އިބްރާހިމް ފަހީމް   29 ނޮވެމްބަރު 2022 - 4:17
ފީފާ ވޯލްޑްކަޕްގައި މިރޭ ސުވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗު ބްރެޒިލުން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށްވެސް މާ ރަނގަޅު ހަމަލާތަކެއް އުފެއްދުނުތަނެއް ނުފެނުނެވެ. ނަމަވެސް ހާފު ނިމެން ދިޔައިރު ދެ ޓީމުންވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހިއެވެ.

ފުރަތަމަ ހާފުގައި ހާއްސަކޮށް އެންމެ ފާހަގަ ކުރެވުނީ ބްރެޒިލްގެ ނޭމާ ނެތް ތަނެވެ. އޭނާ ނެތުމުން އެ މަގާމު ވަރަށް ބޮޑަށް ފަޅުކޮށް ދަނޑުމަތިން ފެންނަމުން ދިޔައެވެ.

ދެވަނަ ހާފު ބްރެޒިލުން ފެށީ މުޅި ގޭމް ޑޮމިނޭޓް ކުރަމުންނެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ކަސެމީރޯ ދިން ރީތި ބޯޅައެއްގައި ވިނިޝިއަސް ޖޫނިއާ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލިއެވެ. ނަމަވެސް ވީއޭއާރުން ނިންމީ އެއީ އޮފްސައިޑް ބޯޅައެއް ކަމަށެވެ.

ބްރެޒިލްގެ ސަޕޯޓަރުން އުފާފާޅުކޮށް ވެސް ނިމުނުފަހުން ވީއޭއާރުން އެގޮތަށް ނިންމުމުން ބްރެޒިލްގެ ސަޕޯޓަރުންނަށް ބޮޑު މާޔޫސްކަމެއް ލިބުނެވެ. ނަމަވެސް، ކުޅުންތެރިންގެ ކުޅުމުން އެކަން ނުދައްކާ ދިޔައީ ސުވިޒަލޭންޑްގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ނަތީޖާއެއްގެ ގޮތުން، ފަހު ހާފު ނިމެން ދަނިކޮށް ފުރަތަމަ ފަހަރަށް ބްރެޒިލުން ލީޑް ނެގިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ރޮޑްރިގޯ ދިން ރީތި ބޯޅައެއްގައި މި ގޯލް އެއް ފަހަރުން ޖަހާ ވައްދާލީ ކަސެމޯރީއެވެ.

މި ނަތީޖާއިން ބްރެޒިލް މިހާރު މިވަނީ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. ސުވިޒަލޭންޑް ބަލިވިނަމަވެސް އެ ޓީމް އަދި މުބާރާތުން ނުކަޓައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން