އިޒްރޭލުން ފަލަސްތީނުގެ މަސާފަރު ޔައްޓާގައި ހުންނަ ޕްރައިމަރީ ސްކޫލެއް ފުނޑުފުނޑު ކޮށްލައި ހަލާކުކޮށްލުމުން ޔޫރޮޕިއަން ޔޫނިއަން (އީޔޫ) އިން އެކަން ކުށްވެރިކޮށް ފާޑުކިޔައިފިއެވެ.

ފަލަސްތީނުގެ މަސާފަރު ޔައްޓާގައި ހުންނަ ޕްރައިމަރީ ސްކޫލަކީ އެހީދޭ ފަރާތްތަކުގެ މާލީ އެހީތެރިކަމާއެކު ކުޑަކުދިންނަށް ހާއްސަކޮށް ހިންގާ ސްކޫލެކެވެ.

މިސްކޫލް ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލުމާއި ގުޅިގެން އީޔޫ އިން ވަނީ އިޒްރޭލުގެ އެއަމަލު ކުށްވެރިކޮށް، އެއަމަލުގެ ސަބަބުން ކުޑަކުދިންނަށް ތަޢުލީމު އުނގެނުމަށް އޮންނަ ހައްގުތަކަށް އަރައިގަނެފައިވާކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން އާންމުކޮށްފައިވާ ބަޔާނުގައި "އިޒްރާއީލުގެ މިއަމަލަކީ ބައިނަލް އަގުވާމީ ގާނޫނާއި ގަވާއިދުތަކާއި ހިލާފު އަމަލެއްކަމަށް އީޔޫ އިން ގަބޫލުކުރާކަމަށް" އީޔޫގެ އިސްތަރުޖަމާނު ޕީޓާ ސްޓޭނޯ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ފަލަސްތީނުގެ އިމާރާތްތައް ހަލާކު ކުރުމާއި، ފަލަސްތީނުގެ އާންމުން އެމީހުންގެ ގެތަކުން ބޭރުކުރުން ހުއްޓުވުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވެއެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ތަކުލީފު އިތުރުކުރުން ކަމަށާއި އިޒްރާއީލުގެ ކަމާބެހޭ ފަރާތްތަކުގެ މިއަމަލުތަކުގެ ސަބަބުން މަޝްރަހު އިތުރަށް ގޯސްވުން އެކަށީގެންވާ ކަމަށްވެސް އީޔޫގެ ފަރާތުން އީޔޫގެ އިސްތަރުޖަމާނު ޕީޓާ ސްޓޭނޯ ވިދާޅުވެފައިވެއެވެ.

ފަލަސްތީނުގެ ވެސްޓް ބޭންކުގައި ގާއިމުކޮށްފައިހުރި ޕްރައިމަރީ ސްކޫލް، އިޒްރޭލު ސިފައިން ހަލާކުކޮށްލާފައިވަނީ މިދިޔަ ބުދަދުވަހުއެވެ. ބުލްޑޯޒުތަކާއިއެކު ގޮސް ސްކޫލް ހަލާކުކޮށްލުމުގެ ކުރިން ސްކޫލްގައި ހުރި ފޮތް ފަންސޫރާއި، ގޮނޑިތަކާއި މޭޒުތައް، އިޒްރާއީލު ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން