ތުރުކީ ވިލާތާއި ސީރިއާއަށް އައި ބިންހެލުމާއިއެކު ސީރިއާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކުރުމަށް، އެމެރިކާއިން ސީރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތީ ގޮތުން އުވާލައިފިއެވެ.

އެގޮތުން އެމެރިކާއިން ވަނީ އެގައުމުން ސީރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް 180 ދުވަހަށް މެދުކަނޑާލަައިފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފައެވެ. ނަމަވެސް އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ޖަމާއަތްތަކަށާއި ގައުމުތަކަށް، ސީރިއާގެ ރައީސް ބަހާރުލް އައްސަދުގެ ސަރުކާރުން ކުރަމުންދާ ޑިމާންޑުތަކާއި، ސީރިއާގައި ގިނަ ދުވަސްވީ ހަނގުރާމަ ވަނީ ބޮޑު ގޮންޖެހުމަކަށްވެފައެވެ.

ޓެރަރިޒަމްގެ ތުހުމަތުތަކާއެކު 1979 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ދަނީ ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އަދި 2004 ވަނަ އަހަރު އިރާގު ހަނގުރާމައިގެ ތެރޭގައި ވައިޓް ހައުސްއިން ވަނީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެމެރިކާއިން ތަކުރާރުކޮށް ސީރީއާ އާއި ދެކޮޅަށް ފިއްތުންތައް ކުރިމަތި ކުރަމުން ދަނިކޮށް، 2011 ވަނަ އަހަރުގެ ދާޚިލީ ހަނގުރާމައާއިއެކު ސީރިއާ ސަރުކާރާއި ހުޅަނގާއި ދެމެދު އޮތް ގުޅުމަށްވެސް ބުރޫ އަރައިފައިވެއެވެ.

އެންމެ ފަހުން އެމެރިކާއިން ސީރިއާ އާއި ދެކޮޅަށް އަޅަމުންދިޔަ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މިފިޔަވަޅުތައް ހަރުކަށިކޮށްފައިވަނީ އަސަދުގެ ޖަލުތަކުގައި ތިބި ގައިދީންނަށް ރަހުމު ކުޑަކޮށް އިންސާނިއްޔަތާއި ހިލާފަށް އަނިޔާކުރި ފޮޓޯތަކެއް ހާމަވުމާއެކުއެވެ. މިފިޔަވަޅުތަކުގެ ތެރޭގައި ސީރިއާގެ ރައީސް ވެރިކަމުގައި ދެމިހުރުމަށް މާލީގޮތުންނާއި ސިޔާސީ ގޮތުން އެހީތެރިވެދޭ ފަރާތްތަކަށް އަދަބު ދިނުންހިމެނެއެވެ.

އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައިވަނީ، މިދިޔަ ހޯމަ ދުވަހު ބިންހެލުމާއިއެކު ސީރިއާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތައް ނައްތާނުލެވިއްޖެނަމަ، ބިންހެލުމުން ސަލާމަތްވެފައިވާ މީހުންނަށްވެސް ފިނި މޫސުމުގެ ނުރައްކަލާއިއެކު، ކާބޯތަކެއްޗާއި، ބޭހަށް ޖެހި، މަރުވާ މީހުންގެ އަދަދު މަތިވުން އެކަށީގެން ވެދާނެކަމަށް އދ އިން ލަފާކޮށްފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން