ތުރުކީ ވިލާތުގެ ދެކުނުބިތަށާއި ސީރިއާގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް މިދިޔަ ހަފްތާގެ ހޯމަދުވަހު އައި ބާރުގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 23000 އިން މައްޗަށް އަރައިފިއެވެ.

ހޯމަދުވަހުގެ ފަތިހުގެ ވަގުތެއްގައި 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިން ހެލުމުގައި ތުރުކީއާއި ސޫރިޔާއިން އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އަދިވެސް ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެގޮތުން ބިންހެލުން އައިތާ 100 ގަޑިއިރު ފަހުން ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުވެ ތާށިވެފައި އޮތް އަލަށް އުފަން ކުއްޖަކުވެސް ވަނީ ސަލާމަތްކޮށްފައެވެ. އުމުރުން 10 ދުވަހުގެ މިތުއްތު ކުއްޖާގެ އިތުރުން 40 އަހަރުގެ އަންހެނަކުވެސް ވަނީ ބިންހެލުމާއެކު ކޮންކްރީޓް ދަށުގައި ތާށިވެ އޮންނަތާ 104 ގަޑީރު ފަހުން ސަލާމަތްކޮށްފައެވެ.

"މިހާރު އަހަރެން ގަބޫލުކުރަން މުއުޖިޒާތުގެ ވާހަކަ،" ތުއްތު ކުއްޖާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވި އިންޓަނޭޝަނަލް ސަރޗް އެންޑް ރެސްކިއު ޓީމުގެ ލީޑަރު ސްޓީވަން ބަޔަރ ބުންޏެވެ.

"ރައްޔިތުން ރޮއި ބައްދާލައިގެން އުޅޭތަން ފެނޭ. މިފަދަ ހާލަތެއްގައި މި އަންހެންމީހާ އެހާ ފިޓްކޮށް ނުކުތުމަކީ ލިބުނު ބޮޑު ލުޔެއް. މިއީ މުޢުޖިޒާތެއް ކަމަށް އަހަރެން ގަބޫލުކުރަން."

ތުއްތު ކުއްޖާ އަދި އަންހެން މީހާއަށްވެސް މިހާރު ދަނީ ސިއްހީ ފަރުވާ ދެމުންނެވެ.

ބިންހެލުމާއި ގުޅިގެން އެތައް ބަޔަކު ގެދޮރު ނެތި މަގުމަތިވެފައިވާއިރު، ގިނަބަޔަކު ދަނީ ގަދަ ފިންޏާއި، ހައިހޫނުކަމުން ސަލާމަތްވުމަށް މަސައްކަތްކުރަމުންނެވެ.

މިހާދިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް، އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އިތުރުން އެތައް ގައުމަކުން ވަނީ ބިންހެލުމާއި ގުޅިގެން އެހީ ފޯރުކޮށްދިނުމަށް ވައުދުވެ، އެމަޖެންސީ ޓީމުތައްވެސް ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން