(ކުރީގެ އަދަދާގުޅޭ)
.
ޖާހިލިއްޔަ ޒަމާނުގައި ޢަރަބިކަރައިގެ ބަޔަކު މުޢާހަދާއެއް ކުރިއެވެ. އެމުޢާދާގެ ނަމަކީ "ޙިލްފުލްފުޟޫލް" އެވެ. އެ މުޢާހަދާގެ މަޤްޞަދަކީ ލޫޓުވުމާއި ފޭރުމާއި އަނިޔާވެރިކަން ހުއްޓުވުމެވެ. އެ މުޢާހަދާގައި ބައިވެރިވީ ފަޟްލުބިން ފަޟާލާއި ފަޟްލުބިން ވަދާޢާއި ފަޟީލުބިން ޙާރިޘް، މިތިންމީހުންނެވެ. މި މުޢާހަދާގެ ނަން، ޙިލްފުލްފުޟޫލްގެ ނަން ދިފައިއެވަނީވެސް އެތިންމީހުންގެ ނަމާގުޅުވައިފައެވެ. އެހެންކަމުން ފަޟްލޭ ކިޔުނު މީހުންގެ މުޢާހަދާގެ ނަމުން މި މުޢާހަދާ މަޝްހޫރުވެގެންދިޔައެވެ. އެހެންނަނަވެސް މިމުޢާހަދާ ދެމިއޮތީ މުޢާހަދާގެ ބާނީން ދުނިޔޭގައި ދިރިތިބި ދުވަހާހަމައަށެވެ. އެބައިމީހުން މަރުވުމަށްފަހު އެމުޢާހަދާގެ ދެމިއޮތީ ހަމައެކަނި ނަމެއްގައެވެ.
މާތްރަސޫލާގެ ބޮޑުބޭބޭފުޅު، زبير بن عبدالمطلب ގެ ޅެމެއްގައި އެ މުޢާހަދާއަށް އިޝާރާތް ކުރައްވާފައިވެއެވެ.
"ފަޟޫލު ޖަމާޢަތުން އެއްބަސްވެ ޢަހްދުކުރީ މައްކާގައި އެއްވެސް އަނިޔާވެރިޔަކު ހުއްޓަނުދިނުމަށެވެ. އެއީ އެބައިމީހުން ޢަހްދު ކަށަވަރު ހިފައިފައިވާ ކަމެކެވެ. އަވަށްޓެރީންނާއި އެކި ބޭނުންތަކުގައި އަންނަ މީހުން އެމީހުންގެ ތެރޭގައި ތިބޭނީ ރައްކައުތެރިކަމުގައެވެ."
މިދެންނެވި ޙާދިޘާއަށްފަހު ޢަރަބިކަރައިގައި ދާޚިލީ ހަނގުރާމައެއް ހިނގިއެވެ. އެހަނގުރާމައަށް ނަންކިޔެނީ ޙަރްބުލް ފިޖާރު (ހުރުމަތްތެރި ވެގެންވާ މައްސަރުތަކުގައި ކުރެވުނު ހަނގުރާމަ) ގެ ނަމުންނެވެ. އެހަނގުރައަށްފަހު ދެވަނަ ފަހަރަށް ޢަރަބިކަރައިގައި އަމްނުއަމާންކަން ގެއްލުނެވެ. އެދުވަސްވަރު ހިނގި ޙާދިޘާ އެކެވެ. ޔަމަނުކަރައިގެ ޤަބީލާއެއް ކަމުގައިވާ ޒަބީދުގެ މީހަކު ވިޔަފާރި މުދާތަކެއް ހިފައިގެން މައްކާއަށް ހިނގައްޖެއެވެ. ޤުރައިޝްވަންހައިގެ ބޮޑެއްކަމުގައިވާ ޢާޞް ބިން ވާއިލް ސަހްމީ އެތަކެތި ގަނެފިއެވެ. ނަމަވެސް އެއްބަސްވެފައިވާ އަގެއް ނުދިނެވެ. މިކަމާހުރެ ޔަމަނުކަރައިގެ އެވިޔަފާރިވެރިޔާ މައްކާގެ އަހްލުވެރީންގެ ގާތުގައި އާދޭސްކޮށް އެކިމީހުންގެ ގާތަށް ހިނގައިހެދިއެވެ. އެއަށްފަހު އޭނާ ޅެންތަކެއްގެ ޒަރީޢާއިން އޭނާގެ ފަރިޔާދު ޢާންމުންގެ ކުރިމައްޗަށް ހުށަހެޅިއެވެ. އޭގެ ސަބަބުން މައްކާގެ މާތް ބަޔަކު އެކަމަށް ސަމާލުވިއެވެ.
زبير بن عبدالمطلب ގެ މަސައްކަތްޕުޅުތަކެއްގެ ނަތީޖާއެއްގެ ގޮތުން ހާޝިމްވަންހައިގެ ބޭފުޅުންނާއި ތަމީމްވަންހައިގެ މީހުން ޢަބްދު ﷲ ބުން ޖަދުޢާނުގެ ގައަށް އެއްވިއެވެ. މައްސަލައާމެދު މަޝްވަރާ ކުރެއްވުމަށެވެ. އެބައްދަލުވުމުގައި އެއްބަސްވެވުނީ ޙިލްފުލްފުޟޫލް އަލުން ދިރުވުމަށެވެ. އެބޭފުޅުން އެއްބަސްވެވަޑައިގަތީ، އަނިޔާ ލިބޭ މީހުންނަށް އެހީވެދެއްވުމަށާއި، އަނިޔާވެރީންގެ ކިބައިން އެމީހުންގެ ޙައްޤު ލިބިދެއްވުމަށެވެ.
މިޢަހްދަށްފަހު އެބޭފުޅުން ވަޑައިގަތީ ޢާޞްބިން ވާއިލްގެ ގެއަށެވެ. އެބޭފުޅުން ޔަމަނުގެ ވިޔަފާރިވެރިޔާގެ ތަކެތި ޢާޞްގެ އަތުން އަތުލައްވައި ދެއްވިއެވެ.
ޙިލްފުލްފުޟޫލް މުޢާހަދާ ކުރެއްވީ މާތް ރަސޫލާގެ ޒުވާން އުމުރުފުޅުގައެވެ. އެއީ ޢަރަބީންގެ މުޢާހަދާއެއް ކަމުގައިވީނަމަވެސް އެކަލޭގެފާނު އެމުޢާހަދާ ތަޞްދީޤް ކުރެއްވިއެވެ. އަދި މިމުޢާހަދާއާ ގުޅޭގޮތުން އެކަލޭގެފާނުގެ ބަސްފުޅެއް ސީރަތުގެ ފޮތްފޮތުގައި ނަކަލުކުރެވިފައިވެއެވެ.
"ޢަބްދު ﷲ ބިން ޖަދުޢާނުގެ ގޭގައި ބަޔަކު ކުރި މުޢާހަދާއެއްގައި އަހުރެން ބައިވެރިވީމެވެ. އިސްލާމްދީން އައުމަށްފަހު އެކަމަށް އަހުރެންނަށް ގޮވައިލެވުނު ކަމުގައިވީނަމަވެސް އަހުރެން އެކަމަށް އިޖާބަ ދިނީމުހެވެ. އެބައިމީހުން އެއްބަސްވީ ޙައްޤުތައް އޭގެ ވެރިފަރާތަށް ރައްދުކޮށްދިނުމަށާއި އަނިޔާވެރިޔަކު އަނިޔާލިބޭ މީހެއްގެ މައްޗަށް ގަދަވެގަތަ ނުދިނުމެވެ." (ސީރަތު އިބުނު ކަޘީރު)
ެއިބްނު ހިޝާމް އެކަމާގުޅޭ ބައެއް ޙާދިޘާތައް ނަކަލު ކުރައްވާފައިވެއެވެ. އެއިން އެނގެނީ ޙިލްފުލް ފުޟޫލްގެ އަސަރު އޭގެފަހުގެ ޢަަރަބީންގެ ހިތްތަކަށްވެސް ފޯރައިފައިވާކަމެވެ. وليد بن عتبة އަކީ معاوية ގެފާނަށް މާބެ ވިދާޅުވާ ބޭފުޅެކެވެ. މުޢާވިޔަތުގެފާނު އޭނާއަށް މަދީނާގެ ގަވަރުނަރުކަން ދެއްވިއެވެ. އެދުވަސްވަރު ވަލީދުއާއި حسين بن علي رضي الله عنه އާދެމެދު ބިމަކާބެހޭ މައްސަލައެއްގައި ދެބަސްވުމެއް އުފެދުނެވެ. އެއީ ذالمروي އެވެ ކިޔުނު ތަނުގައި އޮތް ބިމެކެވެ. ވަލީދު ބާރުގެ ބޭނުންކޮށްގެން އެބިމަށް ވެރިވާން ޤަޞްދުކުރުމުން ޙުސައިންގެފާނު ވިދާޅުވިއެވެ.
"މާތް ﷲ ގަންދީ ބުނަމެވެ. އަހުރެންގެ ޙައްޤާމެދު ކަލޭ އިންޞާފުވެރިވާހުށިކަމެވެ. އެހެންނޫންނަމަ އަހުރެންގެ ކަނޑި ހިފައިގެން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މިސްކިތުގައި ހުއްޓި ޙިލްފުލް ފުޟޫލަށް ގޮވައިފާހުށީމެވެ."
އޭރު ޢަބްދު ﷲ ބިން ޒުބައިރު ރަޟިޔަ ﷲ އަންހް އެތާނގައި އިންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެންވެސް މާތް ﷲ ގަންދީ ހުވައިކޮށްފައި ބުނަމެވެ. ޙުސައިންގެފާނު ޙިލްފުލް ފުޟޫލަށް ގޮވައިލައްވައިފިނަމަ އަހުރެންވެސް ކަނޑިހިފައިގެން އެކަލޭގެފާނުގެ އަރިހުގައި ހުއްޓޭނަމެވެ. އެކަލޭގެފާނުގެ ޙައްޤު އެކަލޭގެފާނަށް ލިބިވަޑައިގަންނަވަންދެން ނުވަތަ އަހުރެމެން ދެމީހުން އެކުގައި ޤަތުލު ވާންދެނެވެ." އެޚަބަރު مسور بن مخزمة زهري އަށް އިވިވަޑައިގަތުމުން އޭނާވެސް އެގޮތަށް ވިދާޅުވިއެވެ. ހަމައެފަދައިން عبدالرحمن بن عثمان تيمي އަށް އެޚަބަރު ލިބިވަޑައިގަތުމުން އޭނާވެސް އެހެން ވިދާޅުވިއެވެ. ވަލީދުބިން ޢުތުބާއަށް އެޚަބަރު އިވުމުން އޭނާ ޙުސައިނުގެފާނަށް އެކަލޭގެފާނުގެ ޙައްޤު އަދާކޮށްފިއެވެ. (ސީރަތު އިބްނު ހިޝާމް 1 ވަނަ ބައި)
މަތީގައި ބަޔާންކުރެވުނު ތަފްޞީލުތަކުން އެނގިވަޑައިގަންނަވާނެ ފަދައިން އަމްނުއަމާންކަން ގެއްލި ތަންތަން ފަސާދަވުމުން އެކަން ހަމަޖެއްސުމުގައި އިސްލާމްދީން ތަރްޙީބުދޭ އުސޫލަކީ ޙިކްފުލް ފުޟޫލުގެ މަގެވެ. އެކަކުއަނެކަކަށް އަނިޔާއެއް ކުރާނަމަ މުޖުތަމަޢުގެ ޒިންމާދާރު މީހުން ވީހާވެސް އަވަހަކަށް އެތަނަކަށްގޮސް އަނިޔާ ލިބޭމީހާގެ މައްސަލައަކީ ތިމާގެ އަމިއްލަ މައްސަލައަކަށް ހަދައި ތިމާގެ ހުރިހާ ބާރަކާއި ހުރިހާ މަސައްކަތެއް އެކަމަށް ޚާއްޞަކޮށް އަނިޔާވެރިޔާއަށް އަނިޔާއިން އެެއްކިބާވާން މަޖްބޫރުކޮށް އަނިޔާލިބޭ މީހާއަށް އޭނާގެ ޙައްޤު ލިބިދިނުމަށް މުޖުތަމަޢުގެ ޒިންމާދާރު އެންމެން މާތް ﷲ އަށް ޢަހްދުކޮށް އެޢަހްދުމަތީ ސާބިތުވެ ތިބުމެވެ.
ނަމަވެސް މިހާރު ކޮންމެ އަވަށެއްގައިވެސް އަދި ކޮންމެ ރަށެއްގައިވެސް ކަންތައް ހުރިމަގަކީ އެއްމުސްލިމަކު އަނެއްމުސްލިމަކަށް އަނިޔާކުރަނީއެވެ. އެކަކު ހުންނަނީ އަނެކަކު ނިކަމެތިކޮށްލަން ތައްޔާރަށެވެ. އެކަކު އަނެކެއްގެ މައްޗަށް ދޮގު އިލްޒާމްތައް އަޅުވައި ޝަރިޢަތް ހިންގަނީއެވެ. އެކަކު ހުންނަނީ އަނެކެއްގެ މުދާ ދިރުވާލަން ތައްޔާރަށެވެ. މީހަކަށް ކުޑަވެސް ބާރެއް ނުވަތަ ފުރްޞަތެއް ލިބިއްޖެނަމަ އޭނާގެ މަސައްކަތަކަށް ހަދަނީ ނިކަމެތީން އޮބައިގަތުމެވެ. އަނިޔާވެރި ގޮތުގައި އަނެކުންގެ ޙައްޤުތައް ފޭރުމެވެ. މިބާވަތުގެ ޙާދިޘާތައް ހިނގަމުންދާއިރު އެންމެންވެސް ތިބެނީ ވަކި ފަރާތަކަށް ނުޖެހޭ ގޮތުގައެވެ. މަސްޢޫލު ފަރާތްތަކުންވެސް އެކަމާ ނުބެހެއެވެ.
މީހެއްގެ ހިތުގައި ކަންކަން އިޞްލާޙް ކުރުމުގެ ނުވަތަ ޤައުމަށް ޚިދުމަތް ކުރުމުގެ ޝައުޤު އުފެދުނަސް އޭނާގެ މަސައްކަތަކަށް އޮންނަނީ ޖަލްސާކުރުމާއި ތަޤްރީރުކުރުމެވެ. އެތަޤްރީރުތަކުގައި ލަފުޒުގެ ކޯރުތައް ހިންގައިލުމެވެ. އަނިޔާ ލިބޭ މީހުންގެ ނަމުގައި ޖަލްސާ ކުރުމަކީ މީހަކު ޒަޚަމްވުމުން ކަލާ އޭނާ ހޮސްޕިޓަލަށް ގެންދެވުމުގެ ބަދަލުގައި "ޒަޚަމްވާ މީހުންގެ ވަރުގަދަ ކޮންފަރެންސެއް" ބޭއްވުމަށް ދުވެވަޑައިގަތުން ކަހަލަ ކަމެކެވެ.
ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)
********
މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ކޮންމެ ދުވަހުކު ގެނެސްދެމުން އަންނާނެ ސިލްސިލާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު