އަފްޣާނިސްތާނުގެ ކުރީގެ މަޖިލިސް މެމްބަރު މުރްސަލް ނަބީޒާދާ ގަޔަށް ބަޑިޖަހައި މަރައިލައިފިއެވެ.

އުމުރުން 32 އަހަރުގެ މުރުސަލް ނަބީޒާދާ އަކީ 2021 ވަނަ އަހަރު ތާލިބާނުންގެ ބާރުގެދަށަަށް އަފްޣާނިސްތާނު ވެރިކަން އައުމަށް ފަހު ކާބުލްގައި މަޑުކުރި މަދު އަންހެން މަޖިލިސް މެމްބަރުންގެ ތެރެއިން އެކަކެވެ. އޭނާ މަރާލައިފައިވަނީ ގޭގައި ހުއްޓައެވެ.


މިހާދިސާގައި މުރްސަލް ނަބީޒާދާގެ ބޭބެ އަދި ސެކިއުރިޓީ ގާޑަކަށް ވަނީ އަނިޔާވެފައެވެ. މިހާދިސާ އާއި ގުޅިގެން ތާލިބާނުންގެ ބާރުގެދަށުގައި އޮތް އަފްޣާނިސްތާނު ސަރުކާރުން ވަނީ މިހާދިސާ ތަހުގީގު ކުރަމުންދާކަން ހާމަކޮށްފައެވެ.

މިހާދިސާގައި މަރުވި މެމްބަރުގެ ހަދާނުގައި އެކުގައި މަސައްކަތްކުރި ފަރާތްތަކާއި އެކުވެރިން ދަނީ އޭނާއަށް ތައުރީފުކުރަމުންނެވެ. އެމީހުން ބުނަމުންދަނީ މެމްބަރ މުރްސަލް ނަބީޒާދާ އަކީ ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު އައުމާއެކު، އެގައުމުން ފުރުމަށް ލިބުނު ފުރުސަތަށް ދެކޮޅު ހެދި ނަމޫނާއެއް ކަމަށެވެ. މީގެއިތުރުން މުރްސަލް ނަބީޒާދާއާއެކު މަސައްކަތްކުރި ކުރީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މަރިޔަމް ސޮލައިމަންކިލް ވަނީ ނަބީޒާދާ އަކީ ނުރައްކަލުގެ ކުރިމަތީގައި ވެސް ގަބޫލުކުރާ ކަންކަމަށް ތެދުވެވަޑައިގެންނެވި ހިތްވަރުގަދަ އަންހެނެއް ކަމަށް ސިފަކޮށްފައެވެ.

"އަފްޣާނިސްތާން ދޫކޮށް ދިއުމުގެ ފުރުސަތު ލިބުނު ނަމަވެސް، އޭނާ އިޚްތިޔާރު ކުރީ ރައްޔިތުންނަށްޓަކައި މަޑުކުރަން."

ނަބީޒާދާ އަކީ 2018 ވަނަ އަހަރު ކާބުލްގެ މަޖިލީހުގެ މެމްބަރަކަށް އިންތިޚާބުވެވަޑައިގެން ތާލިބާނުން ވެރިކަމާ ހަވާލުވަންދެން މަޖިލިސް މެމްބަރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި އޭނާ ވަނީ މަޖިލީހުގެ ޑިފެންސް ކޮމިޝަންގެ މެންބަރުގެ މަގާމުވެސް އަދާކޮށްފައެވެ. ނަމަވެސް 2021 ވަނަ އަހަރު ތާލިބާނުން ވެރިކަމަށް އައިފަހުން ހުރިހާ ދާއިރާއަކުން ކަހަލަގޮތަކަށް އަންހެނުން ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު