ތުރުކީވިލާތާއި ސީރިއާއަށް އައި ބިންހެލުމުގައި ސަލާމަތްވި ސީރިއާގެ އާއިލާއެއްގެ 7 މީހަކު އަލިފާނުގެ ހާދިސާއެއްގައި މަރުވެއްޖެއެވެ.

މިހަތް މީހުން މަރުވީ ތުރުކީ އަދި ސީރީއާއަށް އައި ބާރުގަދަ ބިންހެލުމުން ސަލާމަތްވުމަށްފަހު ބަދަލުވި އާގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއެއްގައެވެ. މިހާދިސާގައި މަރުވެފައިވަނީ ފަސް ކުޑަކުދިންނާއި އެ ކުދިންގެ މައިންބަފައިންނެވެ.

މިހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި ތުރުކީގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ސީރިއާއަށް ނިސްބަތްވާ މިއާއިލާ ތުރުކީގެ ކޮންޔާގެ ސަރަހައްދަށް ބަދަލުވީ ފެބްރުއަރީ ހަ ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކުރި ތުރުކީގެ އިރުދެކުނު ސިޓީއެއް ކަމަށްވާ ނޫރުދާގީ އިންނެވެ. ބިންހެލުމަށްފަހު އެސިޓީގެ ގިނަ ބަޔަކު ވަނީ ތުރުކީގެ ކޮންޔާ އަދި އެހެން ސަރަހައްދުތަކަށް ބަދަލު ކޮށްފައެވެ.

7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި ތުރުކީއާއި ސީރިއާއިން މަރުވި މީހުންގެ އަދަދު 41،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ މިދިޔަ 10 އަހަރުތެރޭގައި އެ ސަރަހައްދުގައި ހިނގި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާއެވެ.

ބިންހެލުމުގެ ކުރިންވެސް ތުރުކީގައި ސީރީއާގެ އެތައް ރެފިއުޖީންނެއްް ދިރިއުޅެމުންދިޔަކަމަށް ރިޕޯތުތައް ބުނެއެވެ. އެގޮތުން ތުރުކީގައި ގާތްގަނޑަކަށް ހަތަރު މިލިއަނެއްހާ ސީރިއާ މީހުން ދިރިއުޅެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެނީ ބިންހެލުމާއެކު ފަނާވެފައިވާ އިރުދެކުނު ސަރަހައްދުތަކުގައި ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން