އައިއެމްއެފުގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖިއެވާ.
އައިއެމްއެފުގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖިއެވާ.
ދުނިޔޭގެ އިގްތިސާދުގެ ތިންބައިކުޅަ އެއްބައި މި އަހަރު ދަށަށްދާނެ ކަމަށްބުނެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފުން އިންޒާރު ދީފިއެވެ.

އައިއެމްއެފުގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖިއެވާ ވިދާޅުވީ އެމެރިކާ، އީޔޫ އަދި ޗައިނާގެ އިގްތިސާދު މަޑުޖެހިފައިވާތަން ފެނުމުން 2023 ވަނަ އަހަރަކީ މިދިޔަ އަހަރަށް ވުރެ ގޮންޖެހުން ބޮޑު އަހަރަކަށް ވާނެ ކަމަށެވެ.



އައިއެމްއެފުން މިފަދަ އިންޒާރެއް ދީފައިވަނީ ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައާއެކު، ތަކެތީގެ އަގުތައް އުފުލުމާއި، އިންޓަރެސްޓް ރޭޓް މަތިވުމާއި، ޗައިނާގައި ކޯވިޑް ފެތުރުމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަސަރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ދުނިޔޭގެ އިގްތިސާދުގެ ތިންބައިކުޅަ އެއްބައި މިއަހަރު ދަށަށް ދާނެ،" ސީބީއެސްގެ ނިއުސް ޕްރޮގްރާމެއްގައި ޖޯޖިއެވާ ވިދާޅުވި އެވެ.

"އިގްތިސާދީ ގޮތުން މާބޮޑަށް ދަށް ނުވާ ގައުމުތަކުގައި ވެސް އެތައް ސަތޭކަ މިލިއަން ބަޔަކަށް އިގުތިސާދީ ހާލަތު ދައްވެފައިވާކަމުގެ އިހުސާސެއް ކުރެވޭނެ،" ޖޯޖިއެވާ އިތުރަށް ވިދާޅުވި އެވެ.

ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރުން ދުނިޔޭގެ މަރުކަޒީ ބޭންކުތަކުގެ އަގުތައް އުފުލިގެން ދިއުމާއެކު އިންޓަރެސްޓް ރޭޓް މަތިވުމުގެ ސަބަބުން ހުސްވި އަހަރުގެ އޮކްޓޯބަރ މަހު، އައިއެމްއެފުން ވަނީ 2023 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރައިގެން ދާނެ ކަމަށް އަންދާޒާކުރި މިންވަރު ދަށްކޮށްފައެވެ. އޭގެ ފަހުން ޗައިނާއިން ވަނީ ކޮވިޑް-19 ގެ ޒީރޯ ސިޔާސަތު އުވާލައި، ކޮރޯނާ ވައިރަސް އިންފެކްޝަންތައް އެގައުމުގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ނަމަވެސް އެގައުމުގެ އިގްތިސާދު އަލުން ހުޅުވާލަން ފަށާފައެވެ.

މިކަމަށް ރިއާޔަތްކޮށް ޖޯޖިއެވާ ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާއަށް 2023 ވަނަ އަހަރު އުނދަގޫ ފެށުމެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

"ކުރިއަށް އޮތް ދެތިން މަސް ދުވަހު ޗައިނާއަށް އުނދަގޫވާނެ، އަދި ޗައިނާގެ ކުރިއެރުމަށް ކުރާނެ ނޭދެވޭ އަސަރު. އަދި ސަރަހައްދީގޮތުންވެސް ނެދެވޭ އަސަރު ކުރާނެ. މިކަމުގެ ސަބަބުން ދުނިޔޭގެ ކުރިއެރުމަށްވެސް ނޭދެވޭ އަސަރު ކުރާނެ،" ޖޯޖިއެވާ ވިދާޅުވިއެވެ.



އައިއެމްއެފް އަކީ 190 މެމްބަރު ގައުމު ހިމެނޭ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އައިއެމްއެފަކީ ބައިނަލް އަގުވާމީ އެކި ޖަމިއްޔާ ޖަމާއަތްތަކާއި، އެކި ގައުމުތަކާއި ގުޅިގެން ދުނިޔޭގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރާބައެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން