ކޮންމެ މީހަކު ކުރިޔަސް ރޭޕް ވާނީ ރޭޕަށް ކަމަށާއި، އެކަމަނާގެ ފިރިކަލުން މީހަކު ރޭޕްކޮށްފައި ނުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ، ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި 2 ފިރިހެނަކު ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފިރިކަލުންނަށް ކުރަމުން ގެންދާ މައްސަލައާއި ގުޅިގެންނެވެ.

ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި 2 މީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކޯޓުންވަނީ އެމީހުން ދޫކޮށްލާފައެވެ.

ރޮޒައިނާ ވިދާޅުވީ، މީހެއްގެ ފިރިޔަކު ކުރިޔަސް، ބޭބެއަކު ކުރިޔަސް އަދި ބައްޕަޔަކު ކުރިޔަސް ރޭޕް ވާނީ ރޭޕަށް ކަމަށާއި، ރޭޕް ކުރީ ކޮންމެ މީހަކު ނަމަވެސް އެމީހަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގައި ތިބި އެމްޑީޕީއަށް ނިސްބަތްވާ އަންހެން މެމްބަރުންގެ ފޮޓޯ ޖަހައިގެން އެގޮތަށް މީސްމީޑިއާގައި ދައުރު ކުރުން ގޯސް ކަމަށާއި، އޭނާގެ ފިރިކަލުން "މީހަކު ރޭޕް ކޮށްފައި" ނުވާ ކަމް ރޮޒައިނާ ވިދާޅުވިއެވެ.



މި މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާ އަދި އާއިލާގެ އެހެން ފަރާތެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ފޮޓޯއެއް ދައުރުކުރަމުންނެވެ.

މި މައްސަލައިގައި މިހާތަނަށް މެމްބަރު ޖީހާން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު، ފުލުހުން ބުނީ، އެ މައްސަލާގައި ހިމެނޭ މީހުން ކޯޓުން ދޫކޮށްލިނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު