިސްޓްރީން ބުނީ، މިބޭހަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ޕްރީ-އޮތޮރައިޒޭޝަން ނަގައިގެން ނޭޝަނަލް ޕްރޮގްރާމްގެ ބޭނުމަށް އެތެރެކުރާ ބޭހެއް ކަމަށާއި، ނަމަވެސް ޑަބްލިޔުއެޗްއޯގެ އެލާޓުގައި ފާހަގަކޮށްފައިވާ ފޯލްސިފައިޑް ބޭސް އުފައްދާ ކުންފުނިތަކަކީ، ރާއްޖެއަށް ބޭސް އިމްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުނިތަކެއް ނޫން ކަމަށެވެ.

އެހެންކަމުން ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އެތެރެކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން