ގުރުއާން އަންދާލުމަށް ސްވިޑެން ސަރުކާރުން ހުއްދަދިނުމާ ގުޅިގެން ސްވިޑެންގެ މިނިސްޓަރުގެ ދަތުރު، ތުރުކީ ވިލާތުން ކެންސަލްކޮށްފިއެވެ.

ތުރުކީއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ ޑެންމާކުގެ ސްޓްރަމް ކުރސް ޕާޓީ ނުވަތަ ހާޑްލައިން ޕާޓީގެ ލީޑަރ ރަސްމޫސް ޕަލޫދާނަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީ ކައިރީގައި ޤުރުއާން އަންދާލުމުގެ އެ ގައުމުގެ ސަރުކާރުން ހުއްދަ ދިނުމުންނެވެ. ޑެންމާކުގެ ގާނޫނީ ވަކީލު ރަސްމޫސް ޕަލޫޑަން އިސްކޮށް ހަރަކާތްތެރިވާ އެ ޕާޓީގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި އިސްލާމްދީނާ ދެކޮޅަށް އެކި ހަރަކާތްތައް ހިންގައި މުޒާހަރާކުރުން ހިމެނެއެވެ.


އެގޮތުން އެޕާޓީގެ އެކްޓިވިސްޓުން ކުރި މުޒާހަރާއެއްގައި ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީ ކުރިމަތީގައި ޤުރުއާން އަންދާލި މައްސަލަ ތުރުކީން ވަނީ ކުށްވެރިކޮށްފައެވެ. މީގެއިތުރުން ސްވިޑެންގެ ޑިފެންސް މިނިސްޓަރު ތުރުކީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުވެސް ތުރުކީން ކެންސަލްކޮށްފައިވާކަމަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ އާންމުކޮށްފައެވެ.

ތުރުކީ އެމްބަސީ ދޮރުމަތީގައި ޤުރުއާން އަންދާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޑެންމާކުގެ ސިޔާސީ ޕާޓީ ހާޑްލައިންގެ ލީޑަރު ރަސްމުސް ޕަލޫދާން އެވެ. އެގޮތުން ޕަލޫދާން އިސްލާމް ދީނާއި ދެކޮޅަށް ތުރުކީ އެމްބަސީ ދޮރުމަތީގައި ކުރި މުޒާހަރާއަކީ ސްވީޑެންގެ ފުލުހުންގެ ހުއްދައާއި އެކު އެމީހުންގެ އެހީތެރިކަން ލިބިގެން ކުރިއަށްދިޔަ މުޒާހަރާއެކެވެ.

ޤުރުއާން އަންދައި ކުރި މުޒާހަރާ ކުށްވެރިކޮށް ސްވީޑެންގައި ތުރުކީއަށް ސަޕޯޓުކުރާ އެތައްބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. މީގެއިތުރުން ޤުރުއާން އެންދި މައްސަލަ ކުށްވެރިކޮށް އެތަކެއް އަރަބި އަދި މުސްލިމު ގައުމުތަކަކުން ދަނީ އަޑުއުފުލަމުންނެވެ.

ސްވިޑެންގެ ރައްޔިތުކަން ވެސް ލިބިފައިވާ ޕަލޫދާން ވަނީ މީގެ ކުރިން ވެސް މިފަދަ ގިނަ މުޒާހަރާތަކެއް ބާއްވާފަ އެވެ. އެގޮތުން މިދިޔަ އަހަރު، ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ޤުރުއާން އެންދުމުގެ ޓުއަރއެއް ކުރިއަށްގެންދިއުމަށްވެސް ޕަލޫދާން އިއުލާން ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު