އެމެރިކާގެ މުހިއްމު އަސްކަރީ ތަންތަނަށް ޖާސޫސް ކުރަމުން އަންނަ ކަމަށް އެމެރިކާއިން ބުނާ ޗައިނާގެ ބޮޑު ފުއްޕާހަން އެމެރިކާއިން ހަމަލާދީ ވައްޓާލައިފި އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސުން ވަނީ އެގައުމުގެ ފަޔަރ ޖެޓްތަކުން އެމެރިކާގެ ސަރަހައްދީ ކަނޑުގެ މަތިން ޗައިނާއިން ޖާސޫސުކުރަން ފޮނުފި ފުއްޕާހަމަށް ހަމަލާދީ ވައްޓާލިކަން ކަށަވަރުކޮށްދީފައެވެ. އަދި އެމެރިކާގެ ޓީވީ ތަކުން އާންމުކުރި ފޫޓޭޖްތަކުން ފެންނަ ގޮތުގައި ކުޑަ ގޮވުމަކަށް ފަހު އެފުއްޕާހަން މޫދަށް ވެއްޓިގެން ދިޔަ މަންޒަރު ފެނެއެވެ.



މިކަމާ ގުޅިގެން ޕެންޓަގަންގެ ބަޔާނެއްގައި އެމެރިކާގެ ޑިފެންސްގެ އިސް އޮފިޝަލަކު ވިދާޅުވީ "ޗައިނާގެ ސަވައިލެންސް ބެލޫނުން ނާޒުކު މައުލޫމާތު އެއްކުރުމުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅިއިރު، ސަވައިލެންސް ބެލޫނުން އެމެރިކާގެ ސަރަހައްދު މަތިން އުދުހި ހޯދި މައުލޫމާތަކީ އެގައުމަށް ޖާސޫސީ ގޮތުން ފައިދާ ކުރާނެ ކަމެއް" ކަމަށެވެ.

"އަޅުގަނޑުމެންނަށް މިބެލޫނާއި އޭގެ ސާމާނު ދިރާސާކޮށް ކުރި ތަހުގީގުން މުހިންމު ކަންކަން ދެނެގަނެވިފައިވޭ،" އޮފިޝަލް އިތުރަށް ވިދާޅުވި އެވެ.

ޖާސޫސު ކުރާ ފުއްޕާހަން ވައްޓާލި ފަހުން ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އެ ފުއްޕާހަން ނުވަތަ އެއާޝިޕް އަކީ މަދަނީ ބޭނުންތަކަށް ބޭނުންކުރާ ވަސީލަތެއްކަމަށް ޔަގީން ކުރުމަށް ފަހު ޗައިނާގެ ފަރާތުން ތަކުރާރުކޮށް މިކަން އެމެރިކާ އަށް އަންގާފައިވާނެކަމަށާއި އެމެރިކާގެ ވައިގެ ސަރަހައްދަށް އެވަސީލަތް ވަދެފައި ވަނީ ވައި ހުރިގޮތުން ކަމަށާއި ގަސްތުގައި އެސަރަހައްދަށް ވަން އެއްޗެއް ނުން" ކަމަށެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެމެރިކާއިން ތުހުމަތުކުރިނަމަވެސް އެއީ ޖާސޫސީ ފުއްޕާހަމެއް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އޭގެ ބަދަލުގައި އެއީ މޫސުމާ ބެހޭ ދިރާސާކުރާ ވަސީލަތެއް ކަމަށް ޗައިނާއިން ބުނެއެވެ.

މި ފުއްޕާހަމުގެ މައްސަލަ ފެންމަތިވެފައި މިވަނީ އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޗައިނާއަށް ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. އެގޮތުން ބްލިންކަން ޗައިނާއަށް ކުރައްވަން ހަމަޖެހުނު ދަތުރު ވަގުތުން ވަނީ ކެންސަލްކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން