އިސްލާމްދީނުގެ ކުރީކޮޅުގައި ބައެއް އަޞްޙާބު ބޭކަލުން ނަމާދުގެ ތެރޭގައި ފަރާތްފަރާތަށް ބައްލަވައި ހައްދަވަތެވެ. މިއީ އޭރު މަނާ ކުރެވިފައިވާ ކަމެއް ނޫނެވެ. އެއްދުވަހަކު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ އަރިހުގައި މީސްތަކުން ނަމާދު ކުރަން ތިއްބެވެ.
ނަމާދުގެ މެދުތެރޭގައި މީހަކަށް ކިނބިއްސެއް އެޅުމުން މުޢާވިޔާ ބުނު ޙަކަމް ކިޔާ ބޭކަލަކު އެމީހާއަށް ޖަވާބު ދިނުމުގެ ގޮތުން " "يرحمك الله" (މާނައީ: ކަލެއަށް ﷲ ރަޙްމަތް ލައްވާނދޭވެ.) މިފަދައިން ބުނެލެއްވިއެވެ. މިއަޑު އިވުމުން މީސްތަކުން މުޢާވިޔަތާ ދިމާއަށް ކަޅިއަޅަން ފަށައިފިއެވެ. އެއީ ނަމާދުގައި ވާހަކަ ދެއްކުމަކީ ހުއްދަކަމެއް ނޫންކަން އެއުރެން ދަންނާތީއެވެ. ދެންފަހެ މީސްތަކުން މުޢާވިޔަތު ހުއްޓުވަން، އެބައިމީހުންގެ ފައިގެފަލަމަސްގަނޑުގައި އަތުން ތަޅާއަޑު އައްސަވައި އަވަހަށް މަޑުވެލެއްވިއެވެ.
ދެން ނަމާދު ނިމުމުން، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް މުޢާވިޔަތާއި ދިމާއަށް ބައްލަވާފައި، އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު، އޭނާއަށް މިކަން އުނގަންނަވައި ދެއްވަން ޤަޞްދުކުރެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. "މިނަމާދަކީ އޭގައި ތިމާމެންގެ އަމިއްލަ ވާހަކައިން ކިތައްމެ ކުޑަބަހެއްވިޔަސް ހެއުވާކަމެއް ނޫނެވެ. އޭގައިވަނީ ތަސްބީޙަ ކިޔުމާއި ތަކްބީރު ކިޔުމެވެ. އަދި ޤުރްއާން ކިޔެވުމެވެ." (މުސްލިމް)
އިރުޝާދު:
1. ފަރްޟު ނަމާދެއް ކަމުގައިވިޔަސް އަދި ސުންނަތް ނަމާދެއް ކަމުގައިވިޔަސް ނަމާދުގެ ތެރޭގައި ކިތައްމެ ކުޑަބަހެއް ކަމުގައިވިޔަސް ތިމާގެ އަމިއްލަ އެއްވެސް ވާހަކައެއް ބުނުމަކީ ހުއްދަކަމެއް ނޫނެވެ. އެގޮތަށް ވާހަކައެއް ދައްކައިފިނަމަ އެމީހާގެ ނަމާދު ބާޠިލްވާނެއެވެ.
2. يرحمك الله ކިޔުމަކީ ދުޢާއެކެވެ. ނަމަވެސް ނަމާދުގެ ތެރޭގައި އަނެކަކާ މުޚާރަބުކޮށް، އޭނާއަށްޓަކާ ކުރެވޭ ދުޢާއެއް ކަމުގައިވާތީ އެކަން ހުއްދަ ނުވަނީއެވެ. މިގޮތުން ސަލާމްގެ ޖަވާބު ދިނުމާއި މިނޫންވެސް އަނެކަކާ މުޚާޠަބުވާ އެއްވެސް ދުޢާއެއް ހުއްދަވެގެން ނުވެއެވެ.
3. ނަމާދުގެ ތެރޭގައި ކަމުގައި ވިޔަސް ތިމާއަށް ﷲ ގެ ޙަޟްރަތުގައި ސީދާމުޚާޠަބުވެ ދަންނަވާންޖެހޭ ޙާލަތެއް ދިމާވެއްޖެނަމަ އެފަދަ ދުޢާއެއް ކުރުމަކީ ހުއްދަކަމެއް ކަމުގައި އިމާމް ޝާފީޢީ ޢަލައިހިރަޙްމާގެ އަރިހުން އިމާމު ނަވަވީ ނަގުލުކުރައްވާފައިވެއެވެ. މިސާލަކަށް ކިނބިހި އެޅިއްޖެނަމަ الحمد لله، އާފުރިއްޖެނަމަ أعوذ بالله ކިއުމެވެ. ދީނުގެ ގިނަ ޢިލްމުވެރީންގެ މަޛްހަބަކީ މިއީ ކަމުގައި ނަވަވީ އިމާމް އަލްމަޖްމޫޢުގައި ލިއުއްވާފައިވެއެވެ.
4. މީހަކު ކިނބިހިއަޅައި الحمد لله ކިއުމުން يرحمك الله މިހެން ކިޔުމުގެ ބަދަލުގައި يرحمه الله (މާނައީ: ﷲ އޭނާއަށް ރަޙްމަތް ލައްވާށިއެވެ.) މިފަދައިން ބުނުމާއި މީހަކު ސަލާމް ގޮވައިފިނަމަ ނަމާދަށްހުރި މީހާ وعليه السلام (މާނައީ: ﷲ އޭނާއަށް ސަލާމަތްތެރިކަން ލައްވާނދޭވެ.) މިފަދައިން ދެންނެވުންވެސް ހުއްދަކަމުގައި ޝާފިޢީ އިމާމު ވިދާޅުވެފައިވެއެވެ.
*********
* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު