ޞާދިރު ޢަލީދީދީ   22 އޭޕްރީލު 2023 - 13:32
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)

.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެމީހުންގެ ގާތުން ވަޑައިގަންނަވަމުން ޙަދީޘްކުރެއްވިއެވެ. "ياسر ގެ އާލުންނޭވެ! ކެތްތެރިވާށެވެ. ތިޔަބައިމީހުންނަށް އޮތީ ސުވަރުގެއެވެ."

މިދެންނެވި ޙަދީޘްފުޅަކީ މުޠުލަޤު މާނައިގައިވާ ޙަދީޘްފުޅެއްނަމަ މާތް ރަސޫލާ ياسر ގެ އާލުންނަށް ވިދާޅުވާން ޖެހިވަޑައިގަންނަވަނީ "ތިޔަބައިމީހުން ހަނގުރާމަކޮށް ޝަހީދުވާށޭ" މިފަދައިންނެވެ. އަދި ޚުދު މާތް ރަސޫލާވެސް އެ މުޤައްދަސް ހަނގުރާމައިގައި އެބައިމީހުންނާ ބައިވެރިވެވަޑައިގަތީހެވެ. ياسر ގެ އާލުން ސަލާމަތް ކުރެވުނު ކަމުގައިވިޔަސް ނުވަތަ އެކަމުގައި ޝަހީދެއްގެ ދަރަޖަ ލިބިވަޑައިގަތް ކަމުގައިވިޔަސްމެއެވެ.

ޙަޤީޤަތަކީ ރަސޫލާގެ އުސްވަތަކީ އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތަށް ތަޢުބީރު ކުރެވުން އެކަށީގެންވާ ކަންތައްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ރަސޫލާގެ އުސްވަތުގެ މައްސަލައިގައި މީހުންނަށް އަބަދުވެސް ކުށްތަޢުބީރާއި ޞައްޙަތަޢުބީރާ ދެމެދުގައި ތިބެވެނީ އެހެންވެގެންނެވެ. މީހަކަށް ކަމެއްގެ ކުށް ތަޢުބީރުން ސަލާމަތްވެވޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ އެމީހަކު މާތް ﷲ ދެކެ ގަންނަބިރު ޙަޤީޤަތަށް ލޯބިކުރުމުގެ ކަނޑައެޅިފައިވާ ދަރަޖައަކަށް އެމީހާ ގެންގޮސްދިނުމެވެ. އެދަރަޖައިގެ ނަމަކީ ރައްކާތެރިވުމުގެ ދަރަޖައެވެ.

މީހަކު ޙަޤީޤަތުގައި ރައްކާތެރި މީހަކަށްވާނަމަ އޭނާގެ ރައްކާތެރިކަން މާތް ރަސޫލާގެ އުސްވަތާ ބެހޭގޮތުން އިސްވެދެންނެވުނު ސުވާލުތައް އޭނާއަށް ކުރިމަތި ކުރާނެއެވެ. އޭނާ ލިބިގަންނާން ޖެހެނީ އޭނާގެ މަޤްޞަދަށް ފައިދާހުރިގޮތް އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އޭނާ އޮޅުންފިލުވާން ޖެހޭނީ ނަބިއްޔާގެ ޙަޤީޤީ އުސްވަތަކީ ކޮބައިކަމެވެ. އޭނާގެ މިވިސްނުން އޭނާ ކުށް ތަޢުބީރުން ސަލާމަތް ކޮށްދޭނެއެވެ. އޭނާ ވަކިއަތަކަށް ނުޖެހޭ ސިކުނޑިއަކާއެކު މައްސަލާގައި ވިސްނާނެއެވެ. މާތް ﷲ ގެ ތައުފީޤާއެކު އޭނާއަށް ޙާދިޘާގެ އެންމެ ފުނަށް ވާސިލުވެވޭނެއެވެ. އޭރުން އޭނާއަށް އެނގޭނީ އޭގެ ސިއްރަކީ ބޮޑުފައިފާއަށްޓަކައި ކުޑަ ގެއްލުމެއް ބަރުދާސް ކުރަންޖެހުނު ކަމެވެ.

އީމާންކަމުގެ އަހްލުވެރިއެއްގެ ކުރިމަތީގައި އެންމެ ބޮޑު މަޞްލަޙަތަކަށްވާނީ ދީނީ މަޞްލަޙަތެވެ. ދީންފެތުރުމުގެ މަޞްލަޙަތާއި ޒާތީ މަޞްލަޙަތާ ފުށުއަރާގޮތް ދިމާވެއްޖެނަމަ އަމިއްލަ މަޞްލަޙަތު ޤުރުބާން ކޮށްލުމަށްފަހު ހިފަހައްޓާންޖެހޭނީ ދީންފެތުރުމުގެ މަޞްލަޙަތުގައެވެ. އިސްވެދިޔަ ޙާދިޘާތަކުގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ފަރާތްޕުޅުން ކެތްތެރިވުމުގެ އިރުޝާދު އައިސްފައިވަނީ މިދެންނެވި ދީން ފެތުރުއްވުމުގެ މަޞްލަޙަތަށްޓަކައެވެ.

ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅު އަސަރުހުރި ގޮތެެއްގައި ކުރިޔަށް ގެންދެވުމަށްޓަކައި މާތް ﷲ ގެ ރަސޫލާ ވަނީ އެކަލޭގެފާނު ހަށިކޮޅާއި، މުދަލާއި، ޢާއިލާގެ ޤުރްބާނީ ބަރުދާސް ކުރައްވާފައިއެވެ. ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅަށް ހުއްޓުމެއް އަޔަނުދެއްވުމަށްޓަކައެވެ. އީމާންކަމުގެ އަހްލުވެރީންނަށް ހުރިހާ ކާމިޔާބީ ތަކަކަށް ވާޞިލުވެވޭންއޮތީ ހަމައެކަނި އެމަގުން ކަމުގައިވާތީއެވެ.

އިންސާނާގެ ކުރިމަތީގައި މަޤްޞަދެއް އޮވެއްޖެނަމަ އޭނާ އެންމެ ބޮޑަށް އަހަންމިއްޔަތު ދޭނީ އެމަޤްޞަދަކަށެވެ. އޭނާ އެހެން ހުރިހާ ގެއްލުންތަކެއް ހަނދާން ނައްތާލާނެއެވެ. އަޞްލު މަޤްޞަދު ގެއްލިގެންދިޔަ ނުދިނުމަށްޓަކައެވެ. މީހާގެ ކުރިމަތީގައި ކަނޑައެޅިފައިވާ މަޤްޞަދެއް ނުވާނަމަ އޭނާ ފެނުނު ކޮންމެ އެއްޗަކަށް ހުރަހޮޅިގަނެއެވެ. ކޮންމެކަމަކާހުރެ އަނެކުންނާ އަރާރުންވެއެވެ. އޭގެ ނަތީޖާއަކީ ކުޑަގެއްލުމެއް އުފުލާން ނުކެރުމުގެ ސަބަބުން އެއަށްވުރެ މާބޮޑެތި ގެއްލުންތަކެއް އުފުލާން ޖެހުންކަމުގައިވިޔަސްމެއެވެ.

ދީނަށް ގޮވާލާމީހަކީ މިދުނިޔޭގައި އެންމެ މަތީ މަޤްޞަދެއް އެމީހެއްގެ ކުރިމަތީގައިވާ އިންސާނާއެވެ. އެހެންކަމުން އޭނާ އަބަދުވެސް އިޚްތިޔާރު ކުރާނީ މަޤްޞަދަށް އަހަންމިއްޔަތުކަން ދިނުމުގެ އުޞޫލެވެ. މީގެތެރެއިން އޭނާ އިސްތިސްނާކުރާނީ ހަމައެކަނި ދިފާޢީ މަޤްޞަދުތަކާގުޅޭ އަދި އެކަމާ ދީނަށް ގޮވާލުމަށް އޭނާ ކުރާ މަސައްކަތާ ގުޅުމެއްނެތް ކަންތަކެވެ.

މިތަމްހީދަށްފަހު އަޅުގަނޑު މިނަކަލުކުރަނީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ހަޔާތްޕުޅުގެ ތަފާތު ދާއިރާތަކާ ގުޅޭ ޙާދިޘާތަކެކެވެ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޭނުންވާ އަގުހުރި ނަސޭހަތާއި ފިލާވަޅުތައް އެކުލެވޭ ޙާދިޘާތަކެވެ.

-1-

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ނަބީކަން ފެށުނު ދުވަސްވަރުގެ ވާހަކަ ބަޔާންކުރައްވަމުން އިބްނު ހިޝާމް ލިޔުއްވާފައިވެއެވެ. އަރަހުށި މާތް الله سبحانه وتعالى، މުޙައްމަދު ﷺ ނަބީކަމާއިގެން ފޮނުއްވުމަށް އިރާދަކުރެއްވިހިނދު އެކަލޭގެފާނުގެ ޙާލުކޮޅު ހުރިގޮތަކީ އެކަލޭގެފާނު ކޮންމެވެސް ބޭނުންފުޅެއްގައި މައްކާގެ އާބާދީން ބޭރަށް ނުކުމެވަޑައިގެންފިނަމަ އެތަކެއް ހިސާބުގެ ދުރަށް ވަޑައިގަންނަވައެވެ. މައްކާގެ ގެތައް ނުފެންނަ ހިސާބަށްވެސް ވަޑައި ގަންނަވައެވެ. އެކަލޭގެފާނު މައްކާގެ ފަރުބަދަތަކާއި ވާދީތަކުގެ ތެރެއަށް ގެއްލިވަޑައިގަނެއެވެ. عبد الله بن الزبير رضي عنه ގެ ރިވާޔަތެއް އިބްނު ހިޝާމް ނަކަލުކުރައްވާފައިވެއެވެ.

" رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކޮންމެ އަހަރަކު އެއްމަސް ދުވަހު ޙިރާފަރުބަދައަށް ވަޑައިގެން އެތާނގެކައިރީ އުޅުއްވައެވެ."

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާބެހޭގޮތުން أبو طالب ގެފާނު ހައްދަވާފައިވާ ބައެއް ޅެންވެސް އިބްނު ހިޝާމް ލިޔުއްވާފައިވެއެވެ. އޭގެތެރެއިން ޅެންބައިތެއްގެ އެއްބައިގައިވެއެވެ. "އެކަލޭގެފާނަކީ ޙިރާއަށް އަރައި ވަޑައިގަންނަވާ ބޭކަލެކެވެ. އަދި ޙިރާއިން ފައިބާވަޑައިގަންނަވާ ބޭކަލެކެވެ."

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ހިތްޕުޅުގައި ޙަޤީޤަތް ހޯއްދެވުމުގެ ޖަޒުބާތު އުތުރިގަތުމުން އެކަލޭގެފާނު އިންސާނީ އާބާދީން ނުކުމެވަޑައިގެން ފަރުބަދަތަކުގެ ތެރެއަށް ވަޑައިގަންނަވަނީއެވެ. ޞާލިޙު ރޫޙުފުޅެއް އިންސާނީ ޙާދިޘާތަކުގެ ވެށި ދޫކުރައްވައި އިލާހީ ޙާދިޘާތަކުގެ މާޙައުލަށް ވަޑައިގަތުން ކަހަލައެވެ. ސަހަރާގެ ޖިއޮގްރަފީ އަކީ ޚާއްޞަގޮތަކުން އެކަމަށް އެންމެ އެކަށޭނެ ޖާގައެވެ.

ރޫމޭނިޔާގެ އޮރިއެންޓަލިސްޓް، ކޯންސްތާން ވިޒަލްޖޯޖު (1916) އިސްލާމްދީނުގެ ޖިއޮގްރަފީ ދަސްފުޅުކުރެއްވުމަށްޓަކައި އޭނާ އަމިއްލަފުޅަށް ޢަރަބިކަރައަށް ދަތުރުފުޅުކުރެއްވިއެވެ. އޭނާ ލިޔުއްވި ފޮތެއްކަމުގައިވާ "އިސްލާމްދީނުގެ ނަބިއްޔާ" މިފޮތުގައި ލިޔުއްވާފައި ވެއެވެ.

މީހަކު ޢަރަބިކަރަޔާއި އިރުމަތީގެ ސަހަރާތަކުގައި ދުވަސްކޮޅެއް ހޭދަނުކުރާހާ ހިނދަކު އެމީހަކަށް ސަހަރާތަކުގެ ތަނަވަސްކަމާއި އެތާނގެ ހަމަހިމޭންކަން އިންސާނާގެ ޚިޔާލު ތަނަވަސްކޮށްދިނުމުގެ ސަބަބަކަށްވާ މިންވަރާއި، އޭނާގެ ފިކުރު ހަރުދަނާ ކޮށްދޭ މިންވަރު ވިސްނައެއް ނުގަނެވޭނެއެވެ. ޢަރަބިކަރައިގެ ގަސްތައްވެސް ޔޫރަޕްގެ ގަސްތަކާ ވަރަށް ތަފާތެވެ. ހޫނު ސަހަރާތަކުގައި މީރުވަސް ނުދޮވާ އެއްވެސް ގަހެއް ނުހުރެއެވެ. ޢަރަބި ސަހަރާގައި ހެދޭ ގިއުޅުލާށި ގަހަކީވެސް މީރުވަސް ދުވާ އެއްޗެކެވެ. ތިރީސްލައްކަ ކިލޯމީޓަރު ބޮޑު ހާމަ ސަހަރާއާއި ހޫނު ޢަރަބުސްތާނަކީ އިންސަނާ އެއްވެސް މެދުވެރިޔަކާ ނުލައި ކަލާނގެ ޙަޟްރަތަށް ކުއްތަން ކޮށްދޭ ތަނެއް ކަހަލައެވެ.

"ދުނިޔޭގެ އެހެނިހެން ޤައުމުތަކަކީ އެތަންތާނގެ ކުރިމަތީގައި އުސްފާރުތަކެއް ލެވިފައިވާ އިމާރަތްތަކެއް ކަހަލައެވެ. ނަމަވެސް ޢަރަބިކަރައިގެ ސަހަރާގައި ޙައްޤުގެ ދީދާރު ފެނުން މަނާކުރާ އެއްވެސް ހުރަހެއް ނެތެވެ. ބަލާލި ކޮންމެ ދިމާޔަކުން ފެންނާނީ ނިމުމެއްނެތް ސަހަރާއެވެ. އުދަރެހެއްނެތް އުޑެކެވެ. އެތާނގައި ކަލާނގެއާއި މަލާއިކަތުން އޮޅުންފިލުވުމުގެ މަގަށް ހުރަސްއެޅޭ އެއްވެސް އެއްޗެއްް ނެތެވެ."



ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ކޮންމެ ދުވަހުކު ގެނެސްދެމުން އަންނާނެ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން