އިންސާނުންގެ ލޭ، އާދަޔާ ހިލާފު ގޮތަކަށް ބަޔަކު ބޭނުންކުރާ ވާހަކައަކީ ހައިރާން ކުރުވަނިވި ވާހަކަ އަކަށް ނުވެދާނެއެވެ. އަދި އާކަމަކަށްވެސް ނުވެދާނެއެވެ. ނަމަވެސް އިންސާނުންގެ ލޭ ބޭނުން ކޮށްގެން ކުރެހުން އުފައްދާ ވާހަކަ އަޑުއިވުމުން ބައެއް ފަރާތްތައް ހައިރާންވެފަނެއެވެ.

ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވީ އިންޑިއާގެ ނޮން-ޕްރޮފިޓް ޖަމިއްޔާއަކުން އަންނަނީ އެ ޖަމިއްޔާގެ މެމްބަރުން ހަދިޔާކުރާ ލޭ ބޭނުންކޮށްގެން އެފަދަ ކުރެހުން އުފައްދަމުންނެވެ. ދިއްލީގައި ހުންނަ 'ޝަހީދު ސްމްރިތީ ޗެޓްނާ ސަމިޓީ' ނަމަކަށް ކިޔާ މިޖަމިއްޔާއިން އިންސާނުންގެ ލޭ ބޭނުންކޮށް ކުރެހުން ތައްޔާރުކުރަނީ އިންގިލާބީންނާއި ޝަހީދުންނަށް ޝަރަފުވެރިކަން ދިނުމުގެ ގޮތުންކަމަށްވެއެވެ. އިންސާނުންގެ ލޭ ބޭނުންކޮށް 250 އަށް ވުރެ ގިނަ އާޓްވޯކް، އެޖަމިއްޔާއިން މިހާތަނަށް ތައްޔާރުކޮށްފައިވެއެވެ. މިމަސައްކަތްތަކަކީ އިންޑިއާގެ އަޝްރަމް ތަކަށާއި ކުދި މިއުޒިއަމްތަކުގެ އިތުރުން، އެކިމައުރަޒުތަކުގައި ދައްކާލާ ކުރެހުންތަކެވެ.

"އަހަރެމެންގެ ކުރެހުންތައް ލެއިން ތައްޔާރު ކުރަނީ މީހުންގެ ތެރޭގައި ގައުމީ ލޯބި އުފެއްދުމަށް. ކުޑަކުދިންގެ ތެރޭގައި ގައުމަށް އޮތް ލޯބި އަންނަނީ ކުޑަވަމުން،" އެޖަމިއްޔާގެ އިސްވެރިޔާ ޕްރޭމް ކުމާރު ޝުކްލާ ފާހަގަކުރިއެވެ.



އެޖަމިއްޔާގެ ބާނީ، ރިޓަޔާޑް ސްކޫލް ޕްރިންސިޕަލެއް ކަމަށްވާ ރަވީ ޗަންދަރު ގުޕްތާ ވަނީ އޭނާގެ ސިއްހަތު ގޯސްވާން ފެށެންދެން 100 ކުރެހުމަކަށް ލޭ ހަދިޔާކޮށްފަ އެވެ.

"އަހަރެން މިކަން ފެށީ އާންމުން ޝައުގުވެރިކޮށް، އެމީހުންގެ ސަމާލުކަން ހޯދުމަށް. މީހުން ޝައުގުވެރިވޭ ކުރަހާލާ ޕޯޓްރެއިޓްތަކުގައި ލޭ ބޭނުންކޮށްފައި ހުރުމުން. ލެއަކީ އެކިކަހަލަ ޝުއޫރުތައް ބަޔާންކޮށްދެވޭނެ ނިޝާނެއް،" ގުޕްތާ މަރުވުމުގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ގުޕްތާއަށްފަހު އެޖަމިއްޔާ ހިންގުމުގެ މަސްއޫލިއްޔަތާއި ހަވާލުވި ޝުކްލާ އަކީ އުމުރުން 50 އަހަރުގެ ސްކޫލް ޓީޗަރެއްގެ އިތުރުން ޅެންވެރިއެކެވެ. އޭނާވެސް ވަނީ މިހާތަނަށް 100 ކުރެހުމަކަށް ލޭ ހަދިޔާކޮށްފައެވެ. އެގޮތުން އަހަރަކު 4 ފަހަރު، ކުރެހުންތައް ތައްޔާރުކުރަން ޝުކްލާ ލޭ ހަދިޔާ ކުރާކަމަށްވެއެވެ.

ޝުކްލާ ފަދަ ޑޯނަރުން ކުރެހުން ހަދަން ލޭ ހަދިޔާ ކުރަނީ ކުދި ލެބްތަކުގެ އެހީގައެވެ. އެގޮތުން އެމީހުންގެ ލޭ ނަގައި، ބްލަޑް ކްލޮޓް ނުވާނެގޮތަށް ފުޅި ފުޅީގައި ބަންދުކުރުމުގެ ކުރިން އެންޓި-ކޯގްލިއުލެންޓްސް އެއްކުރާކަމަށްވެއެވެ.

އެންމެ ދެ ތިން ކުރެހުނު ކުރަހާލަން، 100 އެމްއެލްގެ ލޭ ބޭނުންވާކަމަށް އެޖަމިއްޔާއިން މީގެކުރިން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު