ޞާދިރު ޢަލީދީދީ   15 އޭޕްރީލު 2023 - 12:28
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)

.

براء بن غازب رضى الله عنه ރިވާކުރެއްވިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙުދައިބިއްޔާގައި ޤުރައިޝްވަންހައިގެ މީހުންނާމެދު އެގްރީމެންޓް ކުރެއްވީ މައިގަނޑު ތިން ޝަރުޠެއްގެ މައްޗަށެވެ. އޭގެތެރެއިން އެއް ަޝަރުޠަކީ ޤުރައިޝުންގެ ތެރެއިން ޣައިރުމުސްލިމަކު އިސްލާމްދީން ޤަބޫލުކޮށްގެން މުސްލިމުންގެ ގާތަށް ހިނގައްޖެނަމަ މުސްލިމުން އެމީހަކު އަނބުރައި ފޮނުވައިލެވުނެވެ. ނަމަވެސް މުސްލިމަކު ޤުރައިޝުންގެ ގާތަށް ހިނގައްޖެނަމަ އެމީހަކު އަނބުރާ ފޮނުވާކަށެއް ނުޖެހެއެވެ.

މިދެންނެވި އެގްރީމެންޓުގައި ސޮއިކޮށް ނިމުނުތަނާހެން މައްކާގެ ޒުވާން މުސްލިމެއް ކަމުގައިވާ ابو جندل رضى الله عنه މައްކާއިން ފިލައިވަޑައިގެން ޙުދައިބިއްޔާއަށް ވަޑައިގެންފިއެވެ. އޭނާއަކީ އިސްލާމްވެވަޑައިގަތުމުގެ "ކުށުގައި" އޭނާގެ ޢާއިލާގެ ފަރާތުން ހައްޔަރުކޮށް ހިލިހިލާ އަޅައިގެން ގެންގުޅޭ ބޭކަލެކެވެ. އޭނާ މުސްލިމުންގެ ތެރެއަށް ވަޑައިގެންނެވި އިރުވެސް ހުންނެވީ ހިލިހިލާތަކާއެކުގައެވެ. އޭނާގެ ގައިކޮޅުގައި ހިލިހިލާތައް ކޭއްތޭތަންތަން ފާރުވެފައި ހުއްޓެވެ. އޭނާ އާދޭސްކުރެއްވިއެވެ. މުޝްރިކުންގެ ވަކިތަކުން އޭނާ ސަލާމަތް ކޮށްދެއްވުން އެދިވަޑައިގަތެވެ. އެއީ އިންތިހާދަރަޖައިގެ ސީރިއަސް ވަގުތެކެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އެކުވެރީން ކަނޑިކޮޅުތައް އުރައިން ދަންމަވައިގެންނެވިއެވެ.

ابو جندل ގެ އަސަރުކުރުވަނިވި ޙާދިޘާއަށްފަހު ޞަޙާބީން ބޭނުންފުޅުވީ އެގްރީމެންޓް އުވައިލައްވައި ابو جندل ސަލާމަތް ކުރެއްވުމަށެވެ. އަނެއްކޮޅުން މައްކާގެ މީހުން ދެންނެވިއެވެ. " އޭ محمدއެވެ! މިއީ އަޅުގަނޑުމެންނާއި ކަލޭގެފާނާދެމެދު ކުރެވިފައިވާ އެގްރީމެންޓަށް ޢަމަލުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެ ފުރަތަމަ ފަހަރެވެ." އެންމެފަހުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ނިންމެވުން އިޢްލާން ކުރެެއްވިއެވެ. "އެގްރީމެންޓުގައިވަނީ ސޮއިކުރެވިފައިއެވެ. ދެނެއް އަހުރެމެންނަކަށް އެއާޚިލާފެއް ނުވެވޭނެއެވެ." އިތުރުއެކަލޭގެފާނުގެ އެކުވެރީންނަށް އެކަންތައް ހިމެނުނީ، އެބޭކަލުންގެ ހިތްޕުޅަށް ވަރަށް ނުތަނަވަސްކަން ލިބިވަޑައިގަތް ކަމެއްކަމުގައެވެ. ނަމަވެސް އިތުރު އެކަލޭގެފާނު ابوجندل މައްކާގެ މީހުންނާ ޙަވާލު ކުރެއްވިއެވެ. (ޞަޙީޙައިނީ)

ބޭރުފުށުން ފެންނަ ފެނުމުގައި ابوجندل މައްކާގެ މީހުންނާ ޙަވާލުކުރެއްވުމަކީ އަނިޔާ ލިބޭމީހާ އަނިޔާވެރިޔާއާ ޙަވާލުކުރެއްވުންފަދަ ކަމެކެވެ. ނަމަވެސް އެޙާދިޘާއިން އުސޫލުގައި ހިފެހެއްޓެވުމުގެ މަތިވެރި ނަމޫނާއެއް ފާޅުވެގެން ދިޔައެވެ. އޭގެ ނަތީޖާއަކީ އަނިޔާވެރީންގެ ހިތްމަރުވެގެންދިއުމެވެ. އެހާތަނުންފެށިގެން އެބައިމީހުން ابوجندل އެބައިމީހުންނާއެކު ގެންދިޔުމާއި، އެކަލޭގެފާނު ހައްޔަރުކޮށްފައި ބެހެއްޓުމަކީ އާދައިގެ ޙާދިޘާއެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެކަންވެގެންދިޔައީ އެބައިމީހުންގެ އަޚްލާޤުދަށްކަމާއި، މުސްލިމުންގެ އަޚްލާޤުގެ މަތިވެރިކަމުގެ މިސާލެއް ކަމުގައެވެ. ނަތީޖާއަކަށްވީ މުސްލިމުންގެ އަޚްލާޤުގެ ފުރިހަމަކަމުން މައްކާގެ އަހްލުވެރީންނަށް ފުން އަސަރުތަކެއް ކުރުމެވެ. މައްކާއިން ގިނަ އަދަދަކަށް މީހުން އިސްލާމްވާން ފެށުމެވެ. ابوجندل ބަންދުކޮށްފައި ބެހެއްޓުމަކީވެސް މައްކާގެ މީހުންނަށް އެބައިމީހުންގެ ޤައުމީ ޙަޔާތަށް ހުރި ބިރެއްކަމުގައި ޤަބޫލުކުރެވޭވަރަށް އޭގެ އަސަރު ފެންނަމުން ދިޔައެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މަދަނީ ޙަޔާތްޕުޅުގެ ޙާދިޘާއެއް ابو هريرة رضى الله عنه ރިވާކުރައްވާފައި ވެއެވެ. މާތްރަސޫލާއާއި ދުޝްމިންވެގެން އުޅުނު ނަޖްދުކަރައިގެ ބައެއްގެ ގާތަށް އެކަލޭގެފާނު އަސްވާރުންގެ ބަޔަކު ފޮނުއްވިއެވެ. އެބޭކަލުންނަށް ޔަމާމާގެ ވެރިޔާ ثمامة بن اثال އާ މަގުމަތީން ބައްދަލުވެވަޑައިގެން އޭނާ ހައްޔަރު ކުރައްވައިގެން މަދީނާއަށް ގެންނެވިއެވެ. އެބޭކަލުން އަލްމަސްޖިދުއްނަބަވީގެ ތަނބެއްގައި ثمامة ބައްނަވައިފައި ބެހެއްޓެވިއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

ثمامة ގެ ގާތަށް ވަޑައިގެން ޙާލު އެއްސެވިއެވެ. ثمامة ޖަވާބުދެއްވިއެވެ. "ކަލޭގެފާނު އަޅުގަނޑު ޤަތުލުކުރައްވައިފިނަމަ އަޅުގަނޑުގެ ޤައުމުގެ މީހުން ކަލޭގެފާނުގެ ކިބައިން އަޅުގަނޑުގެ ލޭގެ ބަދަލު ހިފާނެއެވެ. ކަލޭގެފާނު އަޅުގަނޑު ދޫކޮށްލައްވައިފިނަމަ މުޅި ޢުމުރަށް ކަލޭގެފާނުގެ އިޙްސާންތެރިކަން ހަނދާން ބަހައްޓާނަމަވެ. މުދާ ބޭނުންފުޅުކަމުގައި ވާނަމަވެސް ބޭނުންފުޅު ވަރަކަށް އަރުވަން އަޅުގަނޑު މިހުރީ ތައްޔާރަށެވެ."

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެއްވެސް ޝަރުޠެއް ނެތި އޭނާ ދޫކޮށްލެއްވުމަށް އެންގެވިއެވެ. އެޙާދިޘާއަކީ އޭރުގެ ދުނިޔޭގައި ކަންހިނގާމަގަށް ބަލާއިރު އަޖައިބުވާފަދަ ޙާދިޘާއެކެވެ. އެހެނީ ޤަބީލާތަކުގެ ދިރިއުޅުމުގައި ދުޝްމިނަކު އަތުލައިގަނެވިއްޖެނަމަ އޮންނަނީ އެންމެ ގޮތެކެވެ. އެއީ އެމީހަކު ޤަތުލު ކޮށްލުމެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، ثمامة ގެ ހަށިކޮޅެއް ޤަތުލެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނުގެ ރީތި ސުލޫކުން އޭނާގެ ހަށިކޮޅުގައި އެހާތަނަށްހުރި ޝިރުކުގެ ރޫޙު ޤަތުލުކުރެއްވީއެވެ.

އެހެންކަމުން ثمامة ދޫކޮށްލެއްވުމާއެކު އޭނާ ވަޑައިގަތީ މަދީނާގެ ބަގީޗާއަކަށެވެ. އެތަނަށް ވަޑައިގެން ނާނިފިއްލަވައި ތާހިރުވެވަޑައިގެން ދެވަނަފަހަރަށް އަލްމަސްޖިދުއްނަބަވީއަށް ވަޑައިގެންފިއެވެ. އޭނާ ދެވަނަ ފަހަރަށް ވަޑައިގެންނެވި ސަބަބެއް އެނގިވަޑައިނުގަންނަވާތީ ޞަޙާބީން ތިއްބެވީ ޙައިރާންފުޅު ކަންމަތީގައެވެ. ނަމަވެސް އޭނާ ބާރުއަޑުފުޅުން ޝަހާދަތުގެ ދެކަލިމަފުޅު ވިދާޅުވުމުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އޭނާ ދޫކޮށްލެއްވި ދޫކޮށްލެއްވުމަކީ "ދާއިމީ ހައްޔަރުކުރެއްވުމެއް" ކަން ހުރިހާ ބޭކަލުންނަށްވެސް އެނގިވަޑައިގެންފިއެވެ.

އެއަށްފަހު ثمامة ވަޑައިގަތީ ޢުމްރާއަކަށް މައްކާއަށެވެ. އޭނާ މައްކާ އަށް ވަޑައިގަތުމުން، އަދި އޭނާ އިސްލާމްވެވަޑައިގެންފިކަން އެނގުމުން ޤުރައިޝްވަންހައިގެ މީހުން ދެންނެވިއެވެ. "ކަލޭގެ ދީނުންބޭރުވެއްޖައީމުތާއެވެ." ثمامة ޖަވާބު ދެއްވިއެވެ. އަހުރެން ދީނަކުން ބޭރެއްނުވަމެވެ. އަދި ކީއްހެއްޔެވެ؟ އަހުރެން މާތް ﷲ އާއިއެކަލާނގެ ރަސޫލާގެ ދީން އިޚްތިޔާރުކުރީއެވެ. އަދި މިއެއްވެސް ނޫނެވެ. އިސްލާމްދީނަށް ބާރުހޯދައި ދިނުމުގެ ޒަރީޢާއަކަށްވެސް ވީއެވެ."

އެދުވަސްވަރު މައްކާގެ މީހުން ބޭނުންވާ ގޮދަން އެތެރެކުރާ ތަންތަނުގެ ތެރެއިން ޔަމާމާއަކީ ވަރަށް ޚާއްޞަ ތަނެކެވެ. އެހެންކަމުން އެބައިމީހުންގާތު ثمامة ވިދާޅުވިއެވެ. "ތިޔަބައިމީހުން ރަނގަޅަށް އަޑުއަހާށެވެ. މުޙައްމަދުގެފާނުގެ އަމުރުފުޅާ ނުލައި ޔަމާމާއިން އެންމެ ގޮދަން އޮށްޓަރެއްވެސް ތިޔަބައިމީހުންނަކަށް ނުލިބޭނެއެވެ." (ޞަޙީޙު މުސްލިމް)

އާދެ، ރީތި ޚުލުޤަކީ ބޭރުފުށުން ބަލާއިރު އެއްވެސް އަގެއްހުރި އެއްޗެއް ނޫނެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ އޭގެ ބާރުގައި ކޮންމެފަދަ މީހަކުވެސް ގަނެލެވިދާނެ އަގުހުރި އެއްޗެކެވެ.

ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ކޮންމެ ދުވަހުކު ގެނެސްދެމުން އަންނާނެ ސިލްސިލާ ލިޔުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން