ތެލުގެ އަގު ދަށްކޮށްފިނަމަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން ދެއްވައިފިއެވެ.

ޕޫޓިން މިފަދައިން ވިދާޅުވެފައިވަނީ އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސުދާނީއާއި ފޯނުން ގުޅުއްވާ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޕޫޓިން ވިދާޅުވީ ތެލުގެ އަގު ކަނޑައެޅުމަށް ހުޅަނގުން ރާވާފައިވާ ޕްލޭންތަކުގެ ސަބަބުން ހަކަތަ ވިޔަފާރި ކުރާ މާކެޓްތަކަށް ބޮޑެތި ގެއްލުން ކުރިމަތިވެދާނެ ކަމަށެވެ.

"ޕޫޓިން ފާހަގަކުރެއްވި ގޮތުގައި މިފަދަ އަމަލުތަކަކީ މާކެޓް ގުޅުންތަކުގެ އުސޫލުތަކާ ހިލާފު އަމަލުތަކެއް ކަމަށް. މިކަމުން ދުނިޔޭގެ ހަކަތަ މާކެޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑު،" އިރާނުގެ ބޮޑުވަޒީރާއި ޕޫޓިން އާއި ދެމެދު ދެކެވުނު ފޯން ކޯލަށް ރިއާޔަތްކޮށް ރަޝިޔާގެ ރައީސް އޮފީހުން އާންމުކުރި ބަޔާނުގައިވެއެވެ.

މި ބައްދަލުވުމުގައި، ޕޫޓިން އަދި ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސުދާނީ ވަނީ ދުނިޔޭގެ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށް ދެގައުމު އެކުގައި މަސައްކަތްކުރަން އެއްބަަސްވެވަޑައިގެންފައެވެ.

ފެބްރުއަރީގައި ޔޫކްރޭން ހިފުމަށް ރަޝިޔާއިން ސިފައިން ފޮނުވުމާއެކު ހުޅަނގުގެ ގައުމުތަކުން ވަނީ އެތައް ގޮތަކުން ދަތިކުރުމުގެ ފިޔަވަޅުތަކެއް ރަޝިޔާއަށް އަޅާފައެވެ. މީގެ ތެރޭގައި އެކިކަހަލަ ވިޔަފާރިތަކަށްވެސް ވަނީ ހުރަސް އަޅާފައެވެ.

އެގޮތުން މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ވަނީ މޮސްކޯއަށް ފައިސާ ލިބޭ އެންމެ މުހިންމު މަސްދަރަށް ހުރަސްއެޅުމުގެ ގޮތުން ރަޝިޔާގެ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި އަގު ކަނޑައެޅުމާއެކު ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެއަގަށް އަމަލުކުރަން ނިންމާފައިވެއެވެ. މިފަދައިން ތެޔޮ ވިއްކާ އަގު ކޮންޓްރޯލް ކުރުމުގެ ސަބަބުން ކަނޑައެޅިފައިވާ އަގަށް ވުރެ ބޮޑުކޮށް ވިއްކާ ރަޝިޔާގެ ތެޔޮ ޝިޕްމަންޓް ބަރުކޮށްގެން ދަތުރުކުރުން ނުވަތަ އިންޝުއަރެންސް ދިނުން މަނާކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން