2024 ވަނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާނެކަން އިޢުލާން ކުރަށްވާފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ ކެމްޕޭން ފައްޓަވައިފިއެވެ.

ހޮނިހިރު ދުވަހު އެމެރިކާގެ ސައުތު ކެރޮލައިނާގައި ބޭއްވެވި ޖަލްސާއާއެކު ޓްރަމްޕްގެ ކެމްޕެއިން ރަސްމީކޮށް ފައްޓާފައިވާއިރު މިއީ ޓްރަމްޕް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާން ކުރެއްވުމަށްފަހު ބޭއްވެވި ފުރަތަމަ ކެމްޕޭން ޖަލްސާއެވެ.

ނަމަވެސް ޓްރަމްޕްގެ ފުރަތަމަ ކެމްޕޭނު ޖަލްސާ ގިނަބަޔަކު ސިފަކޮށްފައިވަނީ އެއްވެސް ބާރެއްނެތް ނުވަތަ އަޑުމަޑު ޖަލްސާއެއްގެ ގޮތުގައެވެ. ޓްރަމްޕަކީ މީގެ ކުރިން އެތައްހާސް ބައިވެރިންނާއެކު ކެމްޕޭނު ޖަލްސާތައް ބާއްވަވައިފައިވާ ބޭފުޅެއް ނަމަވެސް، އިއްޔެގެ ޖަލްސާއިން ފެނިގެން ދިޔައީ 200 އެއްހާ މީހުންކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޮވެމްބަރު މަހު ކެމްޕޭން އިއުލާން ކުރެއްވިނަމަވެސް ޓްރަމްޕްގެ ފަރާތުން ކެމްޕޭނުގެ އެއްވެސް ހަރަކާތެެއް ނުހިންގަވާ މަޑުން ހުންނެވުމާއި، އޭނާއަށް އޮތް ތާއީދަށް ބަލައި، ރިޕަބްލިކަން ޕާޓީގެ ގިނަ މެމްބަރުން ދަނީ މިހާރުގެ ރައީސް ޖޯ ބައިޑެން އަލުން ކުރިމަތިލައްވައިފިނަމަ ޓްރަމްޕަށް ބައިޑެން ބަލިކުރެއްވޭނެ ކަމާމެދު ސުވާލު އުފައްދަމުންނެވެ.

އެގޮތުން ރިޕަބްލިކަން ޕާޓީގެ ގިނަ ބަޔަކު ދަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އަމިއްލަ ބިޑްތައް ފެށުމާމެދު ވިސްނަމުން ކަމަށާއި އޭގެ ތެރޭގައި ޓްރަމްޕަށް އޮތް އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސަންޓިސް ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން