ސަލާމަތީ ބިރު އޮތް ކަމަށްބުނެ އޮސްޓްރޭލިއާގެ ސަރުކާރުގެ އިމާރާތްތަކުގައި ހަރުކޮށްފައިވާ ޗައިނާއިން އުފައްދާފައިވާ ސަވައިލެންސް ކެމެރާތައް ނަގަން ނިންމައިފިއެވެ.

މިފަދަ ނިންމުމެއް ނިންމާފައިވަނީ ސަރުކާރުގެ އިމާރާތްތަކުގައި ޗައިނާގެ ކުންފުނި ހިކްވިޝަން އާއި ދަހުއާއިން ހަދާފައިވާ 900 ސަވައިލެންސް އިކުއިޕްމަންޓް ބޭނުންކުރަމުންދާކަން އޮޑިޓެއްގައި ހާމަވުމުންނެވެ.

އޮސްޓްރޭލިއާއިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ސަލާމަތީ ބިރު އޮތް ކަމަށްބުނެ އިނގިރޭސިވިލާތާއި އެމެރިކާއިންވެސް މީގެކުރިން ވަނީ މިފަދަ ފިޔަވަޅުތައް އަޅާފައެވެ.

އެގޮތުން އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު އަދި ބޮޑުވަޒީރުގެ ނައިބު ރިޗާޑް މާލްސް ބުރާސްފަތި ދުވަހު ވިދާޅުވީ ޑިފެންސްގެ އެއްވެސް ތަނަކުން ޗައިނާ އިން އުފައްދާފައިވާ ކެމެރާތައް ހަރުކުރެވިފައިވޭތޯ ބަލައި އެ ކެމެރާތައް ނަގާނެ ކަމަށެވެ. އަދި އެޓާނީ ޖެނެރަލް މާކް ޑްރެއިފަސް ވިދާޅުވީ ސަރުކާރުގެ އެހެން އިމާރާތްތަކުގައި ހުންނަ ކެމެރާތައް ވެސް ނަގަން ޖެހޭތޯ ބަލައި ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ނިންމުމައް ޖަވާބުދާރީވަމުން، ސަވައިލެންސް ކެމެރާ އުފައްދާ ޗައިނާގެ ކުންފުނި ހިކްވިޝަން އިން ވަނީ އެކުންފުނީގެ ޕްރޮޑަކްޓްތައް ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ތަމްސީލު ކުރުމަކީ މުޅިން ގޯސް ވާހަކައެއް ކަމެކެވެ. އެ ކުންފުނިން ބުނާ ގޮތުގައި ސީސީޓީވީ ގެންގުޅޭ ފަރާތްތައް ފިޔަވާ އިތުރު ބަޔަކަށް ވީޑިއޯ ޑޭޓާ އެކްސެސް ނުވެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން