މިމަހުގެ 6 ވަނަ ދުވަހު ތުރުކީއަށް އައި ބިން ހެލުމުގައި ވެއްޓުނު އިމާރާތްތައް ހަދާފައި ހުރީ އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމަށް ތުރުކީގެ ކަމާއިބެހޭ ފަރާތްތަކުން ތަހުގީގެއް ފަށައިފިއެވެ.

ތުރުކީއާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް އައި 7.8 މެގްނިޓިއުޑްގެ ބިން ހެލުމުގައި މިހާތަނަށް 22000 މީހުން މަރުވެފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރެއިން 19 ހާހަށްވުރެ ގިނަ މީހުން މަރުވީ ތުރުކީންނެވެ.

ބިން ހެލުމުގައި ޢިމާރާތްތަކުގެ ދަށުވެގެން ގިނަ ބަޔަކު މަރުވިއިރު 5000 އެއްހާ އިމާރާތް ވެއްޓިފައިވާކަމަށް ހަބަރުތައް ބުނެއެވެ.

ތުރުކީއަށް 1999 ވަނަ އަހަރު އައި ބިން ހެލުމެއްގައި 14 ހާސް މީހުން މަރުވި ކާރިސާއަށްފަހު އެ ގައުމުގައި އިމާރާތްތައް ކުރާއިރު ހުންނަންޖެހޭ މިންގަނޑުތަކެއް ހުރެއެވެ. އެގޮތުން މިފަދަ ކާރިސާތަކުން ސަލާމަތްވެވޭނެ ގޮތަށް އިމާރާތްތައް ބިނާކުރަން އެ މިންގަނޑުގައި އޮވެއެވެ.

ތުރުކީގެ ޖަސްޓިސް މިނިސްޓަރު ބެކީރް ބޯޒްދަގް ވިދާޅުވީ ބިން ހެލުމުގައި އިމާރާތްތައް ވެއްޓުނު ސަރަހައްދުތަކުގައި ތަހުގީގު ފަށާފައިވާކަމަށެވެ. އަދި އިމާރާތް ކުރުމުގައި އުސޫލުތަކާއި ހިލާފަށް އަމަލުކޮށްފައިވާނަމަ، އެ ފަރާތްތައް އެކަމަށް ޒިންމާކުރުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަބަރުތައް ބުނާގޮތުން ވެއްޓުނު ބައެއް އިމާރާތްތަކަކީ މިފަދަ ކާރިސާއަކުން ސަލާމަތްވުމަށް ތުރުކީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހަދާފައިވާ އިމާރާތްތަކެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން