މަދީނާގައި ހުންނަ އަލް މަސްޖިދުލް ނަބަވީ މިސްކިތުގެ ގޯތި ތެރޭގައި އަންހެނަކު ވިހައިފިއެވެ.

މާބަނޑު އެއަންހެން މީހާ ވިހައިފައިވަނީ މިސްކިތުގައި އަޅުކަން ކުރަން އިންދައި ކުއްލިއަކަށް ބަނޑުގައި ރިއްސައިގަތުމަށްފަހުގައެވެ. އަންހެން މީހާގެ ބަނޑުގައި ރިހެން ފެށުމާއެކު މިސްކިތުގައި ހަރަކާތްތެރިވާ ސައުދީ ރެޑް ކްރެސެންޓްގެ ވޮލަންޓިއަރުން ވަނީ އެއަންހެންމީހާއަށް އެހީތެރިވެދީފައެވެ.

ނަމަވެސް އެމްބިއުލާންސަށް އެރުވުމުގެ ކުރިން މިސްކިތުގެ ގޯތިތެރެއަށް އެއަންހެން މީހާ ވިހެއިކަމަށްވެއެވެ.

ސައުދީ ރެޑް ކްރެސެންޓް އޮތޯރިޓީގެ މަދީނާ ބްރާންޗުގެ ޑިރެކްޓަރު ޖެނެރަލް ޑރ. އަހުމަދު ބިން އަލީ އަލް ޒަހްރާނީ ވިދާޅުވީ، ރެޑްކްރެސެންޓް ޓީމަށް އަންހެން މީހާ ގާތަށް ދެވުނު އިރު، އެ އަންހެން މީހާ ވިހެއުމަށް ތައްޔާރުވެ، ސީރިއަސް ހާލަތަށް ގިސްފައިވާކަމަށެވެ.

އެގޮތުން އެމީހުންނަށް ދެވުނުއިރު ވިހެއުމަށް ބަނޑުގައި ރިއްސައި ފެންދުލި ފަޅައިގެންގޮސް ތުއްތު ކުއްޖާގެ ބޯ ވެސް ނިކުންނަން ފަށައިފި ކަމަށް ރެޑް ކްރެސެންޓް ޓީމުން ރިޕޯޓުކުރިކަމަށް ސައުދީ ރެޑް ކްރެސެންޓް އޮތޯރިޓީގެ މަދީނާ ބްރާންޗުން ހާމަކޮށްފައިވެއެވެ. މިއާއިއެކު އުސޫލާ އެއްގޮތަށް އަންހެން މީހާއަށް އެހީތެރިވުމަށް ރެޑް ކްރެސެންޓު ޓީމުން މަސައްކަތް ކުރިކަމަށް ޑރ. އަހުމަދު ބިން އަލީ އަލް ޒަހްރާނީ ވިދާޅުވިއެވެ.

ކާމިޔާބުކަމާއެކު ދަރިފުޅު ވިހެއުމަށްފަހު މަންމައާއި ދަރިފުޅު، އިތުރު ސިއްހީ ފަރުވާއަށް ބާބް ޖިބްރީލް ސިއްހީ މަރުކަޒަށް ގެންދެވުނުކަމަށްވެސް ޑރ. އަހުމަދު ބިން އަލީ އަލް ޒަހްރާނީ ވިދާޅުވިއެވެ.

ޑރ. ޒަހްރާނީ ވިދާޅުވީ ރެޑް ކްރެސެންޓު ޓީމަށް ރައްކާތެރިކަމާއެކު އަންހެން މީހާ ވިހެއުމުގައި އެހީތެރިވެވުނީ ޓީމަށް ލިބިފައިވާ ސްޕެޝަލައިޒްޑް ޓްރެއިނިންގެ ސަބަބުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން