އިނގިރޭސިވިލާތުގެ ކުރީގެ ފުލުހަކު، އޭނާ ފުލުހުންގެ ވަޒީފާގައި އުޅުނު 17 އަހަރުގެ ތެރޭގައި 12 އަންހެނުން ރޭޕްކޮށް އަދި ޖިންސީ ގޯނާކޮށްފައިވާތީ މިދިޔަ އަންގާރަ ދުވަހު އުމުރަށް ޖަލަށްލައިފިއެވެ.

ލަންޑަން މެޓްރޮޕޮލިޓަން ޕޮލިސް ފޯހުގައި ހަތިޔާރު އެޅި އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި، އުމުރުން 48 އަހަރުގެ ޑޭވިޑް ކެރިކް، މިދިޔަ އަންގާރަ ދުވަހު ސައުތުވާކް ކްރައުން ކޯޓަށް ހާޒިރުކޮށް، މިހާތަނަށް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިވާ ގޮތަށް، މަދުވެވެގެން 32 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގައި އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާ މީހުން މަދުވެގެން ވަކި މުއްދަތެއް ޖަލުގައި ހޭދަކުރަންޖެހޭއިރު، އެމީހުން ޖަލުން ދޫކޮށްލާނީ އެމީހުންގެ ފަރާތުން އާންމުންނަށް ނުރައްކަލެއް ކުރިމަތިނުވާނެކަން ކަށަވަރުވެއްޖެނަމަ އެކަންޏެވެ.

އަޚުލާޤީ ގޮތުން އާއްމުން ބަލައިގަންނަ ފަދަ އަދި އިތުބާރުކުރެވޭ ފަދަ ޔުނީފޯމެއްގެ ނިވަލުގައި ހުރެ، ޑޭވިޑް ކެރިކް އަންހެނުންތަކެއްގެ ނާޖާއިޒު ފައިދާ ޝައިތާނީ ގޮތަކަށް ނަގާފައިވާކަން އެ މައްސަލަ ބެއްލެވި ގާޒީ ބޮބީ ޗީމާ-ގްރަބް، ޝަރީއަތުގެ މަޖިލީހުގައި ފާހަގަކުރެއްވިއެވެ. ގާޒީ ފާހަގަކުރެއްވި ގޮތުގައި ލަދެއްހަޔާތެއްނެތި އެތައް ބައިވަރު އަންހެނުންތަކެއް ރޭޕްކޮށް، އެމީހުންނަށް ޖިންސީ ގޯނާކުރަމުން ދިޔައިރު ޑޭވިޑް ކެރިކް އުޅެމުން ދިޔައީ އޭނާއަކީ އަތްނުލެވޭނެފަދަ މަޤާމެއްގައި ހުރި މީހެއްކަމަށް ދެކިގެންނެވެ.



އުމުރުން 48 އަހަރުގެ ކެރިކް ވަނީ 49 ކުށަކަށް އިއުތިރާފުވެފައެވެ. އޭގެތެރޭގައި ރޭޕްގެ 24 ދަޢުވާއެއް ހިމެނެއެވެ. އޭނާގެ ޖިންސީ ޝިކާރައަކަށްވެފައިވާ ކަމަށް އެނގިފައިވަނީ ޖުމުލަ 12 އަންހެނެކެވެ.

ކެރިކް ހިންގާފައިވާ މި ޖަރީމާތައް ހިންގާފައިވަނީ 2003 އާއި 2020 އާ ދެމެދު މެޓްރޮޕޮލިޓަން ޕޮލިސް ފޯހުގެ ޕާލަމެންޓްރީ އަދި ޑިޕްލޮމެޓިކް ކޮމާންޑްގައި މަސައްކަތްކުރި ދުވަސްވަރުގެ ތެރޭގައެވެ. އެއީ އިނގިރޭސިވިލާތުގެ ބަރުލަމާނާއި، ބޮޑުވަޒީރުގެ ގެކޮޅާއި، ބޭރުޤައުމުތަކުގެ ސަފާރާތަކުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފުލުހުންގެ ފައުޖެވެ.

ކެރިކްގެ މައްސަލައިގެ ސަބަބުން އިނގިރޭސިވިލާތުގެ އެންމެ ބޮޑު ފުލުހުންގެ ފައުޖަށް އިތުރު ފިއްތުންތަކެއް ވަނީ ކުރިމަތިވެފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ލަންޑަން މެޓްރޮޕޮލިޓަން ޕޮލިސް ފޯހުގެ އޮފިސަރުންތަކެއްގެ މައްޗަށް ކޮރަޕްޝަނާއި، ހަނގާކުރުމާއި، ނަސްލީ ތަފާތުކުރުން ގެންގުޅުމާއި، އަންހެނުންނާ ދޭތެރޭ އިހާނެތިކޮށް ކަންތައްކުރުމާއި، މި ބާވަތުގެ ތަފާތު އެތަކެއް ތުހުމަތުތަކެއް ކުރެވިގެން މުޅި ފައުޖާމެދު ވަނީ "ޚާއްޞަ ފިޔަވަޅުތަކެއް" އަޅާފައެވެ. ނަތީޖާއެއްގެ ގޮތުން އެ ފައުޖުގެ ފުލުހުންގެ ޢަމަލުތައް ހުންނަ ގޮތް ބެލުން އިހުނަށްވުރެ ހަރުދަނާކޮށްފައިވެއެވެ.

ކެރިކްގެ ޝިކާރައަކަށްވީ ބައެއް މީހުން ވަނީ، ފުލުހުންނަށް މިހާރު އިތުބާރުނުކުރާ ކަމަށް ބުނެ ކޯޓަށް ލިޔުމުން ބަޔާންދީފައެވެ.

ކެރިކްގެ ޖަރީމާތަކަކީ ފުލުހުންގެ ފައުޖުގައި ޖެހުނު ބޮޑު ލައްގަނޑެއްކަމަށް އިނގިރޭސިވިލާތުގެ ހޯމް ސެކެޓްރީ ސުއެލާ ބްރޭވަރމަން ވިދާޅުވެފައިވެއެވެ. އަދި މިހާ ގިނަ ދުވަސް ވާންދެން ފުލުހުންގެ ޔުނީފޯމުގައި ލައިގެން އޭނާއަށް އުޅެވުނު ގޮތް އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، މިހާރުވެސް އެކަންތައް ބަލައި ތަޙްޤީޤުކުރަމުން ގެންދާކަމަށް ހޯމް ސެކެޓްރީ ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި މީގެ ދެ އަހަރު ކުރިން ކެރިކް ހައްޔަރު ކުރުމާއި ގުޅިގެން ލަންޑަން މެޓްރޮޕޮލިޓަން ޕޮލިސް ފޯހުންވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ. އަދި މި ދިޔަ ޖެނުއަރީ މަހު ވަނީ ފުލުހުންގެ ވަޒީފާއިން ވަކިވެސް ކޮށްފައެވެ. ފުލުހަކަށްވެ ހުރެ އޭނާ ހިންގާފައިވާ ޖަރީމާތަކުގެ ސަބަބުން ލަންޑަން މެޓްރޮޕޮލިޓަން ޕޮލިސް ފޯހުންވަނީ މާފަށްވެސް އެދި ބަޔާނެއް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން