ވެކްސިން ސާމްޕަލް ފޮޓޯއެއް
ވެކްސިން ސާމްޕަލް ފޮޓޯއެއް
ޗައިނާއިން ތަރައްގީ ކޮށްފައިވާ ކޯވިޑް-19 ގެ ވެކްސިން، އަޖުމަ ބެލުމުގެ ގޮތުން އެގައުމުގެ ސިފައިންނަށް ފުރަތަމަ ދިނުމަށް ސަރުކާރުން ހުއްދަ ދީފިއެވެ.

މިއީ ނޮވެލް ކޮރޯނާ ވައިރަހާއި ދެކޮޅަށް ދުނިޔެއިން ކުރަމުން ގެންދާ މަސައްކަތުގައި ކުރިއަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެއެވެ. އެޑް5އެންކޯވް ގެ ނަމުން ނަންދެވިފައިވާ މި ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަނީ ޗައިނާގެ އެފަދަ ހޯދުންތައް ހޯދާ ވެކްސިންތައް އުފައްދައި މެޑިކަލް ސައިންސްގެ ރޮނގުން ކުރިއަރާފައިވާ ދެ އިދާރާއެއް ގުޅިގެންނެވެ. ޗައިނާ ސަރުކާރުން އެއް އަހަރު ދުވަހުގެ މުއްދަތަށް ދީފައިވާ މި ހުއްދައިގެ ދަށުން ވެކްސިންގެ އަޖުމަ ބެލުމަށް ވެކްސިން ދިނުމަށް ހަމައެކަނި ހުއްދަ ކޮށްފައިވަނީ އެގައުމުގެ ސިފައިންނަށެވެ.

ޗައިނާއިން ބުނާ ގޮތުގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް އެގައުމުގެ ސިފައިންގެ ތެރެއަކު ނެތެވެ. ނަމަވެސް އެމެރިކާގެ ހޯދުންތަކުން ދައްކާ ގޮތުން ޗައިނާއިން މި ބުނަނީ ހަގީގީ ވާހަކައެއް ނޫނެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު ސިފައިންގެ ފައުޖެއް އޮތް ޗައިނާގެ ސިފައިންގެ ފައުޖުގެ ތެރޭގައި ވައިރަހުގެ އަސަރެއް ނެތް ކަމަށް ބުނާ ބުނުމަކީ އެމެރިކާއިން ގަބޫލު ކުރާކަމެއް ނޫނެވެ.

ޗައިނާއިން އުފައްދާފައިވާ ވެކްސިން އެގައުމުގެ ސިފައިންނަށް ދޭން ނިންމި ނަމަވެސް ވެކްސިން އާންމުކޮށް ލިބޭނެ އިންތިޒާމުތަކާއި ބެހޭ މައުލޫމާތު އަދި ހާމަކޮށްފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ ސިއްހީ އިދާރާއާއި ހަވާލާދީ ސީއެންއެން އިން ބުނެފައިވަނީ ޗައިނާގެ ވެކްސިންގެ ހުރިހާ ކްލިނިކަލް ޓެސްޓްތައް ކާމިޔާބު ކަމަށާއި ވެކްސިންއަކީ އެއްވެސް ގެއްލުމެއް ނެތި ކޮރޯނާވައިރަސްގެ ދިފާޢީ ބާރެއްގެ ގޮތުގައި މަސައްކަތްކުރާ ވެކްސިނެއްކަން ކަށަވަރުވެފައިވާ ކަމަށެވެ.

ކޮންޓްރޯލެއް ނެތި އަދިވެސް ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ދެކޮޅަށް ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ ގައުމުތަކުން އަވަސް އަރުވާލައިގެން ކުރަމުންދާ މަސައްކަތުގައި ޗައިނާއަކީ ފާހަގަ ކޮށްލެވޭފަދަ ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން