އޭއެންއައި
އޭއެންއައި
މިދިޔަ އަންގާރަ ދުވަހު އިންޑިޔާގެ އާސާމް ސްޓޭޓްގެ ސޮނިތުޕޫރު މަޑުލުގެ ކަމާބެހޭ ފަރާތްތަކުން އެ މަޑުލުގެ 2،500 އަށް ވުރެ ގިނަ އާއިލާ މަގުމަތިކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ ސަރަހައްދުގެ ގިނަ މީހުންނަކީ ދަނޑުގޮވާންކޮށްގެން ދިރިއުޅޭ ބަންގާޅީ ބަހުން ވާހަކަ ދައްކާ މުސްލިމުންނެވެ.

ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ އެ އާއިލާތައް ދިރިއުޅެމުން އަންނަ 1,892 ހެކްޓަރުގެ ބިމަކީ 1974 ގައި ހިމާޔަތްކޮށްފައިވާ ޖަންގަލީ ބިމެއް ކަމަށާއި، އެ މީހުން އެބިމުގައި ދިރިއުޅެމުން އަންނަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނިގޮތުގައި ސަރުކާރުން ވަނީ ދެ މިސްކިތެއް ވެސް ތަޅާލައިފައެވެ. އެމީހާ ބުނެފައި ވަނީ އެ ދެ މިސްކިތަކީ މި ވޭތުވެދިޔަ 35 އަހަރު އެބައިމީހުން ނަމާދުކުރަމުން އަންނަ ދެ މިސްކިތެއް ކަމަށެވެ.

ސޮނިތުޕޫރުގެ ޑެޕިއުޓީ ކޮމިޝަނަރު ދޭބާ ކުމާރު މިޝްރާ ޓައިމްސް އޮފް އިންޑިއާ އަށް މައުލޫމާތު ދެއްވަމުން، އެތައް ހާސް ބަޔަކު ގަވާއިދާ ޚިލާފަށް އެ ސަރަހައްދުގެ ބިންތަކަށް ވެރިވެގަނެގެން ދިރިއުޅެމުން އަންނަތާ ދަހަރުތަކެއް ވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. ގަވާއިދާ ޚިލާފަށް ދިރިއުޅޭ މީހުން އެސަރަހައްދުން ނެރެ އެތަނުގައި އެ މީހުން އިމާރާތްކޮށްފައިވާ ތަންތަން ތަޅާލުމުގެ މަސައްކަތް ތިން ދުވަސް ވަންދެން ކުރިޔަށްދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ސޮނިތުޕޫރުގައި ގަވާއިދާ ޚިލާފަށް އުޅެމުން އަންނަކަމަށް ބުނާ މީހުން ގެއިން ނެރުމުގެ މަސައްކަތް ކުރެވެމުންދާ އަވަށްތަކަކީ ލަތީމާރީ، ގަނޭޝް ޓަޕޫ، ބާގޭ ޓަޕޫ، ގުލިރުޕާރު، އަދި ސިއާލީއެވެ.

ގެތައް ތަޅާލުމަށް އެ ސަރަހައްދަށް ބުލްޑޯޒަރުތައް ގެނެސްގެން މަސައްކަތް ފަށާފައިވާއިރު، އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން އެސަރަހައްދުގައި ދިރިއުޅޭ މުސްލިމުން އަންނަނީ އެބައިމީހުންގެ ގެތަކުގައި ހުރި ގެންދެވޭނެހައި ހުރިހައި އެއްޗެއް ގެއިންނެރެ ލޮރީ ފަދަ ތަކެއްޗަށް އަރުވައި ބަރުކުރަމުންނެވެ.

ތަޅާލި ގެއިން އޭނާގެ ތަކެތި އެއްކުރަމުން ދިޔަ ފީރޯޒާ ބޭގަމް، ޕީޓީއައި ނިއުސް އެޖެންސީއަށް މައުލޫމާތުދެމުން ބުނީ އެމީހުން ގެތަކުން ނެރުމުގެ މަސައްކަތް ފަށާ ގޮތަށް ސަރުކާރުން ކުރިން އިއުލާނުކޮށްފައި އޮތީ ފެބްރުއަރީ 20 އިން ފެށިގެން ކަމަށެވެ. ނަމަވެސް އެއްވެސް އިޝާރާތެއް ނެތި އަންގާރަ ދުވަހު ކުއްލިއަކަށް އައިސް އެމަސައްކަތް ފެށީކަމަށެވެ.

ބީޖޭޕީއަށް ނިސްބަތްވާ ސަރުކާރުން ކުރަމުންގެންދާ މި ނޭއްގާނީ އަމަލާ ދެކޮޅަށް އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ އަޑުއުފުލާފައެވެ. ކޮންގްރެސް ޕާޓީން ބުނެފައިވާ ގޮތުގައި 2006 ގެ "ފޮރެސްޓް ރައިޓްސް" ގާނޫނުގެ ދަށުން އެސަރަހައްދުގެ ވަރަށް ގިނަ އާއިލާތަކަށް ބިންވެރިކަމުގެ ހައްގު ލިބިގެންވެއެވެ.

2021 ވަނަ އަހަރުގެ މެއި މަހުގައި އާސާމް ސްޓޭޓްގެ ވެރިކަމަށް ބީޖޭޕީގެ ހިމަންތާ ބިސްވާ ސަރްމާ އިސްވީފަހުން، ގަވާއިދާ ޚިލާފަށް ދިރިއުޅުމުން އަންނަކަމަށް ބުނެ، ސަރުކާރުން އަންނަނީ އެ ސްޓޭޓުގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މުސްލިމުން ގެތަކުން ނެރެ، އެ ގެތައް ތަޅައި ސުންނާފަތިކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-7

އަހުމަދު

20-Feb-2023

އަދި ބީޖޭޕީ ހަމަބިމަށް ތިރިވާނެ އިންޝާﷲ



ޓްރެންޑިން