ޞާދިރު ޢަލީދީދީ   1 އޭޕްރީލު 2023 - 13:30
ގޭގައި ޖަމާޢަތް ހަދައިގެން މުސްލިމުން ނަމާދުކުރަނީ: ގިނަ މުސްލިމު އަންހެނުން ނަމާދުކުރަމުންދަނީ އެމީހުންގެ ދަރީންނާއެކު ގެގަައި ޖަމާޢަތް ހަދައިގެން
ގޭގައި ޖަމާޢަތް ހަދައިގެން މުސްލިމުން ނަމާދުކުރަނީ: ގިނަ މުސްލިމު އަންހެނުން ނަމާދުކުރަމުންދަނީ އެމީހުންގެ ދަރީންނާއެކު ގެގަައި ޖަމާޢަތް ހަދައިގެން
ދުނިޔޭގެ ގިނަ މުސްލިމު އަންހެނުން ނަމާދުކުރަމުންދަނީ އެމީހުންގެ ދަރީންނާއެކު އަމިއްލަ ގޭގަައި ޖަމާޢަތް ހަދައިގެންނެވެ. އެގޮތުން ރާއްޖޭގައިވެސް މައިގަނޑު ގޮތެއްގައި އަންހެންވެރީން ނަމާދުކުރަނީ ގޭގައެވެ. ބައެއް އަންހެނުން އެމީހުން ދަރީންނާއެކުއެވެ. ބައެއްމީހުން އެކަނިއެވެ. ނަމަވެސް އެދެވިގެންވަނީ ނަމާދު ކުރާއިރު، ދަރީންތިބި ނަމަ އެމީހުންގެ ތުއްތު ދަރީން ނަމާދުގައި ބައިވެރިކޮށް، ނަމާދުކުރަން އެދަރީންނަށް ދަސްކޮށް ދިނުމެވެ. އަދި މިއީ ފަސްވަގުތު ކުރަންޖެހޭ އަޅުކަމެއްކަން އެކުދީންނަށް މިސާލުން ދައްކައިދީ ވިސްނައިދީގެންނެވެ.

މާތް ﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވެވި ޢަބްދު ﷲ ބުނި ޢައްބާސްގެފާނު ވަރަށް ތުއްޕުޅު އިރުގެ ވާހަކައެކެވެ. އެއްރެއެއްގައި އެކަލޭގެފާނު، އެކަލޭގެފާނުގެ ބޮޑުދައިތާފުޅު، އުއްމުލް މުއުމިނީނަ ސިއްތުނާ މައިމޫނާގެ ގަނޑުވަރަށް ވަޑައިގަތެވެ. ޢަބްދު ﷲ ގެފާނު މިގެއަށް ވަޑައިގަތީ ބޮޑުދައިތާފުޅުގެ އަރިހުގައި ހަވަހާރަ ލެއްޕެވުމަށެވެ.

ކުޑައިރުކޮޅެއްފަހުން ކީރިތި ރަސޫލާ، މުޙަންމަދު ޞައްލަ ﷲ ޢަލައިވަސައްލަމްވެސް ޢިޝާނަމާދު ކުރައްވައިގެން ގަނޑުވަރަށް ވަޑައިގެންފިއެވެ. އަދި ވުޟޫކުރައްވައިގެން، ލުއިކޮށް ހަތަރު ރަކްޢަތް ނަމާދު ކުރެއްވިއެވެ. އެއަށްފަހު އަވަހާރަ ލައްޕަވައިފިއެވެ.

ދެން ރޭގަނޑުގެ ދަންވަރުގެ ދެބައިކުޅަ އެއްބައަށް ނުވަތަ އެއަށްވުރެން ތަންކޮޅެއް އަވަހަށް ނުވަތަ އެއަށްވުރެން ތަންކޮޅެއް ފަސްކޮށްފައި އެކަލޭގެފާނު ތަހައްޖުދު ނަމާދަށް (ދަމުނަމާދަށް) ތެދުވެވަޑައިގަތެވެ. އަދި ނިދިފިލުވައިލެއްވުމުގެ ގޮތުން މޫނުފުޅުގައި އަތްޕުޅު ކާއްތަވަމުން އާލް އިމްރާން ސޫރަތުގެ ފަހު 10 އާޔަތް ކިޔަވާ ވިދާޅުވިއެވެ. ދެން ވަރަށް ފުރިހަމަ އަށް ވުޟޫކުރައްވައިގެން އެބަހީ: ޣުއްރައްތަޙްޖީލު ދިގުކުރައްވައި އަދި މުބާލަޢާކުރައްވައި ވުޟޫކުރައްވައިގެން ނަމާދު ކުރައްވަން ފެއްޓެވިއެވެ. އެހިނދު ޢަބްދު ﷲ ގެފާނަށް ލޮބުވެތި ރަސޫލާ މުޙަންމަދު ޞައްލަ ﷲ ޢަަލައިހި ވަސައްލަމް ނަމާދު ކުރައްވަވާތަން ފެނިވަޑައިގަތުމުން ތެދުއެވަޑައިގެން، ރަސޫލާ ކަންތައް ކުރެއްވި ގޮތަށް ފުރިހަމައަށް ވުޟޫކުރެއްވުމަށް ފަހު އެކަލޭގެފާނުގެ އަރިހުގައި ނަމާދު ކުރެއްވުމަށްޓަކައި ނަމާދަށް ހުއްޓިވަޑައިގެން ފިއެވެ. ޢަބްދު ﷲ ގެފާނު ހުއްޓިވަޑައިގަތީ ލޮބުވެތި ރަސޫލާގެ ވާތްޕުޅުފަރާތުގައެވެ. އެވަގުތު ކީރިތި ރަސޫލާ ޢަބްދު ﷲ ގެ ކަނާތްކަންފަތްޕުޅުގައި ހިއްޕަވާފައި އެކަލޭގެފާނުގެ ކަނާތްޕުޅު ފަރާތަށް ގެންދެވިއެވެ.

ޢަބްދު ﷲ ގެފާނު ވިދާޅުވެފައިވެއެވެ. ތިމަން ރަސޫލާގެ އަރިހުގައި ނަމާދު ކުރަންފެށީމެވެ. އެކަލޭގެފާނު ދެރަކްޢަތް ކުރެއްވިއެވެ. ދެން ދެރަކްޢަތް ކުރެއްވިއެވެ. ދެން ދެރަކްޢަތް ކުރެއްވިއެވެ. ދެން ދެރަކްޢަތް ކުރެއްވިއެވެ.

ދެން ދެރަކްޢަތް ކުރެއްވިއެވެ. ދެން ވިތުރި ކުރެއްވިއެވެ. ދެން އެއަށް ފަހު އޮށޯވެވަޑައިގަތެވެ. ދެން ބަންގި ގޮވުމުން ތެދުއެވަޑައިގެން ލުއިކޮށް ދެރަކްޢަތް ނަމާދު ކުރެއްވިއެވެ. ދެން ފަތިސް ނަމާދު ކުރެއްވެވިއެވެ. (އަޙްމަދު - ބުޚާރީ - މުސްލިމް - ނަސައީ - އަބޫދާއޫދު)

* އިރުޝާދު:

1. އިމާމާއެކު މައުމޫމަކަށް އެކަކު ހުރިކަމުގައި ވާނަމަ މައުމޫމާ ހުއްޓި ހުންނާނީ އިމާމާއާއެކު އޭނާގެ ކަނާއަތްފަރާތުގައެވެ. އަދި މައުމޫމެއްގެ ގޮތުގައި ދެވަނަ މީހަކު އަތުވެއްޖެ ކަމުގައިވާނަމަ ދެމީހުން ހުއްޓިތިބޭނީ އިމާމާގެ ފަހަތުގައެވެ. އެހެންކަމުން އެންމެ މައުމޫމަކާއެކު އިމާމްވެ ނަމާދު ކުރަންމުދާއިރު، އިތުރު މީހަކު ނަމާދުގައި ބައިވެރިވުމުން ސަފު ހެދުމުގައި ދެގޮތެއްވެއެވެ. ފުރަތަމަ ގޮތަކީ އިމާމާގެ ކައިރީގައި ހުރިމީހާ (މައުމޫމާ) އިމާމާގެ ފަހަތަށްޖެހި ފަހުން އައި މީހާއެކު ސަފު ހެދުމެވެ. ދެވަނަ ގޮތަކިީ އިމާމާކުރިއަށް ޖެހި ކުރިން ނަމާދު ކުރަމުން އައި މައުމާއާއެކު ސަފުހެދުމަށް އެމީހާއަށް ފުރުޞަތު ދިނުމެވެ. އިމާމާ މިގޮތަށް ޢަމަލުކުރާނީ ދެވަނަ މީހަކު އެ ނަމާދުގައި ބައިވެރިވެއްޖެކަން އެނގުންވެއްޖެނަމަ އެވެ. އިމާމާއަށް ނޭނގޭނަމަ، މައުމޫމާ ފަހަތަށްޖެހޭނީއެވެ. މިކަމުގައި އޮތީ ކުރިން އެނގުނު މީހަކު އެމީހަކު ޢަމަލުކުރަން އޮތްގޮތަކަށް ކަންތައްކުރެއްވުމެވެ.

2. މައުމޫމަކަށް ހުރީ އެކަނި އަންހެނެއް ކަމުގައިވެފައި ފިރިހެނަކާއެކު ނަމާދު ކުރާނަމަ އަންހެނާ ހުއްޓި ހުންނާނީ އިމާމު މީހާގެ ފަހަތުގައެވެ. އަންހެނަކާއިއެކުގައި ނަމަ ދެމީހުން އެއްސަފެއްގައެވެ. ކުޑަކުއްޖަކާއިއެކު އަންހެނަކު ހުރިނަމަ، ކުޑަކުއްޖާ އިމާމާގެ ކަނާތްފަރާތުގައިއެވެ. އަދި އަންހެނާ ފަހަތު ސަފުގައެވެ.

* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން