ރޭޕްގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރުމަށްޓަކައި ދަތުރުކުރަނިކޮށް ހައްޔަރުކުރި، އިންޑިއާގެ ނޫސްވެރިޔާ ޞިއްދީޤް ކައްޕަން، ހައްޔަރުކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޖަލުން ދޫކޮށްލައިފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އުއްތަރު ޕްރަދޭޝުންނެވެ. އޭރު އެ ސްޓޭޓުގެ މަތީ ފަންތީގެ ހަތަރު ފިރިހެނަކު ވެގެން ދަލިތު ފަންތީގެ ޒުވާން އަންހެނަކު ރޭޕްކޮށް، އޭގެ ސަބަބުން އެއަންހެންމީހާ ވަނީ މަރުވެފައެވެ. އެ މައްސަލައާ ގުޅިގެން އެދުވަސްވަރު އިންޑިއާގައި ތަފާތު އެކި މުޒާހަރާތައް ވެސް ކުރިއެވެ.

ޤާނޫނުތަކާއި ޤަވާޢިދުތައް މުގުރާލައި ފިތުނަ ފަސާދައާއި ލޭއޮހޮރުވުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ކައްޕަން ޢަމަލުކޮށްފައިވާ ކަމަށް، ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރިއެވެ. އެކަމަކު އޭނާ ވަނީ އެކަންތައް ދޮގުކޮށްފައެވެ.

އެދުވަހު އޭނާއާއެކު ކާރުގައި ތިބި ތިން މީހެއްގެ މައްޗަށް ވެސް މިފަދަ ކުށްތަކެއްގެ ދަޢުވާވަނީ އުފުލާފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ މީހުން ވަނީ ކައްޕަން ހައްޔަރުކުރި މައްސަލަ ކުށްވެރިކޮށްފައެވެ. އަދި އޭނާ ހައްޔަރުކުރުމުގެ ސަބަބުން އިންޑިއާގެ ނޫސްވެރިންނަށް ރައްކާތެރިކަން ކުޑަވެފައިވާ މިންވަރު ދޭހަވާކަމަށާއި އެކަމުގެ ސަބަބުން ނޫސްވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ބުނެފައިވެއެވެ. "ރިޕޯޓަރސް ވިތައުޓް ބޯޑަރސް" އިން 2022 ވަނަ އަހަރު އެކުލަވާލި 180 ޤައުމު ހިމެނޭ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި އިންޑިޔާ، އަށް ދަރަޖަ ދަށަށް ގޮސް، 150 ވަނައަށް ވަނީ ވެއްޓިފައެވެ.

ނޫސްވެރިންނަށް ކުރާ އަނިޔާއާއި، ނޫސްވެރިކަން ސިޔާސީކުރުމާއި، ނޫސްތަކަކީ ބާރުހުރި މަދު ބަޔަކު ހިންގާ އެއްޗަކަށްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ނާޒުކު ހާލަތު ހާމަވާކަމަށް "ރިޕޯޓަރސް ވިތައުޓް ބޯޑަރސް"ގެ 2022 ގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކައްޕަންގެ މައްޗަށް ހިންގަމުންދާ ދެ މައްސަލައިގެ ތެރެއިން، އެއް މައްސަލާގައި މި ދިޔަ ސެޕްޓެންބަރު މަހުގައި އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފައެވެ. އަދި އަނެއް މައްސަލާގައި އައްލާހުބާދުގެ ހައިކޯޓުންވެސް ވަނީ މިދިޔަ ޑިސެންބަރު މަހުގައި ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފައެވެ. އެހެންނަމަވެސް އިޖުރާއީ ކަންތައްތަކެއް ހަމަނުޖެއްސިގެން އޭނާ ޖަލުން ދޫކޮށްލަން މަހަކަށް ވުރެ ގިނަ ދުވަސް ހޭދަވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ލަކްނޯ ސިޓީގެ ޖަލުން ނިކުމެގެން ދަމުން، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ދެކޮޅަށް މަސައްކަތްކުރަމުން ގެންދާނެކަމަށް ކައްޕަން ބުންޏެވެ. އަދި އޭނާއަކީ ނޫސްވެރިއެއް ކަމަށާއި، ދެންވެސް ނޫސްވެރިކަން ކުރަމުން ގެންދާނެކަމަށާއި، އޭނާއަކީ ކަމެއް ނުކޮށް ހުހަށް ހުންނާނެ މީހެއް ނޫންކަމަށް، ބީބީސީއަށް މައުލޫމާތުދެމުން ކައްޕަން ބުނެފައިވެއެވެ.

އުއްތަރް ޕްރަދޭޝްގެ ހަތުރާސް މަޑުލަށް (ޑިސްޓްރިކްޓްއަށް) ދަތުރުކުރަމުން ދަނިކޮށް ހައްޔަރު ކުރި، ކެރެލާ ސްޓޭޓަށް ނިސްބަތްވާ ކައްޕަން މަސައްކަތް ކުރަމުންދިޔައީ ހޮޅިބަހުން (މަލިޔާޅަމް ބަހުން) ނެރޭ ނޫހެއް ކަމަށްވާ އަޜިމުކަމްގައެވެ.

އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުން އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރި ކަމަށް ކައްޕަން މީޑިއާތަކަށް މަޢުލޫމާތުދެމުން ބުނެފައިވެއެވެ. އަދި އޭނާ ޤަވާޢިދުން ބޭނުންކުރާ ހަކުރުބަލީގެ ބޭސްތައްވެސާ ކަމާބެހޭ ފަރާތްތަކުން އޭނާއާ ހަވާލުކޮށްފައިވާ ނުވާކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. ނަމަވެސް ފުލުހުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ފުލުހުން ބުނެފައިވަނީ ކައްޕަން އާއި އޭނާގެ އެކުވެރިންނަކީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން ހުރި ކަމަށް ބުނެ، މިދިޔަ އަހަރު މަނާކުރި ކެރެލާގެ ހަރުކަށި މުސްލިމް ޖަމާއަތެއް ކަމަށްވާ ޕޮޕިއުލާ ފްރަންޓް އޮފް އިންޑިއާ (ޕީއެފްއައި) ގެ މެމްބަރުން ކަމަށެވެ. ނަމަވެސް ޕީއެފްއައި އާއި، ކައްޕަންގެ ވަކީލާއި، އޭނާ ނިސްބަތްވާ ކެރެލާގެ ނޫސްވެރިންގެ ޔޫނިއަނުން ވަނީ މިކަންތައް ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން