މެދުއިރުމައްޗަށް އިތުރު ބޮޑެތި ބިންހެލުންތަކެއް އައުމުގެ އިންޒާރު ޖަޕާނުގެ ބިންހެލުމާ ބެހޭ މާހިރަކު ދެއްވައިފިއެވެ.

ޔުނިވާސިޓީ އޮފް ޓްސުކޫބާގެ ސައިސްމޮލޮޖީގެ ޕްރޮފެސަރެއްކަމަށްވާ ޔާގީ ޔޯޖީ މިފަދައިން އިންޒާރު ދެއްވައިފައިވަނީ ތުރުކީ އަދި ސީރީޔާ ސަރަހައްދަށް މިދިޔަ ހޯމަދުވަހު އެރި ބާރުގަދަ ބިންހެލުމަށް ފަހުއެވެ. 7.8 މެގްނިޓިއުޑް ބާރުމިނުގައި އެރި މިބިންހެލުމުގެ ސަބަބުން އެތައް ހާސް މީހުންނެއް މަރުވެފައިވާއިރު، ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

އެގޮތުން ޖަޕާނުގެ ބިންހެލުމުގެ ކަންކަމާއި ބެހޭ މާހިރު ޕްރޮފެސަރ ޔާގީ ޔޯޖީ ގަބޫލުކުރާ ގޮތުގައި ތުރުކީއަށާއި އަވަށްޓެރި ގައުމުތަކަށް ހޯމަ ދުވަހުގެ އައި ބިންހެލުމުގެ ބާރުމިނާއި އެއްވަރަށް އިތުރު ބިންހެލުންތަކެއް އަތުވެދާނެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އެސަރަހައްދުގެ ބިންގަނޑު އުފެދިފައިވާގޮތުން ނުވަތަ އިރުއުތުރުގެ އެނަޓޯލިއާ ޕްލޭޓްތައް އަރަބި ޕްލޭޓާ ގުޅޭ ހިސާބުގައި ހުރި ބައެއް ފޯލްޓްތަކަށް ނިސްބަތް ކުރައްވައެވެ. އަދި މި ފޯލްޓްތަކުގެ ސަބަބުން އެސަރަހައްދުގައި ކޮމްޕްލެކްސް ޓެކްޓޮނިކް ސްޓްރަކްޗަރއެއް އުފެދިގެންދާއިރު، މިއާއެކު އުފެދޭ ޕްރެޝަރާއިއެކު މި ޕްލޭޓްތައް އެކަތި އަނެކަކާ ޖެހި، ބިމުގެ އެކި ފަށަލަތަކަށް ބޮޑެތި ބަދަލުއައިސް ބިންހެލުމަކާއި ހަމައަށް ވާސިލުވުން ބޮޑު ކަމަށް ވެސް ޕްރޮފެސަރ ލަފާކުރެެއްވިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ކުރި ތަހުލީލަކުން ދައްކާ ގޮތުގައި ހޯމަ ދުވަހުގެ ފުރަތަމަ ބިންހެލުމުގެ އަރާފައިވަނީ ބިމުގެ 17.9 ކިލޯމީޓަރު އަޑިންނެވެ. އަދި އާފްޓާރޝޮކް އާއިއެކު އައި ދެވަނަ ބާރުގަދަ ބިންހެލުން އަރާފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ.

2020 ވަނަ އަހަރުވެސް ހަމަ ތުރުކީ ސަރަހައްދަށް ވަނީ ބިންހެލުމެއް އައިސްފައެވެ. 6.7 މެގްނިޓިއުޑް ބާރުމިނުގައި އައި މިބިންހެލުމުގައިވެސް އެތައް ބަޔަކު މަރުވެފައިވެއެވެ. މީގެއިތުރުން 1939 ވަނަ އަހަރު 7.8 މެގްނިޓިއުޑް ބާރުމިނުގައި ތުރުކީ ސަރަހައްދަށް އެރި ބާރު ގަދަ ބިންހެލުމުގައި 30،000 އަށްވުރެެއް ގިނަ މީހުން މަރުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން