ވޮލީ ކުޅެން ޝައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން އާބަންކޯގެ ފަރާތުން ކޮންމެ އަހަރަކުވެސް ހުޅުމާލޭގައި ބާއްވަމުން އަންނަ ވޮލީ ކޭމްޕް މިފަހަރު މ.މުލަކުގައި ފަށައިފިއެވެ.

އާބަންކޯ އިން ބިޔޯންޑް ހުޅުމާލޭގެ ދަށުން ހުޅުމާލެއިން ބޭރުގައި ތަފާތު ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި އިޖްތިމާއީގޮތުން ކައުންސިލްތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.

އެގޮތުން "ބިޔޯންޑް ހުޅުމާލެ އާބަންކޯ ވޮލީ ބޯލް ކޭމްޕް 2023" ނަމުގައި އާބަންކޯގެ ފަރާތުން މ.މުލަކުގައި ކުރިއަށްދާ ވޮލީ ކޭމްޕަކީ، މުލަކުގެ ދެޖިންސް ކުދިންނަށް އަމާޒުކޮށްގެން ވޮލީ ބޯލް ބޭސިކް ސްކިލްސްގެ އިތުރުން އެޑްވާންސް ސްކިލްސް ދަސްކޮށްދިނުމާއި ކުދިންގެ މެދުގައި ވޮލީއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ހިންގާ ކޭމްޕެއް ކަމަށް އާބަންކޯއިން ހާމަކޮށްފައިވެއެވެ.

އަރބަންކޯއިން ބުނީ މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޭޑް 7ން 9 އަކާ ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ޖުމްލަ 50 އަށްވުރެ ގިނަ ކުދިން ހިމަނައިގެން ކަމަށެވެ. އަދި މި ކޭމްޕް ކުރިއަށް ގެންދާނީ ފެސްޓިވަލެއްގެ ގޮތުގައި 22 އޭޕްރިލް 2023 އިން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށެވެ.

މިއީ މ. މުލަކުގައި ހިންގާ ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް އެންޖީއޯ އާއި، މުލަކު ސްކޫލް އަދި ކައުންސިލާ ގުޅިގެން ކުރިއަށްގެންދެވޭ ހަރަކާތެކެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ވެސް މާލެ ސަރަހައްދަށް އަމާޒުކޮށްގެން އަރބަންކޯގެ ފަރާތުން ވޮލީ ކޭމްޕް ބާއްވާފައިވާއިރު، މާލެ ސަރަހައްދުން ބޭރުގައި މި ކޭމްޕް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މިފަދަ ކުޅިވަރުތައް ބޭއްވުމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާއި ތަރުހީބު ލިބިގެންދާކަން އާބަންކޯއިން ހާމަކުރެއެވެ. އަދި މި ކުޅިވަރުތަކުގެ ސަބަބުން ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ ކުޅިވަރަށް އޮންނަ ލޯބި އިތުރުވެގެންދާކަމަށްވެސް އާބަންކޯއިން ފާހަގަކުރެއެވެ. އެގޮތުން، އަރބަންކޯގެ ފަރާތުން މުސްތަގުބަލުގައި ވެސް މިފަދަ ކުޅިވަރުތައް ބޭއްވުމަށް ރޭވިފައިކަން އެކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.   


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން