ތުރުކީވިލާތާއި ސީރިއާއަށް މިދިޔަ ހަފްތާގެ ހޯމަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 28،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މީހުން ހޯދުމަށް ކުރާ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ތުރުކީގައި ހަރަކާތްތެރިވަމުންދާ ރެސްކިއު ޓީމުތަކުން ރިޕޯޓުކޮށްފިއެވެ.

އެގޮތުން ތުރުކީގެ އާންމުންގެ ގްރޫޕްތަކެއްގެ މެދުގައި ހިނގަމުންދާ މާރާމާރީތަކަކާއި ހުރެ ޖަރުމަނާއި އޮސްޓްރިއާގެ ޓީމު ތަކުން ވަނީ މީހުން ހޯދުމުގެ މަސައްކަތް ހޮނިހިރު ދުވަހު މަޑުޖައްސާލައިފައެވެ.

އޮސްޓްރިއާ ސިފައިންގެ ތަރުޖަމާނަކު ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވިދާޅުވީ ހެޓޭ ޕްރޮވިންސްގައި ކޮންބައެއްކަން ނޭނގޭ ޖަމާއަތްތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ތުރުކީއަށް އެހީވުމަށް ގޮސްތިބި އޮސްޓްރިއާ ފޯސަސް ޑިޒާސްޓާ ރިލީފް ޔުނިޓުގެ ދިހަވަރަކަށް މީހުން ބައިނަލްއަގްވާމީ އެހެން ޖަމިއްޔާތަކާއެކު ބޭސް ކޭމްޕެއްގައި ރައްކާތެރިކަން ހޯދާފައިވާ ކަމަށެވެ.

"ތުރުކީގެ ފެކްޝަންތަކުގެ މެދުގައި ހަމަނުޖެހުން އިތުރުވަމުންދަނީ،" ލެފްޓިނެންޓް ކާނަލް ޕިއެރޭ ކުގެލްވައިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. "އަމިއްލަ ނަފްސު ނުރައްކަލަކަށް ހުށައަޅައިގެން ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަކީ ބުއްދިވެރިކަމެއް ނޫން."

ނަމަވެސް އޮސްޓްރިއާ ޓީމުގެ ރެސްކިއު މަސައްކަތް ހުއްޓާލިތާ މާގިނައިރެއްނުވެ ތުރުކީ ސިފައިން ވަނީ ރެސްކިއު ޓީމުތަކަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ބިންހެލުމުގައި ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދީފައެވެ.

ތުރުކީގެ އާންމުންގެ ތެރޭގައި އެކިވަރުގެ ހަމަނުޖެހުންތައް އިތުރުވަމުންދާކަން ރިޕޯޓު ކުރަމުންދާއިރު، މަގުފޭރޭ އަދި ވައްކަން ކުރާ މީހުންގެ އުނދަގޫވެސް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އެގޮތުން ލޫޓުވުމާއި ވައްކަމުގެ މައްސަލައިގައި ގާތްގަނޑަކަށް 50 މީހުން ހައްޔަރުކޮށްފައިވާއިރު، އެތައް ހަތިޔާރެއްވެސް އަތުލައިގަނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަންކަން ހައްލުކުރުމަށް، ތުރުކީގެ ރައީސް ވަނީ ގާނޫނާ ހިލާފުވާ ކޮންމެ މީހަކަށް އަދަބު ދިނުމަށް ބާރުގެ ބޭނުން ކުރައްވާން ފަސްޖެހިވަޑައިނުގަންނަވާނެކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން