ފޮޓޯ: އޭޕީ
ފޮޓޯ: އޭޕީ
ތުރުކީވިލާތުގެ އޮފިޝަލުން ބުނާ ގޮތުގައި ހޯމަ ދުވަހު އައި ބިންހެލުމުގައި ވެއްޓުނު ތަންތަން އިމާރާތްކުރި ކޮންޓްރެކްޓަރުންގެ 113 މީހަކު ހައްޔަރުކުރުމުގެ އަމުރެއް ވަނީ ނެރެފައެވެ. ތުރުކީވިލާތުގެ ފުލުހުން މިހާރު ވެސް ވަނީ އިމާރާތްކުރުމުގެ މަސައްކަތް ކުރާ ފަރާތްތައް ހިމެނޭ ގޮތަށް މަދުވެގެން 12 މީހަކު ހައްޔަރުކޮށްފައެވެ.

މިއާއެކު ތުރުކީވިލާތުގެ ދެކުނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ވެސް ބުރޫއަރާފައިވެއެވެ. ހޯމަދުވަހުގެ ބިންހެލުމުގެ ސަބަބުން ތުރުކީވިލާތާއި ސޫރިޔާއިން މަރުވި މީހުންގެ އަދަދު 33،000 އަށް ވުރެ މައްޗަށް މިހާރު ވަނީ އަރާފައެވެ.

ބިންހެލުމުގެ ކާރިސާއާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުކުރާނެ ކަމަށް ބެލެވެއެވެ. މި ދަނޑިވަޅުގައި މި ގޮތަށް ބަޔަކު ހައްޔަރުކޮށް ތަހުގީގުހިންގަމުންދާތީ ގިނަ ބަޔަކު ދެކެނީ މިއީ ބިންހެލުމުގައި މިހާބޮޑަށް ގެއްލުން ލިބުނު ލިބުން، އެހެން ބަޔަކާ މަތިކުރުމުގެ ބޭނުމުގައި ކުރާ ކަމެއްގެ ގޮތުގައެވެ. ކޮރަޕްޝަނާއި، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ތުރުކީވިލާތުގައި މިފަހުން އިމާރާތްކުރެވެމުންދާ ގިނަ އިމާރާތްތަކީ ރައްކާތެރި އިމާރާތްތަކެއް ނޫންކަމަށް ކަމުގެ ތަޖުރިބާކާރުން އިންޒާރުދެމުން އަންނަތާ އަހަރުތަކެއް ވެއްޖެކަމަށާއި، ވަކީން ޚާއްޞަކޮށް ގިނަގިނައި ބިންހެލުން އަންނަ ސަރަހައްދުތަކުގައި ބިނާކޮށްފައިވާ އިމާރާތްތަކާ ގުޅިގެން ތަޖުރިބާކާރުން މިފަދަ އިންޒާރުތައް ދީފައިވާ ކަމަށް ބީބީސީން ޚަބަރު ލިބެއެވެ.

މި ފަހަރުގެ ބިންހެލުމުގައި ގިނަ އިމާރާތްތަކެއް ވެއްޓި އެތައް ބަޔަކު މަރުވެ، މިހާބޮޑު ކާރިސާއެއް މެދުވެރިވީ ގުދުރަތީ ސަބަބުތަކުގެ އިތުރުން ކުރީން ބަޔާންކުރެވުނު ގޮތަށް އިމާރާތްކުރުމުގައި ހުރި ފެންވަރު ދަށްވުމުގެ ސަބަބުން ކަމަށް ވަރަށް ގިނަ ބަޔަކު ބުނެއެވެ. ތުރުކީވިލާތުގެ ސަރުކާރުންވެސް އެކަން އެގޮތަށް ގަބޫލުކުރާކަން މިހާރު ހައްޔަރުކުރެވެމުންދާ މީހުންނަށް ބަލާލުމުންވެސް ދޭހަވެއެވެ.

މި ވޭތުވެދިޔަ ވިއްސަކަށް އަހަރު ތުރުކީވިލާތުގައި ވެރިކަންކުރައްވަމުން ވަޑައިގަންނަވާ އެގައުމުގެ ރައީސް އެރްދުޣާން ވެސް ވަނީ އެފަދަ ސަބަބުތަކެއް ހުރިކަމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް ގެއްލުންލިބުނު ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދަކަށް ވަޑައިގެންނެވުމަށްފަހު އޭނާ ވިދާޅުވެފައިވަނީ ބިންހެލުން ފަދަ ކާރިސާތަކަކީ އަބަދުވެސް ދިމާވާ ކަންތައްތަކެއް ކަމަށާއި، އެއީ ތަޤްދީރުގެ ނިޔާކަމުގައެވެ.

ބިންހެލުން އައިތާ ހަފްތާއެއްހާ ދުވަސްވެފައިވާއިރު ސަރަހައްދުގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. މިގޮތުން ތުރުކީވިލާތުގެ އެކިއެކި ޖަމާއަތްތަކުގެ މެދުގައި ހަމަނުޖެހުން އުފެދި މީހުން ސަލާމަތްކުރުމުގެ މަސައްކަތަށްވެސް ބައެއް ސަރަހައްދުތަކުގައި ބުރޫއަރާފައިވެއެވެ. އަދި ހަމަ އެހެންމެ ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައިވެސް ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.

ތުރުކީވިލާތުގެ ދެކުނާއި، ސޫރިޔާގެ އުތުރުގެ އެކި ހިސާބުތަކުގައި އެތައް މިލިއަން ބަޔަކު ގެދޮރުނެތި ހާލުގައި ޖެހިފައިވާއިރު، ފިނިމޫސުމުގެ ފިނި ރެޔަކަށްވުރެ ރެޔެއް ދަނީ ގަދަވަމުންނެވެ. އަދި އދ އިން ޚަބަރުދޭ ގޮތުގައި 800،000 އަށްވުރެ ގިނަ މީހުންވަނީ ކާބޯތަކެއްޗަށް ޖެހިފައެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވާ އދ ގެ އެހީދޭ އެޖެންސީން ބުނާ ގޮތުން ބިންހެލުމުގެ ސަބަބުން މަރުވިމީހުންގެ ޖުމުލަ އަދަދު ދެގުނަ މައްޗަށް އުފުލޭނެކަމަށް ލަފާކުރެވެއެވެ.

އދ ގެ އެހީދޭ އެޖެންސީގެ ވެރިޔާގެ ގޮތުގައި ތުރުކީވިލާތުގައި ވަޑައިގެން ހުންނެވި އދ ގެ އަންޑަރ ސެކެޓްރީ ޖެނެރަލް މާޓިން ގްރިފިތްސް، ޤަހްރަމާން މަރްޢަޝް މަޑުލު (ޕްރޮވިންސް) ގައި ހުންނަވާފައި ވިދާޅުވެފައިވާ ގޮތުން މި ބިންހެލުމުގެ ހާދިސާއަކީ މި ސަރަހައްދުގައި މި ވޭތުވެގެން ދިޔަ 100 އަހަރުގެ ތެރޭގައި ހިނގާފައިވާ އެންމެ ނުކުސާނު ބޮޑު ކާރިސާއެވެ. އަދި މިއީ އޭނާ ދެކެވަޑައިގެންނެވި އެންމެ ނުކުސާނު ބޮޑު ކާރިސާކަމަށާއި މިކަމުގައި ބައިނަލްއަގުވާމީ ގޮތުން ލިބެމުން އަންނަ އެހީތެރިކަމަކީ ވެސް މީގެ ކުރިން އޭނާ ދެކެވަޑައިގެންފައިނުވާ ވަރުގެ ބޮޑު އެހީތެރިކަމެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.

މައުލޫމާތު: ބީބީސީ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން