ހޯމަ ދުވަހު ތުރުކީވިލާތާއި ސޫރިޔާއަށް އައި ބިންހެލުމުގައި ތުރުކީވިލާތުގެ އިރުދެކުނު ސަރަހައްދުގައި އޮންނަ ތާރީޚީ އަދި ފަތުރުވެރި މަންޒިލެއް ކަމަށްވާ ގާޒިއާންޓެޕް ކިއްލާއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ވަގުތެއްގައި އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުގައި މިކިއްލާގެ ބޮޑުބައެއް ވަނީ ވެއްޓިފައެވެ. ތުރުކީވިލާތުގެ ދައުލަތުގެ ނޫސް އެޖެންސީ އަނާދޯލޫ އިން ޚަބަރުލިބޭ ގޮތުގައި މި ކިއްލާގެ އިރުމައްޗާއި، ދެކުނާއި، ދެކުނުއިރުމަތީގައި ހުރި ބައެއް ބުރުޒުތައް ވެއްޓި، އޭގެ ގާތައް މުޅި މަގަށް ފެތުރިފައިވެއެވެ. އަދި އެތަނުގެ ރައްކަލަކަށް ކިއްލާގެ ވަށައިގެން ރާނާފައިވާ ފާރުވެސް ވެއްޓިފައިވާ ކަމަށާއި އެތަނުގެ ވަށައިގެން ޖަހާފައި ހުރި ޗެންޗޭނުގަނޑުވެސް ހަލާކުވެފައިވާ ކަމަށް އަނާދޯލޫއިން މަޢުލޫމާތު ލިބެއެވެ.

ގާޒިއާންޓެޕް ކިއްލާއަކީ ހިއްޘިއްޔޫންގެ ޒަމާނުގައި ދުރުބަލަން އެބައިމީހުން ބޭނުންކުރި ކުންނެއްގެ މަތީގައި ރޯމަނުންގެ މީހުން ބިނާކޮށްފައިވާ ކިއްލާއެކެވެ. އެކިއްލާ ބިނާކޮށްފައިވަނީ މީލާދީން ދެވަނަ އަދި ތިންވަނަ ޤަރުނުގެ ތެރޭގައެވެ. މިހާރު ފެންނަން ހުރި ސިފަޔަށް އެތަން ބިނާކުރިކަމަށްވަނީ ރޯމަން އެމްޕަރަރ ޖަސްޓީނިއަން 1 ގެ ވެރިކަމުގައި، މީލާދީން 527 އާއި 565 އާ ދެމެދުގެ ދުވަސްވަރެއްގައެވެ. ރޯމަނުންގެ ޒަމާނުން ފެށިގެން އައްޔޫބީންނާއި އުސްމާނީންގެ ޒަމާނުގެ ތެރޭގައި އެތަން އެކި ފަހަރުމަތިން އާބާތުރަފިލުވާފައިވެއެވެ.

ގާޒިއާންޓެޕް ކިއްލާ މިހާރު ބޭނުންކުރެވެނީ ދާރުލްއާސާރެއްގެ ގޮތުގައެވެ. އެތަނުގައި ހުންނަނީ "ގާޒިއާންޓެޕް ޑިފެންސް އެންޑް ހިރޮއިޒަމް ޕެނޮރެމިކް މިއުޒިއަމް" އެވެ.

ގާޒިއާންޓެޕް ކިއްލާގެ އިތުރުން، އެ ކިއްލާ ކައިރީގައި ހުންނަ މީލާދީން 17 ވަނަ ޤަރުނުގައި ބިނާކޮށްފައިވާ ތާރީޚީ ޝިރްވާނީ މިސްކިތުގެ ގުއްބާއި އިރުމަތީ ފާރުން ބައެއް ވެސް ވަނީ ވެއްޓިފައެވެ.

ފުރަތަމަ އައި ބިންހެލުމަށްފަހު، ރިކްޓަރ މިންގަނޑުގެ 4 ނުވަތަ އެއަށްވުރެ މަތީގެ 18 އަށް ވުރެ ގިނަ ކުދިހެލުންތައް ރެކޯޑް ކުރެވިފައިވާއިރު، މިއީ މި ޤަރުނުގެ ތެރޭގައި ތުރުކީވިލާތަށް އައި އެންމެ ބާރުގަދަ އެއް ބިންހެލުމެވެ.

ތުރުކީވިލާތާއި އާއި ސޫރިޔާއިން ބިންހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދުން މިހާތަނަށް 3000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ. އަދި މި ބިންހެލުމުގައި ތުރުކީވިލާތުގެ 10 ސިޓީއެއްގެ 1،700 އެއްހާ އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން