ބެންކޮކްގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ސިއްހަތަށް ނުރައްކާ މިންވަރަށް ގޯސްވެފައިވާތީ ގޭގައި ތިބެގެން އޮފީސް މަސައްކަތް ކުރުމަށާއި ފޭސް މާސްކް އެޅުމަށް ތައިލެންޑް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

މީގެއިތުރުން އެއްގަމު ދަތުރުފަތުރާއެކު ވައިގެ ތެރެއަށް ދޫވާ ދުން މަދުކުރުމަށް، އެއްގަމުދަތުރުކުރުމަށް އަމިއްލަ ކާރުތަކާއި އެހެން ވެހިކަލް ތަކަށްވުރެ ޕަބްލިކް ޓްރާންޕޯޓް ބޭނުން ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއްޗެހި އެންދުމާއި، އިމާރާތް ކުރުމުގެ ހަރަކާތްތައް ފަދަ ވައި އިތުރަށް ތަޣައްޔަރުވެދާނެ ކަންކަން މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ތައިލެންޑް ސަރުކާރުން ހާމަކޮށްފައިވެއެެވެ.

ވައި ތަޣައްޔަރުވުމުގެ ސަބަބުން ނާޒުކު ފަރާތްތަކުގެ ސިއްހީ ހާލަތައް ބެލުމަށް އިލްތިމާސްކޮށްފައިވާއިރު އެފަރާތްތަކަށް ފޭސް މާސްކް ބެހުމަށް ހަމަޖެހިފައިވާކަމަށް ބެންކޮކްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ދަނޑުވެރިކަމުގައި ތަކެތި އެންދުމާއި ޖަންގަލިތަކުގައި އަލިފާން ރޯވުމަކީ ޑިސެމްބަރު މަހާއި އޭޕްރީލް މަހުގެ ތެރޭގައި ތައިލެންޑްގައި ވައި ތަޣައްޔަރުވުމުގެ ބޮޑު ސަބަބެކެވެ. މީގެއިތުރުން ފެކްޓްރީތަކާއި އިމާރާތްކުރުމާއި ޓްރެފިކްގެ ސަބަބުން ވައި ތަޣައްޔަރުވުމަށްް އިތުރު ހިތްވަރެއް ލިބިގެންދެއެވެ. ވައި ތަޣައްޔަރުވުމާ ގުޅިގެން ސިއްހީ މައްސަލަތައް ކުރިމަތިވާ ބަލިމީހުންގެ އަދަދު ހުސްވި ހަފްތާގައި ދެގުނައަށް ވުރެ އިތުރުވެ، ގާތްގަނޑަކަށް 213،000 އަށް އަރާފައިވާއިރު، އޭގެ ކުރީ ހަފްތާގައި ބަލިމީހުންގެ އަދަދު ގާތްގަނޑަކަށް 96،000 އަށް އަރާފައިވާކަމަށް ތައިލެންޑުގެ ތަފާސްހިސާބުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން