ރަޝިޔާގެ ނޮދަރން (އާކްޓިކް) ފެޑެރަލް ޔުނިވަރސިޓީގެ ދަރިވަރު އޮލެސިއާ ކްރިވްޓްސޯވާއަށް މި ވޭތުވެ ދިޔަ ގިނަ މަސްތަކެއްގެ ތެރޭގައި އޭނާ ހަދަމުން ގެންދާ ކޯހުގެ ވަރަށް ގިނަ ކުލާސްތައް ވަނީ ގެއްލިފައެވެ. ސަބަބެއް ކަމުގައި ވަނީ ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައާ ދެކޮޅަށް މީސްމީޑިއާގައި ލިޔެ، ރައީސް ވްލަޑިމިއާ ޕޫޓިންއަށް ފާޑުކިޔާ ކަމަށް ބުނެ ރަޝިޔާގެ ކަމާބެހޭފަރާތްތަކުން އޭނާ ގޭބަންދުކޮށްފައިވާތީއެވެ.

އޭގެ އިތުރުން އާރްޚަންގިލްސްކް ސަހަރަށް ނިސްބަތްވާ އޮލެސިއާ ކްރިވްޓްސޯވާ އިންސްޓަގްރާމްގައި ހަނގުރާމައާ ދެކޮޅަށް ލިޔެ އަޑުއުފުލާތީ ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާއަކީ ނިރުބަވެރިއެއް ކަމުގައި ކަނޑައަޅާފައެވެ. ޝަރީއަތުގައި އޭނާގެ މައްޗަށް ނިރުބަވެރިއެއްކަމުގެ ކުށް ސާބިތުވެއްޖެނަމަ މަދުވެގެން ދިހައަހަރު ދުވަހުގެ ޖަލުހުކުމެއް އަންނާނެއެވެ. މިވަގުތު އޮލެސިއާ ކްރިވްޓްސޯވާ ގޭބަންދުގައި ހުރި އިރު، އޭނާ އުޅޭނޫޅޭ ގޮތް ބެލުމަށްޓަކައި ރަޝިޔާ ފުލުހުންވަނީ އޭނާގެ ފައިގައި އިލެކްޓްރޯނިކް ޓެގެއް އަޅުވާފައެވެ.

ބީބީސީން ޚަބަރުލިބޭ ގޮތުގައި އޮލެސިއާގެ މައްޗަށް ވަނީ ނިރުބަވެރިކަމަށް ތާއީދުކުރުމާއި ރަޝިޔާ ސިފައިން ބަދުނާމު ކުރުމުގެ ދައުވާ އުފުލާފައެވެ.

ރަޝިޔާގެ ދަރިވަރު ފުރަތަމަ ފަހަރަށް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު އޭނާގެ އިންސްޓަގްރާމް ޕޯސްޓުގެ ސްކްރީންޝޮޓާއެކު އޭނާގެ ރައްޓެއްސަކު ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ. ނަމަވެސް އެ މައްސަލާގައި މަޑުލު (ޑިސްޓްރިކްޓް) ކޯޓުން ވަނީ އޭނާ ކުށެއް ނުކުރާ ކަމަށް ކަނޑައަޅައި، އަދި ފުލުހުންނަށް އޭނާގެ ހަރަކާތްތައް ހުއްޓުވުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ކަނޑައަޅައި، އޭނާ ދޫކޮށްލާފައެވެ.

ދެވަނަ ފަހަރަށް އޮލެސިއާ ހައްޔަރުކޮށްފައިވަނީ ރަޝިޔާގެ ބޯޑަރު ހުރަސްކުރުމަށް ޓިކެޓު ނަގާފައިވާ ކަމަށް ތުހުމަތުކޮށްފައި ކަމަށް އޭނާގެ މަންމައާ ހަވާލާދީ ބީބީސީން ޚަބަރުދެއެވެ. ނަމަވެސް އޭނާގެ މަންމައާ ހަވާލާދީ ބީބީސީން ބުނާ ގޮތުން މީގެ ހަފްތާތަކެއް ކުރިން އޭނާގެ ޕާސްޕޯޓްވަނީ ދަތުރުކުރުމަށް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެހެންކަމުން އޭނާ ރަޝިޔާގެ ބޯޑަރު ހުރަސްކޮށް އެއްވެސް ތަނަކަށް ހިނގައިދާނެ ކަމާމެދު ސުވާލު ނުއުފެދޭނަކަމަށް އޭނާ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން