19 ވަނަ ގަރުނުގެ ތެރޭގައި 1000 އަށް ވުރެ ގިނަ އަޅުން ގެންގުޅުނު އިނގިރޭސިވިލާތުގެ އާއިލާއަކުން ކެރީބިޔަން ޖަޒީރާއެއް ކަމަށްވާ ގްރެނޭޑާގެ ރައްޔިތުންގެ ކިބައިން މާފަށް އެދޭނެ ކަމަށް ބުނެފިއެވެ.

ގްރެނޭޑާގައި ހަކުރު އުފައްދާ ކާރުޚާނާއާއެކު ތިން އުއްދަނޑި ދަނޑު މިލްކުވެގެންވީ އިނގިރޭސި މަތީފަންތީގެ އާއިލާއެއް ކަމަށްވާ ޓްރެވެލިޔެން އާއިލާއިން ވަނީ ފައިސާގެ ބަދަލެއް ވެސް ދޭން ނިންމާފައެވެ.

ޓްރެވެލިޔެން އާއިލާގެ މެންބަރެއް ކަމަށްވާ ލޯރާ ޓްރެވެލިޔެން ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުން 1833 ގައި އަޅުންގެންގުޅުން މަނާވުމާ ވިދިގެން އެ އާއިލާއަށް އިނގިރޭސި ސަރުކާރުން ގެއްލުމުގެ ބަދަލު ދީފައިވެއެވެ. އެހެންނަމަވެސް މިނިވަންވީ އަޅުންނަށް އެއްވެސް ބަދަލެއް ދީފައި ނުވާކަން އެނގުމުން އެކަމާ އޭނާ ހައިރާންވީ ކަން ހާމަކުރިއެވެ.

ލޯރާ ޓްރެވެލިޔެންއަކީ ބީބީސީގެ ރިޕޯޓަރެކެވެ. 2022 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ ޑޮކިއުމެންޓްރީއެއްގެ މަސައްކަތުގައި ގްރެނޭޑާއަށް ޒިޔާރަތްކޮށްފައެވެ. އެ ދަތުރުގައި ޓްރެވެލިޔެން އާއިލާގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާއަށް ކުރި އަސަރުތައް އޭނާ ވަނީ ހާމަކޮށްފައެވެ.

އަޅުންނަށް އަދަބުދީ އަނިޔާތައްދިން އެ އާއިލާގެ ދަނޑުތަކާއި ކާރުޚާނާތައް ފެނިފައި އޭނާއަށް ވަރަށް އަސަރުކުރި ކަމަށާއި، ޚާއްސަކޮށް އަޅުންތައް ހައްޔަރުކޮށް އަދަބުދޭން ގެންގުޅުނު އާލާތްތައް ފެނުމުން އަޅުންތައް ތަހައްމަލުކުރި ބިރުވެރިކަން ސިފަވެގެން ދިޔަކަން އޭނާ ހާމަކޮށްފައިވެއެވެ.

އެ މަންޒަރުތައް ފެނިފައި އޭނާ ލަދުގަތްކަމަށާއި، ކާބަފައިންގެ އެ އަމަލުތަކަށްޓަކައި މާފަށް އެދުމަކީ ވާޖިބެއްކަމުގައި ލޯރާ ބުނެފައިވެއެވެ. އަދި މާޒީ އިސްލާހު ނުކުރެވުނެއްކަމަކު، މާޒީގައި އެ އާއިލާގެ ފަރާތުން އަޅުންނަށް އަނިޔާވެރިވެވުނުކަމާއި އެކަމުގެ ސަބަބުން އެބައިމީހުންނަށް ވޭން ލިބުނުކަމަކީ ހަގީގަތެއް ކަމުގައި ބަލައިގަންނަންޖެހޭނެކަމަށް ލޯރާ ބުނެފައިވެއެވެ.

ލޯރާ ޓްރެވެލިޔެން ބުނެފައިވާ ގޮތުން މި ހިނގާ ފެބުރުއަރީ މަހުގެ ތެރޭގައި އެ އާއިލާގެ ހަތް މެންބަރަކު ގްރެނޭޑާއަށް ޒިޔާރަތްކޮށް އެތަނުގެ ރައްޔިތުންގެ ކިބައިން އާއްމުވެގެންވާ މާފަކަށް އެދޭނެއެވެ.

ގްރެނޭޑާއާއި އިރުމަތީ ކެރީބިއަންގެ އިޤްތިޞާދީ ކުރިއެރުމަށްޓަކައި ރައްޔިތުންގެ ފަންޑެއް އެކުލަވާލުމަށްޓަކައި އެ އާއިލާއިން 100,000 ޕައުންޑް (ގާތްގަނޑަކަށް 1.8 މިލިޔަން ދިވެހި ރުފިޔާ) ދޭނެ ކަމަށް ވެސް ލޯރާ ޓްރެވެލިޔެން ހާމަކޮށްފައިވެއެވެ.

ލޯރާ ބުނެފައިވާ ގޮތުގައި ގްރެނޭޑާއިން އެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1834 ގައި އިނގިރޭސި ސަރުކާރުން އެ އާއިލާއަށް 34,000 ޕައުންޑް ދީފައިވެއެވެ. އެއީ މިހާރުގެ ފައިސާއިންނަމަ ގާތްގަނޑަކަށް 3 މިލިއަން ޕައުންޑެވެ. އެއާ އަޅައިބަލާއިރު، އޭގެ 200 ވަރަކަށް އަހަރު ފަހުން އެ އާއިލާއިން ގްރެނޭޑާގެ ރައްޔިތުންނަށް މި ދޭ 100,000 ޕައުންޑަކީ ވަރަށް ކުޑަކުޑަ އަދަދެއް ކަން ލޯރާ ފާހަގަކުރިއެވެ.

އެކަމަކު އޭނާގެ އުންމީދަކީ، އެއާއިލާގެ އިހުތިބީން ކުރި ކަންތައްތަކަކަށް މިހާރު ތިބި މީހުން މާފަށް އެދުމަކީ އެފަދަ އެހެން އާއިލާތަކަށް ނަމޫނާއެއް ކަމަށްވެ އެހެން އާއިލާތަކުންވެސް އެފަދައިން އަމަލުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަބްޑޫޅް

20-Feb-2023

އެފެރިކާގެ ކަޅު މީހުން އަޅުންގެ ގޮތުގަ އެންމެ ގިނައިން ގެންގުޅުނީ އިސްލާމުން. ޗަރުކޭސީ ދޮން އަޅުންވެސް ގެންގުޅުނު. ދޮން އަޅުން ގެންގުޅުނީ ޖިންސީ ބޭނުމުގަ. ރާއްޖޭގަވެސް ގެންގުޅުނު.



ޓްރެންޑިން