ތުރުކީ އަދި ސީރިއާއަށް އައި ބިންހެލުމަށްފަހު ސީރިއާގެ ހާލަތު ބައްލަވާލެއްވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ހޮނިހިރު ދުވަހު ސީރިއާއަށް ވަޑައިގެންފިއެވެ.

ޓެޑްރޯސްގެ މިދަތުރުފުޅުގައި ސީރިއާގެ ބިންހެލުން އައި މައިސަރަހައްދުކަމަށްވާ އަލިޕޯ ސިޓީއަށް ވަޑައިގެންފައިވާ ކަމަށް ދައުލަތުގެ މީޑިއާތަކުން ހާމަކޮށްފައިވެއެވެ. ޓެޑްރޯސް ގެ މިދަތުރުފުޅުގައި ބައެއް ހޮސްޕިޓަލްތަކާއި ވަގުތީ ހިޔާތަކަށް ޒިޔާރަތް ކުރައްވާނެކަމަށް ރިޕޯޓުކޮށްފައިވެއެވެ،

ޓެޑްރޯސް ސީރިއާއަށް ވަޑައިގެންފައިވަނީ 37 މެޓްރިކް ޓަނުގެ އެމަރޖެންސީ މެޑިކަލް އެހީތެރިކަން ހިފައިގެންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެގޮތުން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓެޑްރޯސް ވިދާޅުވީ، އެހީގެ ސާމާނު ހިފައިގެން އާދެވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އިތުރު އެހީގެ ތަކެތި ސީރިއާއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"މިއީ އެހީގެ ފުރަތަމަ ސަޕްލައި."

"މާދަމާ، 30 މެޓްރިކް ޓަނަށް ވުރެ ގިނަ އެހީގެ ތަކެތި ގެނައުމުގެ މަސައްކަތް ކުރަމުންދަނީ،" ޓެޑްރޯސް ވިދާޅުވި އެވެ.

ތުރުކީއާއި ސީރިއާއަށް 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަރާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މިބިންހެލުމުގެ ސަބަބުން ހަނގުރާމަވެރި ސީރިއާގައި އެކަނިވެސް މަދުވެގެން 3،500 އަށްވުރެއް ގިނަ މީހުން ހިމެނޭ ގޮތަށް 28،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން