ބްރެޒިލްގެ ފުޓްބޯޅައިގެ ރަސްގެފާނު ކަމަށް ސިފަކުރާ، ޕެލޭގެ މަރާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުޒިޔާ ކިޔަމުންދާއިރު، ފުޓުބޯޅަ ކުރިއަރުވާ، މިދާއިރާއަށް ޕެލޭ ކޮށްދިން ޚިދުމަތް ފާހަގަކޮށް ޝުކުރު އަދާކުރަމުންދާ މީހުންވެސް މަދެއް ނޫނެވެ.

ތިން ވޯލްޑް ކަޕް ކާމިޔާބުކޮށް، ފުޓުބޯޅައިގައި ފުރަތަމަ ގްލޯބަލް އައިކޮނަކަށް ވެފައިވާ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ މަރުވީ ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް އުމުރުން 82 އަހަރުގައެވެ.

ރިޕޯޓުތައް ބުނާގޮތުން ޕެލޭ ވަނީ ނޭވާލާ ނިޒާމުގެ އިންފެކްޝަނަކާއި ގޮހޮރުގެ ކެންސަރާ ގުޅުން ހުރި އުދަނގޫތަކާ ގުޅިގެން ނޮވެމްބަރު މަހުގެ ފަހުކޮޅު ސައޯ ޕައުލޯގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެވެ. މިދިޔަ ހަފްތާގައި އެ ހޮސްޕިޓަލުން ބުނެފައި ވަނީ ކެންސަރު ބޮޑުވަރުވަމުން ދިޔަ ވަރަކަށް އޭނާގެ ސިއްހީ ހާލަތު ގޯސްވެފައިވާ ކަމަށެވެ.

ޕެލޭގެ މަރާއެކު އަލްބަޓް އައިންސްޓައިން ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ މަރުވީ ކެންސަރުގެ ހާލަތު ގޯސްވެ ދިއުމުގެ ސަބަބުން ގިނަ ގުނަވަންތަކެއް ފެއިލްވުމުން ކަމަށެވެ. ޕެލޭ މަރުވެފައިވަނީ ބުރާސްފަތި ދުވަހުކަމަށްވެސް އެހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

ޕެލޭގެ ނަމަކީ ފުޓްބޯޅައިގައި 60 އަހަރަށް ވުރެ ގިނަ ދުވަހު އަޑު ނުކެނޑުނު ނަމެކެވެ. ހަތަރު ވޯލްޑް ކަޕް ކުޅުނު އިރު، ތާރީހުގައި ތިން ވޯލްޑްކަޕް ހޯދި ހަމައެކަނި ކުޅުންތެރިޔާގެ އިތުރުން، ޕެލޭގެ ނަމަކީ މުބާރާތްތަކުން ތަށި ހޯދުމާއި ގޯލް ޖެހުމުގެ ރެކޯޑަށް ވުރެ މާ އުހުގައި ފިޔަޖަހަމުން ދިޔަ ނަމެކެވެ.

ފުޓްބޯޅަ ލެޖެންޑުގެ މަރާއެކު ތައުޒިއާގެ މެސެޖުތަކުގެ އިތުރުން ގިނަބަޔަކު ދަނީ އޭނާ އަށް ޝުކުރު އަދާކުރަމުންނެވެ. މީގެތެރޭގައި ޕެލޭގެ ފުރަތަމަ ކްލަބް ސަންޓޯސް އެފްސީގެ އިތުރުން، ފުޓުބޯޅަ ކުޅުންތެރިންނާ، ކޯޗުންނާއި، ފުޓުބޯޅައަށް ސަޕޯޓުކުރާ އެތައް ބަޔަކު ދަނީ ޕެލޭގެ މަސައްކަތް ފާހަގަކުރަމުންނެވެ.

ޕެލޭގެ ޖަނާޒާގެ ކަންކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާގެ ސައްދޯއް ފުރަތަމަ ބާއްވާނީ ބްރެޒިލްގެ ފުޓުބޯޅަ ދަނޑުގެ މެދުގައި ކަމަށާއި އެއަށްފަހު އަންގާރަ ދުވަހު އޭނާގެ ސަންދޯއް، ޕެލޭގެ އާއިލާ އާއެކު ސަހަރާގައި ބާއްވާ ޖަނާޒާއަށް ގެންދިއުމަށާއި، ވަޅުލުމަށް ގެންދެވޭނެކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން