ޞާދިރު ޢަލީދީދީ   23 އޭޕްރީލު 2023 - 14:48
ބަލިމީހާގެ ނަމާދު
ބަލިމީހާގެ ނަމާދު
މާތް ﷲ ރުއްސުންލެއްވި ޢިމްރާނު ބުނުލް ހުސައިން އަކީ ނަމާދު ކުރައްވަން ވަރަށް ބޮޑަށް ލޯބިފުޅުވާ އަދި ނަމާދަށް އެހާމެ ރައްކާތެރިވެ ވަޑައިގަންނަވާ ބޭކަލެކެވެ.

ޢިމްރާންގެފާނު ދުވަހަކުވެސް ނަމާދެއް ނާޅުއްވަތެވެ. އަދި ހަމައެހެންމެ ނަމާދެއް ލަސްކުރައްވާފައިވެސް ނުވެއެވެ. އެއްފަހަރެއްގައި ޢިމްރާން އާލާސްކަންފުޅެއްގައި އުޅުއްވަން ޖެހިވަޑައިގަތެވެ. އަދި ކޮއްޅަށް ހުންނަވައިގެން ނަމާދު ނުކުރެއްވެވޭހާ މިންވަރަށް އާލާސްކަންފުޅު ބޮޑުވެއްޖެއެވެ. އެހެންނަމަވެސް ނަމާދު އަދާކުރެއްވުމަށް ވަރަށް ބޮޑަށް ފަރުވާތެރިވެ ވަޑައިގަންނަވައެވެ. އަދި ނަމާދު ވަގުތުން ޖަމާޢަތުގައި ކުރެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާލެއް ބޮޑުކަމުން، މިކަމާބެހޭ ގޮތުން ފަސޭހަގޮތެއް ހޯއްދެވުމަށްޓަކައި ޢިމްރާން ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގެން މިވާހަކަ ދެންނެވިއެވެ. އެހިނދު ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލިމް ޙަދީޘް ކުރެެއްވިއެވެ.

ކޮއްޅަށް ހުރެގެން ނަމާދު ކުރާށެވެ. އެގޮތަށް ކުޅަދާނަ ވެގެން ނުވާނަމަ އިށީނދެ އިނދެގެންނެވެ. ފަހެ، އެގޮތަށްވެސް ނަމާދުކުރަން ނުކުޅެދޭނަމަ އަރިކަށިމައްޗަށް އޮވެގެންނެވެ. އެއަށްފަހު އެކަލޭގެފާނު ޢިމްރާނަށް މިކަމުގެ އުޖޫރައާއި ސަވާބު އަންގަވައި ދެއްވިއެވެ. "އެންމެ މޮޅީ ކޮއްޅަށް ހުރެގެން ނަމާދުކުރާ މީހާގެ ނަމާދެވެ." އަދި އިށީނދެ އިނދެގެން ނަމާދުކުރާމީހާއަށް ލިބޭހުށީ ކޮއްޅަށް ހުރި މީހާއަށް ލިބޭ ސަވާބުގެ ދެބައިކުޅަ އެއްބައެވެ. އަދި އަށޯވެއޮވެ ނަމާދުކުރާ މިހާއަށް ލިބޭހުށީ އިށީނދެ އިނދެގެން ނަމާދުކުރާ މީހާގެ ސަވާބުގެ ދެބައިކުޅައެއްބައެވެ. (ބުޚާރީ)

އިރުޝާދު:

1. ނަމާދަށް ކުއްޅަށް ހުރުންފަދަ ފަރުޟެއް އެޅުން ހުއްދަވެގެންވަނީ ޢުޒުރެއް ދިމާވެއްޖެ މީހަކަށެވެ. އެފަދަ މީހަކަށް ކޮޅަށް ހުރުމުގެ ބަދަލުގައި އިށީނދެ އިނުމަކުން ސަވާބުގެ ގޮތުން އުންޏެއް ނުވާނެއެވެ. ކުޅަށްހުރި މީހާއެކޭ އެއްފަދައިން އިށީނދެއިން މީހާއަށްވެސް ސަވާބުލިބޭނެއެވެ.

2. ޢުޒުރަކާއި ނުލައިވެސް ސުންނަތް ނަމާދު އިށީނދެއިނދެގެން ކުރުމަކީ ހުއްދަ ކަމެކެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމްގެ އަރިިހުންވެސް މިކަން މިގޮތަށް ސާބިތުވެފައިވެއެވެ.

3. ކޮއްޅަށް ހުރުމަށް ކުޅަދާނަ ވެގެންވާމީހާ، އިށީނދެ އިނދެ ސުންނަތް ނަމާދު ކުރާނަމަ ސަވާބުގެ ގޮތުން އޭނާއަށް ހުރީ ކޮއްޅަށް ހުރެ ކުރާ ނަމާދުގެ ދެބައިކުޅަ އެއްބައެވެ.

4. ޢުޒުރަކާ ނުލައި ނަމާދު އެޅުމަކީ ބޮޑުފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމާދު އަޅައިފުމަށް އޮންނަނީ ދެޢުޒުރެކެވެ. އެއީ ނިދުމާއި ހަނދާންނެތި ވުމެވެ. މިގޮތުން ނަމާދު އެޅުމުގައި ނިދީން ހޭނުލެވުމާއި ހަނދާންނެތިވުމަކީ ދީނުގައި ޤަބޫލުކުރެވޭ ދެޢުޒުރެވެ. އެކަމުގައި ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް އިރުއަރަންދެން ނަމާދަށް ހޭނުލައި އޮތުމަކީ ނުވަތަ އެކަމަށް އާދަކުރުމަކީ ޢުޒުރެއް ނޫނެވެ. މިހެން ދިމާވާން ޖެހެނީ ޝައިޠާނާ އޭނާގެ މައްޗަށް ވެރިވެގަންނާތީއެވެ.

އެއްފަހަރެއްގައި މީހަކު ރޭގަނޑު ނިދާފައި އޮތްވާ (ހޭނުލެވި) ހެނދުނުވީ ވާހަކަ ދެންނެވުމުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމް ޙަދީޘް ކުރެއްވިއެވެ. "އޭނާގެ ކަންފަތަށް ޝައިޠާނާ ކުޑަޙާއްޖަ ކުރީއެވެ." މިފަދައިންނެވެ. (ބުޚާރީ، މުސްލިމް)

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން