ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައިހިމެނޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިފަހަރުގެ ފީފާ ވޯލްޑްކަޕްގައި ކުރިމަތިވި ނާކާމިޔާބީ އާއިއެކު އޭނާގެ ސަޕޯޓަރުންނަށް އަސަރުގަދަ މެސެޖެއް ދޫކޮށްލައިފިއެވެ.

އިއްޔެރޭ މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅެ މޮރޮކޯ އަތުން ޕޯޗުގަލްވަނީ 1 – 0 އިން ބަލިވެފައެވެ. އޭގެ ކުރިން ޕޯޗުގަލް ކުޅުނު މެޗެކޭ އެއްގޮތަށް މޮރޮކޯ މެޗުގައި ވެސް ރޮނާލްޑޯ އަރުވާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

މިފަހަރުގެ ވޯލްޑްކަޕަކީ ރޮނާލްޑޯގެ އެންމެ ފަހުގެ ވޯލްޑްކަޕަށް ވީހިނދު އޭނާއަށް މިފަހަރުގެ މުބާރާތުގައި ދިމާވި ނާކާމިޔާބީއާއި ހާއްސަކޮށް ޕޯޗުގަލަށް ދިމާވި ދެރަގޮތުން ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް މާޔޫސް ވެފައެވެ.

މުބާރާތުން ކަޓައިގެން ދަނޑުން ފައިބައިގެން ރޮނާލްޑޯ ދިޔައީ ރޮމުންނެވެ. އެ މަންޒަރާއިއެކު ސަޕޯޓަރުންގެ ހިތް ކުދިކުދިވި އިރު އެންމެވެސް ތިބީ ރޮނާލްޑޯގެ ބަހެއް ލިބޭނެ ދުވަހަކަށެވެ.

މިއަދު ރޮނާލްޑޯ ފޭސްބޫކްގައި ލިޔުނު ޕޯސްޓެއްގައި ބުނީ، ޕޯޗުގަލަށް ވޯލްޑް ކަޕެއް ހޯދައިދިނުމަކީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު އަދި އެންމެ އުންމީދީ ހުވަފެން ކަމަށެވެ. އަދި ޕޯޗުގަލް ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ މައިދާނުގައި ގިނަ ތަށިތަކެއް ހޯދައިދެވުނު ނަމަވެސް ދުނިޔޭގެ އެންމެ މަތީ ހަރުފަތަށް އެ ގައުމުގެ ނަން ގެންދިޔުމަކީ ވެސް ވަރަށް ބޮޑު ހުވަފެނެއްކަމަށް ވަނީ ބުނެފައެވެ.

ރޮނާލްޑޯ ބުނީ އެކަމަށްޓަކައި ހަނގުރާމަ ކުރި ކަމަށެވެ. އަދި ދުވަހަކުވެސް އެ ހަނގުރާމައަށް މޫނު އަނބުރާނުލާނެ ކަމަށާއި އެ ހުވަފެން ދުވަހަކުވެސް ދޫކޮށް ނުލާނެކަމަށް ރޮނަލްޑޯ ބުނެފައިވެއެވެ.

ރޮނާލްޑޯ ވަނީ އޭނާގެ އެ ހަނގުރާމައިގައި އެކުގައި ގިނަ ބަޔަކު މަސައްކަތް ކުރިކަން ވެސް ފާހަގަކޮށްފައެވެ. އަދި އޭނާ ހުރީ ދަނޑުމަތީގައި އޭނާގެ ހުރިހާ ހިތްވަރެއް ދައްކަން ތައްޔާރަށް ކަމަށްވެސް ބުންޏެވެ.

ރޮނާލްޑޯ ބުނީ، ވަރަށް ގިނަ ވާހަކަތަކާއި ވަރަށް ގިނަ ކަންތައްތަކެއް ލިޔެވިފައި އެބަހުރި ކަމަށާއި ވަރަށް ގިނަ ކަންތައްތަކެއް އަންދާޒާ ކުރެވިފައި އެބަހުރި ކަމަށެވެ. އަދި ޕޯޗުގަލަށް ރޮނާލްޑޯ ކޮށްދޭ މަސައްކަތަށް އެންމެ ހިނދުކޮޅަކަށްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ރޮނާލްޑޯގެ މެސެޖު ނިންމާލަމުންވަނީ ޕޯޗުގަލްގެ ހުރިހާ ސަޕޯޓަރުންނަށާއި މުބާރާތް ބާއްވާ ގަތަރަށް ވެސް ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން