ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބުދު ﷲ ޔާމިންގެ މައްޗަށް އުފުލި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާގެ ކުށް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލުގެ ހުކުމާއިއެކު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް މިހާރު ވަނީ ގެއްލިފައެވެ. ރައީސް ޔާމިން އެ ހުކުމް އިއްވިތާ މަހަކަށްވުރެ ގިނަ ދުވަަސްވެފައިވާއިރު، އެމައްސަލަ އިސްތިއުނާފް މަރުހަލާ ދާ "ފިނިހަކަ" ސްޕީޑަށް ބަލާއިރު ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތަކީ ވަރަށް ހަނި ފުރުސަތެކެެވެ. އަދި ކުރިއަށް ވެސް އެތައް ތުހުމަތު ތަކެއްގެ ޝަރީއަތްތައް އެކި މަރުހަލާ ތަކުގައި ހުރުމުން ޔާމީންގެ ނަންފުޅު މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުކަރުދާސް ކޮޅުގައި އޮތުމަކީ ނާދިރު ކަމެކެވެ.

ނަމަވެސް ގަދަފައި ވިއްދާލާފައި އަޑަށް ކިތަންމެ ބާރުލާފައި ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމިން ކަމަށް ފަށްފަށްކޮށް ވިދާޅުވި ނަމަވެސް މަތީ މަރުހަލާގެ ކޯޓަކުުން ޔާމިންގެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެވިދާނެ ކަމަށް އަދުރޭ މެން ފަދަ ބޭފުޅުން ޖަހާ ހިސާބަކީ ރަނގަޅު ހިސާބަކަށް ނުވާނެއެވެ. މިގޮތަށް މިހިސާބު އެންމެ ގިނަ ގޮތްގޮތަށް ޖައްސަވާ ބޭފުޅަކީ އަދުރޭ ކަމަށްވާއިރު މިހާތަނަށް ވެސް އަދުރޭ ޖައްސަވާފައިވާ މިފަދަ ހިސާބު ތަކަކީ އެއްގޮތަކަށް ވެސް ދިމާވެފައިވާ ހިސާބުތަކަކަށް ނުވާތީ އަދުރޭގެ މިހިސާބު ގަބޫލުކުރާ މީހުން ވެސް ވަރަށް މަދެވެ.

ބޮޑެތި ޕްރެސްކޮންފަރެންސްތައް ބާއްވައިގެން މުޅި ކޯލިޝަންގެ ލީޑަރޝިޕު ބަރިއަކަށް އަތުރައިގެން އަދުރޭ އެހެން ބޭފުޅުންނަށް ފުރުސަތު ނުދީ މައިކު ހިފަހައްޓައިގެން ހުންނެވި ނަމަވެސް މިވާހަކަ ނުދައްކައެއް ޕީޕިއެމަށް ކުރިމަގެއްވެސް އަދި އަލިމަގެއްވެސް ފެންނާކަށް ނެތެވެ. ޕާޓީ ތެރޭގައި އޮތް ރިޔާސީ ޓިކެޓްގެ ވާދަވެރިކަމުގެ ވާހަކަ ޕީޕިއެމްގެ ލީޑަރޝިޕުން ދައްކަން ބޭނުންނުވިޔަސް އެ ވާދަވެރިކަން ލީޑަޝިޕްގެ ތެރޭގައި އޮތް ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެެވެ.



ސިޔާސީ ދާއިރާއިން އެކަހެރިވެވަޑައިގެން ގޭގައި ހުންނެވުމަށްފަހު ކުއްލިއަކަށް ރައީސް ޑރ. މުހައްމަދު ވަހީދު "ފާޅުވުމާއި" ސިޔާސީ ކަންކަމާއި ދުރުގައި ހުންނެވުމަށްފަހު ޑރ. މުހައްމަދު ޝަހީމް ޕީޕިއެމްގެ ކުރީ ސަފަށް ނިކުމެވަޑައިގަތުމަކީ އާދައިގެ އިއްތިފާގުތަކެއް ނޫނެެވެ. ޕީޕިއެމަށް ރައްދުވާ ގޮތަށް އެއްޗެހި ކިޔާނަމަ ރައްދު ދެއްވާނެ ކަމަށް ވިދާޅުވެ އައްޑަނަ ހިއްޕަވައިގެން ޝަހީމް ނިކުންނެވީ ވެސް ހަމަ ކުއްލިއަކަށެވެ. މިހިރަ މިހަރަ ކަންކަމާއި އިއްތިފާގުތަކަކީ "ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު،" ހަމަ ރަނގަޅަށް ވެސް ސުވާލު އުފެދޭ ކަންކަމެެވެ. އަދި މިއީ އެ ޓިކެޓަށް ދަހިލަވައިގެން ތިއްބެވި އެހެން ބޭފުޅުންނަށް ހަޖަމު ކުރާން ވެސް އުނދަގޫވާނެ ކަމަކަށް ވާނެއެވެ.

ކުޑައިރުއްސުރެ ފެށިގެން ދެކެވަޑައިގަތް ޑިމޮކްރަސީގެ ހުވަފެން ގެއްލިގެންދާތީ ސިޔާސީ ކަންކަމަށް އަނެއްކާވެސް ނުކުމެވަޑައިގަތީ ކަމަށް ރައީސް ވަހީދު ވިދާޅުވި ނަމަވެސް މި ދަނޑިވަޅުގައި އެމަނިކުފާނު ނުކުމެވަޑައިތުމުން އެކަމުން ބުނެދެނީ ވަރަށް ގިނަ ވާހަކަތަކެކެވެ. މީގެ ކުރިން ވެސް ޔާމިންގެ މައްޗަށް އިއްވި ހުކުމާއެކު އެތައް ދުވަހެއް ވަންދެން ޖަލުގައި ބަންދުގައި ނުވަތަ ހުރަގޭގައި އެމަނިކުފާނު ހުންނެވިއެވެ. ނަމަވެސް އޭރު ރައީސް ވަހީދަށް ޑިމޮކްރެސީ ހަމަ "އޯކޭ" ވެފައި މިހާރު ކުއްލިއަކަށް ނިކުމެ ވަޑައިގެން ޔާމިން ޖަލުގައި އޮންނެވުމުން ޑިމޮކްރެސީ ގެއްލިގެން ހޯއްދަވަން އުޅުއްވާތީ ހަމަ ސުވާލު އުފެދެނީއެވެ. ރައީސް ވަހީދު ވިދާޅުވާގޮތުގައި ރާއްޖެއަށް ދެން ވެސް ޑިމޮކްރަސީ ގެނެވޭނީ ޔާމީނާއި ޕީޕީއެމްގެ ކޯލިޝަނަށެވެ. އެހެންކަމުން ޑރ. ވަހީދުގެ ނަޒަރުގައި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.

އެހެންވީމާ ޑރ. ވަހީދަށް ކުއްލިއަކަށް ޑިމޮކްރެސީ މިފެނިވަޑައިގެންނެވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓުން ތާއެވެ. އެއްގޮތަކުން ވިއްޔާ އެއީ ހަމަ ރަނގަޅު ހެއު ވާހަކަފުޅެކެވެ. އެމަނިކުފާނަށް އަލުން އެވިދާޅުވީ ޑިމޮކްރެސީއާއި ކުޅެވޭނީ ރިޔާސީ ޓިކެޓް އަތްޕުޅަށް އަރައިގެންނެވެ.



ކުއްލިއަކަށް ޑިމޮކްރެސީ ގެއްލިގެން އެ ހޯއްދަވަން ނުކުމެވަޑައިގެން ހިތްޕުޅުގައި ރިޔާސީ ޓިކެޓްގެ ވާހަކަ އޮތް ނަމަވެސް ރައީސް ވަހީދު ވެސް ދެއްކެވީ އަދުރޭ ވެސް ހަމަ ދައްކަވާ ފަދަ ފާހަކަފުޅު ތަކެކެވެ.

"މި ކޯލިޝަނުން މުސްތަބްގަލްގައި ވެސް މަސައްކަތް ކުރާނީ އެ މަނިކުފާނުގެ (ޔާމިންގެ) ޒައާމަތުގެ ދަށުން. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ. މާތްﷲ އިރާދަކުރެއްވިއްޔާ 2023 ގައި އޮންނާނީ އަޅުގަނޑުމެންގެ ސަރުކާރެއް،" ދެ އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ވަހީދު ވިދާޅުވި އެވެ.



އަނެއްކޮޅުން ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ އިއްޔެ ޕީޕިއެމް ކޯލިޝަނުން ބޭއްވި މުޒާހަރާގައި ރައީސް ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ ވެސް އިއްތިފާގެކެވެ. އެހެނީ މިއީ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ރައީސް ވަހީދު ޕީޕީއެމްގެ މުޒާހަރާއެއްގެ ކުރީ ސަފަށް ނިކުމެވަޑައިގެން ފުރަތަމަ ފަހަރުވެސް މެއެވެ. ޕީޕިއެމްގެ ސަޕޯޓަރުން ޔާމިން މިނިވަން ކުރަން ގޮވާލަމުން ދިޔައިރު ރައީސް ވަހީދުގެ ފަރާތްޕުޅުން ފެނިގެންދިޔައީ ވަރަށް ވެސް ތަފާތު މަންޒަރެކެެވެ.

ރައީސް ވަހީދު ހިނިތުންވެ ހުންނަވައި މަޑުމަޑުން އަތްޕުޅު ހޫރުއްވަމުން ގެންދެވިއިރު އެކަން ބައެއް މީހުން ސިފަކުރީ ރިޔާސީ ކެންޑިޑޭޓެއް ތައާރަފްކޮށް އެރުވުމަށް ބޭއްވި ހަފުލާއެއް، ނުވަތަ ރެލީއެއްގެ ގޮތަށެވެ. ކުއްލިއަކަށް ހަނދާންވެ ސިފަވެގެން ދިޔައީ "ބާރަތު ޖޯދޯ ޔަތުރާ"ގެ ނަމުގައި ފައިމަގުގައި ހިންގަވައި ރެލީތައް ބާއްވަވަމުން ގެންދަވާ ރާހުލް ގާނދީގެ ހަރަކާތެއްގެ މަންޒަރެވެ. މީގެއިތުރުން މުޒާހަރާގެ ބައިވެރިން ބައެއް ސަރަހައްދުތަކަށް މަޑުކޮށް އުފާފާޅުކުރާ ގޮތަށް ފަޓާސް ގޮއްވުން ކަހަލަ އެއްޗެހި އަރުވައި ހެދުމަކީ ވެސް ގިނަ ބަޔެއްގެ ލޮލުގައި އަޅައިގެން ކަމެކެެވެ. އެހެންޏާ ފަހެ މިއުޅެނީ ބަޔަކަށް ބޮޑު އުފަލެއް ލިބި ބޮޑިބަތް ކައްކާ ވަރުގެ ކަމެއް ދިމާވެގެން ނޫންވިއްޔާއެވެެ. މުޅި ޕާޓީގެ "އުއްމީދު" ޖަލަށް ލައިގެން އުޅޭއިރު މިކަހަލަ ކަންކަން ޕާޓީގެ މެމްބަރުން ކުރުމަކީ ޔާމިނަށް ކުރެވޭ ބޭއިންސާފަކަށް ނޫނީ ނުވާނެއެވެ.

ކޮންމެއަކަސް ރައީސް ޔާމިނަށް ރިޔާސީ ރޭހުގެ މަގު ބަންދުވުމާއެކު ރިޔާސީ ޓިކެޓަށް ފައި ނަންގަވައިގެން ތިއްބެވި ބޭފުޅުންނަށް ބަލާއިރު އެ ފުރުސަތު ޔާމިނަށް ލިބިވަޑައި ނުގަންނަވާނަމަ ދެން ދެއްވާނީ އެމަނިކުފާނަށް ވަފާތެރި ޕާޓީގައި އޮތް އެމަނިކުފާނުގެ ކޮންޓުރޯލް ގެއްލުވާނުލާނެ ބޭފުޅަކަށް ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެެވެ. އެޝަރުތުތައް ފުރިހަމަވެފައި، ކުރިމަގުގައި، މާބޮޑު ސިޔާސީ އުއްމީދެއް ނެތް ބޭފުޅަކަށް ރިޔާސީ ޓިކެޓް ދޭން ބަލާއިރު ރައީސް ޑރ. މުހައްމަދު ވަހީދަށް ޕީޕިއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިން ދެއްވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެއެވެ. އެގޮތަށް މިހާރު ވަނީ އަޑުވެސް ފެތުރިފައެވެ. ސަބަބަކަށް ވަނީ މިހާރު ޓިކެޓަށް ފައި ނަންގަވައިގެން ތިއްބެވި ބޭފުޅުންނަށް ނަޒަރު ހިންގާލާއިރު ޑރ. މުހައްމަދު ވަހީދަކީ ރިޔާސީ ދައުރެއްގައި ނާއިބް ރައީސް ކަމާއި ރައީސް ކަން ކުރަށްވާފައިވާ ބޭފުޅަކަށްވެފައި ރިޔާސީ ދެވަނަ ދައުރެއްގެ މާބޮޑު އުއްމީދެއް ނެތިފައި ޕާޓީ ޔާމިން އަތްޕުޅުން ގެއްލިގެންނުދާނެކަން ކަށަވަރުވާ ހަމައެކަނި ކެންޑިޑޭޓަކީ ޑރ. ވަހީދު ކަމަށްވާތީއެވެެ.

ބާކީ ދެން ތިއްބެވި ބޭފުޅުންނަކީ ރައީސް ޔާމިން ވިދާޅުވާގޮތަށް "މިނިކާ ބާޒުތަކެއް" ހެން ޕާޓީއަށް ސަވާރު ޕާޓީ ޖަހައިގަނެގެން ފޭރިގަނެގެން ހިނގައިދާނެ ބޭފުޅުން ކަމަށް އެމަނިކުފާނު ވެސް ގަބޫލުކުރައްވާނެއެެވެ. ވަހީދު ފިޔަވައި އެހެން ބޭފުޅަކަށް ރައީސް ޔާމިން ޓިކެޓް ދެއްވައިފިނަމަ އެމަނިކުފާނުގެ އަތްޕުޅުން ޕާޓީ ގެއްލިގެން ހިގައިދާނެ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. އެކަން އެހެން ވާނެ ކަމަށް ބޮޑަށް ބުރަވެވެނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި މިދިޔަ ފަސް އަހަރުގެ ތަޖުރިބާ އަށާއި މިހާރުގެ މާހައުލުގައި ހިނގާ ކަންކަމުން ކުރެވޭ ތަޖުރިބާއިންނެވެ.

ޕީޕިއެމަކީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެއްް ނަމަވެސް ފަހުން ރައީސް ޔާމިން ވަނީ ވިސްނުންތެރިކަމާއެކު ބާރާއި ނުފޫޒުގެ ބޭނުންކުރައްވައި މުޅި ޕާޓީ އެމަނިކުފާނު ކޮންޓްރޯލްގެ ދަށައް ގެންނަވާފައެވެ. ރައީސް ޔާމިންގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން ޕާޓީން ބޭރުކޮށް ނިކަމެތި ކޮށްލި ގޮތް ޔާމިން ހަނދުމަފުޅު ނެތޭހާ ދުވަހެއް އަދި އެއް ނުވެއެވެެ. އެހެންކަމުން ޔާމިނަށް ޕީޕިއެމްގެ ކޮންޓްރޯލް ގެއްލި، ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށިދަނޑު ވެސް ގެއްލޭ ފަދަ "ޅަ" އެއްޗެއް އެމަނިކުފާނު އަޅުއްވާނެ ކަމަކަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ނުބެލެވެއެވެ.

ރިޔާސީ ޓިކެޓާ ހިފައިނުގަތުމަށް ރައީސް ޔާމިން ވިދާޅުވި ވިދާޅުވުމަކީ މިދެންނެވި ވާހަކަތަކަށް އިތުރަށް ބާރުދޭ ހެއްކެކެވެެ. ޔާމިންގެ އެބަސްފުޅުން ރިޔާސީ ޓިކެޓް ދޭނެ ބޭފުޅެއް އެމަނިކުފާނު ކަނޑައަޅުއްވާފައި ހުންނެވި ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާއިރު ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޑރ. މުހައްމަދު ވަހީދެވެ. މިއީ ހަމަ ގާތްގަނޑަކަށް ވަރަށް ޔަގީން ކަމެކެވެ. އަދި ވަހީދުގެ ރަނިންމޭޓް ކަމަށް ވަޑައިގަންނަވާނީ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށް ބުނާ ވާހަކައަކީވެސް ހަމަ ވަރަށް ޔަގީނާ ގާތް ވާހަކައެކެވެ. އިތުބާރު ހުރި ބައެއްް މަސްދަރުތަކުން ޔަގީން ކުރެވޭގޮތުގައި އެކަން މިހާރު ވަނީ ސިއްކަ ޖެހި ނިމިފައެވެ. ޕީޕިއެމްގެ ލީޑަރޝިޕުގެ ބައެއްް ބޭފުޅުން ކިތަންމެ ހިތްޕުޅާ ނުވިއަސް މި ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. އެހެންކަމުން ޕީޕިއެމްގައި ރިޔާސީ ޓިކެޓަށް ބޭނުންވެފައި ތިބި ބޭފުޅުންނާއި ލީޑަރުން ހިތްހަމަނުޖެހުނަސް މިހާރު ޕާޓީ އާއި ސަޕޯޓަރުންނަށް އެންމެ ރަނގަޅު ގޮތަކީ ވަހީދާއި ޝަހީމާއެކު ރިޔާސީ ކެމްޕެއިން ފެށުމެވެ.

ރައީސް ޔާމިން މިނިވަން ކުރުމުގެ ނަމުގައި މާލޭގައި މުޒާހަރާކޮށް 12، 13 ސްޕީކަރު ބަހައްޓައިގެން އަޑުނެތް ތަނަކަށް "ޔާމިން މިނިވަން ކުރޭ، ހަރާމް ހުކުމޭ" ގޮވައި އަޑުގަދަކޮށް ކިޔަވާ ކުދިންނަށް ފިލާވަޅު ދަސްކުރާން އުނދަގޫވެ، ޅަދަރީންނާއި ދުވަސްވީ މީހުންނަށް ރޭގަނޑު ނިދަން އުނދަގޫވެ އާންމު އުދަނގުލަކަށްވާގޮތަށް މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ހަޅޭ ފަޅޭ ލަވަމުން ދުވައި "ދުއްޕާން" ކުރިއަސް އެއީ ހަމަ "ފޫނެތް ފަޔަކަށް ފެންފުރުން" ކަހަލަ ކަމެއް ކަމާއި އެކަމުން ހާސިލްވާނެ ނަތީޖާއެއް ނެތްކަން ޕީޕިއެމް ލީޑަރޝިޕްގެ ބޭފުޅުންނަށް ހަމަ ރަނގަޅަށް އެގޭނެއެވެ. އެކަން އެހެންވާނޭ ނަމަ އެމްޑީޕީގެ ރޫހާނީ ލީޑަރު އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެބުނާ ގޮތަށް ހުކުމް ކޮށް ޖަލަށް ލައިގެން އެމްޑީޕީގެ މެންބަރުން މަގުމަތީގައި އެކުރި މުޒާހަރާތަކުން ނަޝީދު މިނިވަން ވެގެން ވެރިކަމަށް ވަޑައިގެންނެވީހެވެ. އެމްޑީޕީން އެކުރިވަރާ ގާތަށް ވެސް ޕީޕީއެމަކަށް އެކަމެއް އަދި ނުކުރެވެއެވެ. އެރޫހެއް ވެސް ނެތެވެ. އެމީހުންވެސް ބޭނުންވީ ނަޝީދު ވެރިކަމުގައި އަލުން ބައިންދާށެވެ. ނަމަވެސް އެ ޓިކެޓްވެސް ދޭން ޖެހުނީ ހަމަ މަޖުބޫރުވެގެންނެވެ. އެއީ ވެސް ހަމަ ރަނގަޅު ފިލާވަޅެކެވެ.

އެހެންވީމާ މަގުމަތީގައި އާންމު އުނދަގުލަކަށް ވާގޮތަށް ކޮންމެ ރެއަކު ދުއްޕާންކޮށް އަޑުހަދަކޮށް ދުވުމަކީ އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެއް ނޫނެެވެ. އޭގެބަދަލުގައި ކުރަންވީ ކަމަކީ ޔާމިންގެ މައްސަލަ އަވަހަށް ހައިކޯޓުގައި އިސްތިއުނާފްކޮށް އެމަނިކުފާނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރުމެވެެ. ވަކީލުން ވިދާޅުވި ނަމަވެސް މައްސަލަ އިސްތިއުނާފް ނުކޮށް ބާއްވައިގެން މާޗް މަހު ރައީސް ޔާމިން މިނިވަންވާނެ ގޮތެއް ނުވިސްނެއެވެ. އެހެންކަމުން އިދިކޮޅު އެންމެ ބޮޑު ޕާޓީ ރިޔާސީ އިންތިޚާބަށް ތައްޔާރުވެ ކުރިއަށް މި އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ރިޔާސީ ކެމްޕެއިން ފަށަައިގެން ކުރިއަށް ދިޔުމަކީ ޕާޓީއާއި ރައްޔިތުންނަށްވެސް އެންމެ ހެއު އަދި މާ ބުއްދިވެރި ގޮތެކެވެެ.

އޭގެ ބަދަލުގައި ކިޔަވާ ކުދިންނަށް އުނދަގޫކޮށް ރައްޔިތުންގެ ނުރުހުން އަމާޒުވާގޮތަށް މުޒަހާރަކޮށް ދުއްޕާން ކޮށް ހެދުމުން ޕާޓީއަށް ލިބޭނީ ގެއްލުމެވެ. ގެއްލޭނީ ޕާޓީއަށް އޮތް ތާއިދެވެ. ޕީޕިއެމްގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކީ ޑރ.މުހައްމަދު ވަހީދު ކަމަށާއި ރަނިންމޭޓަކީ ޑރ.ޝަހީމް ކަން ޔަގީނާއި ގާތަށް ކަށަވަރުވެފައިވާއިރު، އެކަމަށް ބޭނުންވެފައި ތިބި ގިނަ ލީޑަރުން ޕާޓީގައި ވެސް އެބަތިއްބެެވެ. މިސާލަކަށް އެއީ ސައީދު ކަމަށް ވިޔަސް ޑރ. ޖަމީލް ކަމަށް ވިޔަސް ޣައްސާނާއި އާދަމް ޝަރީފް ކަމަށް ވިޔަސް އެބޭފުޅުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަމިއްލަ އެދުން މިފަހަރު އެއް ފަރާތްކޮށް ރައީސް ޔާމިން އެ ނިންމަވާ ނިންމެވުމަކަށް އިހުތިރާމްކޮށް ކުރިއަށް ވަޑައިގަތުމެވެެ.



ކިޔުންތެރިންގެ ހިޔާލު


-16

ވަހީދު

20-Feb-2023

ރަގަޅު ވާހަކައެއް..ޔާމީން އަށް ޕާޓީ ނުގެއްލި ސިޔާސީ ހަޔާތް ސަލާމަތް ކުރެވެން އޮތް ހަމަ އެކަނި ހައްލު. #ރަސްއޮންލައިން ގެ މި ރިޕޯރޓަށް 100% މާރކްސް ހައްްޤު.



ޓްރެންޑިން