ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕާއި ގުޅުވައިގެން އެޗްޑީސީން ކުރިއަށްގެންދާ "ބޯޅަފޯރި" ހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ހަވީރެއް މިއަދު ބޭއްވުމަށް ތައްޔާރުވަމުންދާކަން އެކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެޗްޑީސީން ބުނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރު އޮންނާނީ މިއަދު ހަވީރު 17:00 އިން 18:00 އަށް ހިޔާ ސަރަހައްދުގައި ކަމަށެވެ. އަދި ކުޑަކުދިންގެ ހަވީރަކާއިއެކު ރޮބޯމޭންގެ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ. އެޗްޑީސީން ވަނީ މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިންނާއި އާއިލާތައް ބައިވެރިވުމަށް ދައުވަތު ދީފައެވެ.

ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕާއި ގުޅުވައިގެން އެޗްޑީސީން ކުރިއަށްގެންދާ "ބޯޅަފޯރި" ހަރަކާތުގެ ތެރެއިން ވޯލްޑް ކަޕް މެޗުތައް ހުޅުމާލޭގައި ދެއްކުމުގެ ގޮތުން "ބޯޅަފޯރީ"ގެ ނަމުގައި އެޗްޑީސީން ވަނީ ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓާފައެވެ. އެގޮތުން ހުޅުމާލެ ދެ ސަރަހައްދެއްގައި އެޗްޑީސީން ވަނީ 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ހަމަޖައްސާފައެވެ. މި ދެ ސްކްރީން ބަހައްޓާފައިވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގައެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުން ބޭނުންވާކަންކަން ދެނަގަނެ އެކަންކަން އާންމުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ވޯލްޑް ކަޕް ނިމެންދެން މިފަދަ ގިނަ ހަރަކާތްތައް އެކި ދުވަސްތަކުގެ މަތިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށް މަލޫމާތު ލިބިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން